ގާނޫނުއަސާސީއާއި ގާނޫނުތަކުގައި ބުނާ ޝަރުތުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރެއްވި ވަޒީރުންގެ ހަމަވާ ކަމަށް ކަނޑައަޅައި، މަޖިލިސް ތަޅުމުގައި ވަކިވަކިން ވޯޓަށް އަހައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ދިނުމަށް މަޖިލިސް ތަޅުމަށް ފޮނުވުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދެންމެ ފާސްކޮށްފިއެވެ.
ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ ގޮތުން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އެގޮތަށް ފާސްކުރަން ކޮމިޓީއަށް ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ޝިފާއުއެވެ. ތާއީދު ކުރެއްވީ ތުލުސްދޫ ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ނަސީމެވެ.
ޝިފާއު ވިދާޅުވީ، ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވާފައިވާ ހުރިހާ ވަޒީރުންގެވެސް، ވަޒީރެއްގެ ހުންނަންޖެހޭ ޝަރުތުތައް ހަމަވާ ކަމަށް ނިންމައި، ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށްޓަކައި ކޮންމެ ވަޒީރަކަށްވެސް މަޖިލިސް ފްލޯގައި ވަކިވަކިން ވޯޓަށް އެހުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ހުށަހަޅާ ކަމަށެވެ.
އެ ހުށަހެޅުމަށް ތާއީދު ކުރައްވަމުން މެމްބަރު ނަސީމު ވިދާޅުވީ، ވަޒީރުންގެ މަޖިލީހުގެ 22 މެންބަރުންގެ ތެރެއިން ކޮންމެ މެންބަރަކަށް ކޮމިޓީގައި ވޯޓަށް އަހައިގެން އެއިން ކޮންމެ ވަޒީރަކަށް ރިޕޯޓެއް ހަދައިގެން ކޮންމެ ރިޕޯޓަކަށް އެއްގަޑިއިރު މަޖިލީހުގައި ބަހުސްކުރަން ދިނުމަކީ، ވަގުތުތައް ބޭކާރުކުރުން ކަމަށެވެ. އެކަމުގައި ކޮމިޓީގެ މަސްއޫލިއްޔަތަކީވެސް ވަޒީރުންގެ ކިބައިގައި ޝަރުތު ހަމަވޭތޯ ބެލުން ކަމަށެވެ.
ކޮންމެ ވަޒީރަކަށް ކޮމިޓީގައި ވަކިވަކިން ވޯޓަށް އެހުމުގެ މައްސަލަ ނަސީމު ފާހަގަކުރެއްވީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެގޮތަށް ވަކާލާތު ކުރައްވަމުން ގެންދެވުމާ ގުޅިގެންނެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ ގޮތުން ފުރަތަމަ ހުށަހެޅުން ހުށަހެޅުއްވީ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގެވެ. އޭނާ ވިދާޅުވީ އެ މައްސަލަ ކޮމިޓީއަށް ހުށަހެޅުމާއެކު ގާނޫނުއަސާސީގައި ބުނާ ޝަރުތުތައް އެ ބޭފުޅުންގެ ކިބައިގައި ހަމަވޭތޯ ބެލުމަށް އެންމެ ފުރަތަމަ ކޮމިޓީން ނިންމި ކަމަކީ ބޭރު ގައުމެއްގެ ރައްޔިތުކަން އެއިން އެއްވެސް ބޭފުޅަކަށް ލިބިފައިވޭތޯ ބެލުން ކަމަށެވެ. ނަމަވެސް އެމަކާ ގުޅޭ ގޮތުން ރައީސް އޮފީހުން ކޮމިޓީއަށް ފޮނުއްވި ޖަވާބުގައި އެކަން ސާފުވެފައިވާ ކަމަށް ވިދާޅުވިއެވެ.
އެހެންކަމުން ގާނޫނުއަސާސީން ކެބިނެޓް އެކުލަވާލުމަށް ރައީސް މުއިއްޒަށް ލިބިދޭ އިހުތިޔާރުގެ ދަށުން އެ މަނިކުފާނު އެކުލަވާލައްވާފައިވާ 22 ވަޒީރުންގެ އެއްވެސް މައްސަލައެއް ފާހަގަކުރެވިފައިނުވާތީ އެ 22 ވަޒީރުންނަށް އެއްފަހަރާ ރުހުން ދިނުމަށް ކޮމިޓީން ފާސްކުރަން ތޯރިގު ހުށަހެޅުއްވިއެވެ.
