ރާއްޖޭގެ މަސްވެރިންކަން ޒަމާނީކޮށް، މަސްވެރިން ތަމްރީނުކުރުމަށް "ފިޝަރީޒް ޓްރެއިނިން އިންސްޓިޓިއުޓް"އެއް އުފައްދަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މީރުމާގައި މިރޭ ބޭއްވި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މަސްވެރިންގެ ގަދަރުއުފުލައި، މަސްވެރިކަން ޒަމާނީކުރުމަކީ އެ މަނިކުފާނު ވަރަށް ބޭނުންފުޅުވާ ކަމެއް ކަމަށެވެ. އެކަމަށްޓަކައި މަސްވެރިން، އިލްމުވެރި ކުރުމަކީ މުހިންމު ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ދުނިޔޭގެ އެހެން ގައުމުތަކުގެ މަސްވެރިކަމުގެ ފަންނިއްޔާތު ރާއްޖޭގައި ވެސް ބޭނުންކުރަން ފެށުމަކީ އެ މަނިކުފާނު ދެކޭ ހުވަފެނެއް ކަމަށް ރައީސް ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ އެއީ އަޅުގަނޑުމެން ހާސިލުކުރާނެ ހަގީގަތެއް. މިކަމަށްޓަކައި މަސްވެރިން ތަމްރީނުކުރާ މަރުކަޒެއް ނުވަތަ ފިޝަރީޒް ޓްރެއިނިން އިންސްޓިޓިއުޓް އަޅުގަނޑުމެން ގާއިމުކުރާނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ އިންސްޓިޓިއުޓް ގާއިމުކުރާނީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)އާ ގުޅިގެން ކަމަށެވެ. އެއާއެކު ފުރަތަމަ ފަހަރަށް ރާއްޖޭގައި ފިޝަރީޒް ކޮލެޖެއް ގާއިމުވެގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެކަމުގެ އިދާރީ ކަންކަން މިހާރު ވެސް ހިނގަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
މަސްވެރިކަމުގެ އިގުތިސޯދު ކުރިއެރުވުމަށް ޖަޕާން ސަރުކާރު އަދި ރާއްޖޭގެ ސަރުކާރާ ގުޅިގެން ކުރިއަށްގެންދާ މަޝްރޫއުގެ ދެވަނަ ފޭސްގެ މަސައްކަތް މިމަހު ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެ މަޝްރޫއުގެ ދަށުން ބޮޑުކަންނެލީގެ މަސްވެރިކަމުގައި އުޅޭ މަސްދޯނިތަކަށް މަހުގެ ކޮލިޓީ ރަނގަޅު ކުރުމަށް ޕްރޮގްރާމްތަކެއް ހިންގާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެ ތަމްރީނުތަކުގެ ތެރޭގައި މަސްބާނާ ވަގުތުން ފެށިގެން މަސް ރައްކާކޮށް ބެހެއްޓުމާ ގުޅޭ ތަމްރީނުތަކެއް ބާއްވާނެ ކަމަށް ވިދާޅުވިއެވެ.
"މި ޕްރޮގްރާމުގެ ދަށުން ޝަޝިމީ ގްރޭޑުގެ ބޮޑު ކަންނެލި ޕްރޮސެސްކުރާ ކުންފުނިތަކަށް ލިބޭ މިންވަރު އިތުރުކުރުމަށް މަގުފަހިވެގެންދާނެ. މިއީ މަހުގެ އަގު އުފުލޭނެ ގޮތް. މަސްވެރިންގެ ތިޔާގިކަން އިތުރުވާނެ މަގު،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އެ މަނިކުފާނު ވިދާޅުވީ ކަނޑު ގޮވާމަކީ މަސްވެރިކަމުގެ ދާއިރާ އެންމެ ފުޅާ ދާއިރާއެއްގައި ކުރިއެރުވުމަށް ލިބޭ ފުރުސަތު ކަމަށެވެ. ރާއްޖޭގެ އިގުތިސޯދު ފުޅާކުރުމަށް ކަނޑުގެ ދިރުންތައް މުޑުވައް ތައާރަފުކުރުމަށް މަސައްކަތްތަކެއް ކުރި ނަމަވެސް އަދި ކާމިޔާބުވެފައިނުވާ ކަމެއް ކަމަށެވެ.
"ހަފުތާ 14ގެ ވައުދުގެ ތެރޭގައި އެކޯ ކަލްޗާ ދާއިރާއަށް ބޭނުންވާ ހުނަރު ޒުވާނުންނަށް ދަސްކޮށްދީ، ހެޗަރީތައް ބިނާކޮށް ކަނޑުގެ ދިރުންތައް އާލާކުރުމުގެ ގާބިލުކަން ރާއްޖޭގައި އުފެއްދުމަށްޓަކައި މެރިން ހެޗަރީ ސްކިލް ޑިވެލޮޕްމެންޓް ޕްރޮގްރާމުގެ ނަމުގަ ސިލްސިލާ ތަމްރީންތަކެއް މި ހިނގާ މަހުގެ ތެރޭގައި އިރާދަކުރެއްވިޔާ ފެށިގެންދާނެ،" ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު