"މިނަމާޓާ ކޮންވެންޝަން އޮން މާކިއުރީ" ރާއްޖެއިން ތަސްދީގުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެ މަނިކުފާނުގެ ކެބިނެޓުން ލަފާދެއްވައިވާތީ، ރައްޔިތުންގެ މަޖިލީހުގެ ލަފާ ހޯދަން ނިންމައިފިއެވެ.
ރައީސް އޮފީހުން އިއްޔެ ބުނީ އެގޮތަށް ނިންމާފައިވަަނީ، ރައީސް އޮފީހުގައި އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓްރީން އެކަމާ ގުޅޭގޮތުން ހުށަހެޅި ކަރުދާހަށް މަޝްވަރާކުރުމަށްފަހު ކަމަށެވެ.
"މިނަމާޓާ ކޮންވެންޝަން އޮން މާކިއުރީ" ތަންފީޒުކުރުމުން، މާކިއުރީ ހިމެނޭ އާލާތްތައް ދެނެގަނެ، އެތަކެތި ފޭސް-އައުޓްކޮށް، އޭގެ ބަދަލުގައި ބޭނުންކުރެވޭނެ އާލާތްތައް ފާހަގަކޮށް، އެތަކެތި ނައްތާލުމުގައި ކަނޑައަޅާފައިވާ ތިމާވެށްޓަށާއި އިންސާނުންގެ ސިއްހަތަށް ރައްކާތެރި މިންގަނޑުތަކަށް އަމަލުކުރުމަށް ބާރު އެޅިގެންދާނެއެވެ. އަދި "މިނަމާޓާ ކޮންވެންޝަން އޮން މާކިއުރީ" ތަސްދީގުކުރުމަށް ބޭނުންވާ މާލީ އެހީވެސް ދައުލަތަށް ލިބިގެންދާނެއެވެ.
"މިނަމާޓާ ކޮންވެންޝަން އޮން މާކިއުރީ" އަކީ 2013 ވަނަ އަހަރު އދ. ގެ އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް)ގެ ފަރާތުން ދިރޭރަހަ ނުވަތަ މާކިއުރީ އެކުލެވޭ އުފެއްދުންތަކުން ބޭރުވާ ނުރައްކާތެރި ވިހަ މާއްދާތަކުން އިންސާނުންގެ ސިއްހަތަށާއި ތިމާވެށި ރައްކާތެރިކުރުމުގެ މަގުސަދުގައި އެކުލަވާލި ކޮންވެންޝަނެކެވެ.
އެ ކޮންވެންޝަން މިހާތަނަށް 147 ގައުމަކުން ތަސްދީގުކޮށްފައިވާ އިރު، 2017 ވަނަ އަހަރުން ފެށިގެން ރާއްޖެއިން ވެސް އަންނަނީ އެ ކޮންވެންޝަން ތަސްދީގުކުރުމަށް މަސައްކަތްކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު