ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް (ޕީސީބީ)އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރެއްވި އަހުމަދު ނަޝާތަށް ރުހުން ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ (އެސްއޯއީ) ކޮމިޓީއަށް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޕީސީބީގެ ބޯޑަށް ނަޝާތު އައްޔަން ކުރެއްވީ އެ ބޯޑުގެ ގާނޫނީ ދާއިރާގެ މެންބަރެއްގެ ގޮތުގައެވެ.

ނަޝާތު މީގެ ކުރިން ވަނީ އެޓާނީ ޖެނެރަލްގެ އޮފީހުގެ ސްޓޭޓް ކައުންސިލްގެ މަގާމު އަދާކުރައްވައިފައެވެ. އޭނާ އިންޓަނޭޝަނަލް ލޯ އިން މާސްޓާސް ހާސިލުކުރެއްވީ އިނގިރޭސި ވިލާތުންނެވެ.

މިދިޔަ ހަފުތާގައި ރައީސް ވަނީ ޕީސީބީއަށް ފަސް މެންބަރަކު އައްޔަންކުރައްވައިފައެވެ. އެ ބޯޑުގެ ރައީސްގެ މަގާމަށް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި ހަމްދީ އަގީލް އައްޔަންކުރައްވައިފައެވެ.

ޕީސީބީ ބޯޑުގައި ތިބެނީ ޖުމުލަ ހަތް މެންބަރުންނެވެ. ނަމަވެސް ދައުރު ހަމަވުމާ ގުޅިގެން މިދިޔަ ސެޕްޓެމްބަރު މަހު އެ ބޯޑުގެ އޭރުގެ ރައީސްގެ މަގާމުގައި ހުންނެވި އާސިމް މުހައްމަދާއި ބޯޑު މެންބަރު އަލީ ޝަފީއުއާއި ބޯޑު މެންބަރު ރުޝާހާ އަހުމަދު ވަނީ ބޯޑުން ވަކިވެފައެވެ.

އެހެންވެ ބޯޑަށް މެންބަރުން ހަމަނުވެގެން ސަރުކާރުގެ ކުންފުނިތަކަށް މެނޭޖިން ޑިރެކްޓަރުން ވަނީ އައްޔަން ނުކުރެވިއެވެ.

ޕީސީބީއަށް ނަޝާތު އައްޔަން ކުރެއްވުމަށްފަހު އޭނާއަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސް މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅު ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމު ފާތުމަތު ނިއުޝާ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވުމުން، މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ އެ މައްސަލަ އިތުރަށް ދިރާސާކުރަން މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ފޮނުވިކަން އިއުލާން ކުރައްވައިފައެވެ.