ޖެހިގެން ލިބުނު ފުރުސަތުގައި މެމްބަރު ޝިފާއު ވިދާޅުވީ، ވަޒީރުންނަށް ރުހުން ދިނުމާބެހޭ ގޮތުން ކޮމިޓީއަށް ފޮނުވާފައިވާ ލިޔުންތަކާއި އެހެނިހެން ގޮތް ގޮތުން ހޯދާފައިވާ މައުލޫމާތުތަކަށް ބަލާއިރު، ގާނޫނުއަސާސީއާއި އެއްވެސް ގާނޫނެއްގައި ވަޒީރެއްގެ ގައިގައި ހުންނަންޖެހޭ އެއްވެސް ޝަރުތެއް އެއިން އެއްވެސް ބޭފުޅެއްގެ ކިބައިގައި ހަމަނުވާ ކަމަށް ބެލެވެން ނެތް ކަމަށެވެ. ރައްޔިތުން ރައީސުލްޖުމްހޫރިއްޔާއަކު އިންތިހާބު ކުރުމަށްފަހުގައި ކެބިނެޓް އެކުލަވާލުމަކީ ރައީސުލްޖުމްހޫރިއްޔާއަށް މުތުލަގަށް ލިބިގެންވާ ބާރެއް ކަަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން ގާނޫނުއަސާސީއާއި ގާނޫނުތަކުގެ ތެރެއިން ރައީސް އައްޔަންކުރާ ކެބިނެޓަށް މަސައްކަތް ކުރުމުގެ ޖާގަ ތަނަވަސް ކޮށްދިނުމަކީ މަޖިލީހުގެ ޒިންމާއެއް ކަމުން، ރުހުން ހޯއްދެވުމަށް ފޮނުވާފައިވާ ހުރިހާ ވަޒީރުންނަށް ވަކިވަކިން، ކޮންމެ ވަޒީރަކަށް ރުހުންދިނުމަށް ކޮމިޓީން ފާސްކުރަން ހުށަހަޅުއްވާ ކަމަށްވެސް ވިދާޅުވިއެވެ.
މެމްބަރު ނަސީމު ފުރަތަމަ ތާއީދުކުރެއްވީ ތޯރިގުގެ ހުށަހެޅުއްވުމަށެވެ. އޭނާ ވިދާޅުވީ ގާނޫނުއަސާސީއާއި ގާނޫނުތަކުގައި ބުނާ ޝަރުތުތައް ހަމަވާތީ 22 ވަޒީރުންނަށް އެކުގައި ރުހުން ދިނުމަށް ތޯރިހު ހުށަހެޅުއްވި ހުށަހެޅުއްވުމަށް ތާއީދު ކުރައްވާ ކަމަށެވެ. ނަމަވެސް އޭގެ ފަހުން ތޯރިގުގެ ހުށަހެޅުން އަނބުރާ ގެނެސް މެމްބަރު ޝިފާއުގެ ހުށަހެޅުއްވި ގޮތަށް ވަޒީރުންނަށް ވަކިވަކިން ވޯޓަށް އެހުމަށް ތޯރިގު ތާއީދުކުރެއްވިއެވެ.
ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފު ވިދާޅުވީ، ބައެެއް ވަޒީރުންނާމެދު އާއްމުންގެ މެދުގައި ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، އެ ބޭފުޅުންގެ ކުށުގެ ރެކޯޑާއި ކޯޓުތަކުން ލިބުނު މައުލޫމާތުތަކާއި ރައީސް އޮފީހުން ކޮމިޓީއަށް ފޮނުވާފައިވާ މައުލޫމާތުތަކަށް ބަލާއިރު ޝަރުތު ހަމަނުވާ އެއްވެސް ބޭފުޅަކު އޭގެ ތެރޭގައި ނެތް ކަމަށެވެ.
ކޮމިޓީ މުގައްރިރު، މާފަންނު ހުނޅަގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ވިދާޅުވީ، ޑރ. މުއިއްޒުގެ ދެ ވަޒީރެއްގެ އަތުގައި ބޭރު ދެ ގައުމެއްގެ ސިޓިޒަންޝިޕް އޮތް ކަމަށް ތުހުމަތު ކުރެވުނު މައްސަލައިގައި އެކަން އޮތް ގޮތް ކަށަވަރު ކޮށްދޭން ކޮމިޓީން ރައީސް އޮފީހުގައި އެދުނު ކަމަށެވެ. އަދި އެކަން ސާފުކޮށްދެމުން ތުހުމަތު ކުރެވުނު ދެ ވަޒީރުންގެ އަތުގައި އޮތް ދެ ގައުމެއްގެ ސިޓިޒަންޝިޕް އެ ބޭފުޅުން ވަޒީރުކަމުގެ ހުވާކުރުމުގެ ކުރިން ދޫކޮށްލާފައިވާކަން ރައީސް އޮފީހުން ބުނެފައިވާ ކަމަށް ވިދާޅުވިއެވެ.
