މޯލްޑިވްސް ޒަކާތު ހައުސްއެއްގެ ގޮތުގައި ވަކި އިދާރާއެއް ހަދަން ސަރުކާރުން ނިންމައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ވަނީ ކެބިނެޓް ބައްދަލުވުމެއް ބާއްވަވައިފައެވެ. އެ ބައްދަލުވުމުގައި ނިންމި ކަންކަމުގެ މައުލޫމާތު ހިއްސާކުރެއްވުމަށް ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ އަންޑާ ސެކްރެޓެރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒަލް ވިދާޅުވީ ޒަކާތުގެ މަސައްކަތްތައް މިހާރު ކުރަމުންދަނީ އިސްލާމިކް މިނިސްޓްރީގެ ޑިޕާޓްމެންޓެއްގެ ގޮތުގައި ކަމަށެވެ. އެހެންވެ މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ނިންމާފައިވަނީ ޒަކާތުގެ ކަންކަމަށް ވަކިން އިދާރާއެއް އުފެއްދުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ނިންމުމަކާއެކު އެ ސެކްޝަން ވަކި ހާއްސަ މުސްތަގިއްލު އިދާރާއެއްގެ ގޮތުގައި ގާއިމުކުރެވިގެންދާނެ. މި އިދާރާ ވަކި މުސްތަގިއްލު އިދާރާއެއްގެ ގޮތުގައި ގާއިމުކުރުމުގެ ބޭނުމަކީ ޒަކާތުގެ ގޮތުގައި މިހާރު އެކި ފަރާތްތަކުން ދައްކާ މިންވަރު އިތުރުކޮށް އެ ޒަކާތުން ކުރެވޭ މަސައްކަތުގެ ތެރެއިން، ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ޒަކާތުގެ ތެރެއިން ކުރެވޭ ހޭދައަކީ އެއީ އިސްލާމީ ޝަރީއަތުގައިވާ މަތިން ބެހެނިވެރިންނަށް ވަކި ހާއްސަ ގޮތަކަށް ބެހިގެންދާ ޖެހޭ މިންވަރެއް،" ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ، ޒަކާތަށް ވަކި އިދާރާއެއް އުފެއްދުމުގެ މަގުސަދުގެ ތެރޭގައި ޒަކާތް ލިބިގަންނަ މީހުންނަކީ ޒަކާތް ނެރޭ މީހުންނަށް ހެދުން ހިމެނޭ ކަމަށާއި ޒަކާތުގެ ގޮތުގައި ލިބޭ މިންވަރު ދެގުނައަށް އިތުރުކުރުމަކީ ވެސް އަމާޒެއް ކަމަށެވެ. އަދި ޒަކާތް ދެއްކުމަށް މީހުން ހޭލުންތެރިކޮށް އޭގެ ނަފާ ޒަކާތް ހައްގުވާ މީހުންނަށް ހޯދައިދިނުމަކީ ވެސް އަމާޒެއް ކަމަށް ފިރުޒުލް ވިދާޅުވިއެވެ. ޒަކާތުގެ ފައިސާ މިހާރު ބޭނުން ކުރަމުންދަނީ މާބޮޑު ނިޒާމީ ރޭވުންތެރިކަމެއް ނެތި ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ނަމަވެސް ޒަކާތުގެ ހައުސް ގާއިމުކުރެވުމާއެކު ޒަކާތުގެ ފައިސާ ނިޒާމެއްގެ ތެރެއިން ހަރަދުކުރެވޭނެ ގޮތްތަކެއް ހަމަޖެހިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ނީޒާމީ ގޮތެއްގައި ރާއްޖޭގައި ފަގީރުކަމުގެ ހާލަތު ނައްތާލުމަށް، މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.