ޝިފާއު ހުށަހެޅުއްވައިގެން ނަސީމު ތާއީދުކުރެއްވި ހުށަހެޅުން ކޮމިޓީން ފާސްކުރީ، ކޮމިޓީ ބައްދަލުވުމުގައި ތިއްބެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުން ފެށުމާއެކު ރައީސް މުއިއްޒުގެ ކެބިނެޓްގައި ތިއްބެވި ބައެއް ވަޒީރުންގެ ބޮލުގައި ވައްކަމުގެ ތުހުމަތު އަޅުވައި، ވައްކަމުގެ ޑީގްރީ އޮތް ކަމަށް ވިދާޅުވެ، ބައެއް ވަޒީރުންނަށް ރުހުންދީގެންނުވާނެ ކަމަށް މެމްބަރު ޖާބިރު އަޑުގަދަ ކުރައްވަމުން ގެންދެވިއެވެ.
އެކަމަށް ރައްދުދެއްވަމުން ކޮމިޓީގެ މުގައްރިރު ފަލާހު ވިދާޅުވީ، އެއިން އެއްވެސް ބޭފުޅެއްގެ އަތުގައި ވައްކަން ކުރުމުގެ ޑީގްރީއެއް އޮތްކަން ކޮމިޓީން ހޯދުމަށް އެދިގެން އެ ބޭފުޅުންނާ ގުޅޭ ގޮތުން ރައީސް އޮފީހުން މަޖިލީހަށް ފޮނުވި އެއްވެސް ލިޔުމަކު ނެތް ކަމަށެވެ. އަދި އެ ބެފުޅުންނާ ގުޅިގެން ކަނޑައެޅިގެން އިތުރުފުޅު ހެއްދެވުން ރަނގަޅު ނޫން ކަމަށާއި އެއްވެސް ވަޒީރަކު ވައްކަން ކުރި ވާހަކައެއް އޭގައި ހިމެނިފައިނުވާ ކަމަަށްވެސް ވިދާޅުވިއެވެ.
ނަމަވެސް ޖާބިރު ވިދާޅުވީ، ވަޒީރުން އައްޔަންކުރުމަކީ ރައީސްގެ ޒިންމާއެއްގެ ނަމަވެސް، އެ ވަޒީރުންނަށް މަޖިލީހުން ރުހުން ދިނުމަށާއި އިދިކޮޅު ޕާޓީގެ މެންބަރުން މަޖިލީހުގައި ތިއްބަވަނީ ކީއްކުރަންތޯ ވިސްނަންޖެހޭ ކަމަށެވެ.
"ކުރީގެ ވަޒީރުކަންކޮށްފައި ތިބި އެތައް މައްސަލަތަކެއް ހުރި މީހުން މި ކެބިނެޓްގައި އެބަ ތިބި އެތައް ބައިވަރު މައްސަލަތައް އެ މީހުންގެ އޮތް ކަމަށް އެމްޑީޕީންވެސް ބުނާ މީހުން އެބަ ތިބި. އެހެންކަމުން މުގައްރިރުގެ ޒިންމާއެއް އެއީ އެކަންތައް ސާފުކުރުން، އެހެންކަމުން އިއުތިރާޒު ކުރާ މެންބަރުން އެބަ ތިބި ވަޒީރުންގެ މަޖިލީހުގައި. އެހެންކަމުން ކޮމިޓީގައިވެސް ވަކިވަކިން ވޯޓަށް އަހަން ޖެހޭނީ. އަދި މަޖިލިސް ތަޅުމުގައިވެސް ވަކިވަކިން ވޯޓަށް އަހާނީ. ނުބައި ވަޒީރުންގެ މަޖިލީހެއް އެޕްރޫވް ކުރުމުގެ ސަބަބުން ފެއިލް ވެގެންދިޔަ ސަރުކާރަށް ބޮޑެތި ގެއްލުންތަކެއްވި، ކިތައް ވައްކަންކުރިހޭ އެކަން ތަކުރާރުވާން ފުރުސަތު ދޭންވީތޯ. މި ހުރިހާ ކަމަކަށް ރިއާޔަތް ކުރަންޖެހޭ، އެހެންވެގެން ވޯޓަށް އަހަންޖެހޭނީ ވަކިވަކިން،" ޖާބިރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު