ބޮލީވުޑްގެ މަގުބޫލު އާއިލާއެއް ކަމަށްވާ ބަޗަން އާއިލާ ތެރޭގައި ހަމަނުޖެހުންތަކެއް އުޅޭކަމުގެ ވާހަކަތައް ފެތުރިފައިވާތާ ދުވަސްކޮޅެއްވެއްޖެއެވެ. އަބީޝެކް ބަޗަން އަދި އައިޝްވަރިޔާ ރާއީ ބަޗަން ވަރިވެފައިވާ ކަމުގެ އަޑުތައްވެސް ދަނީ ފެތުރެމުންނެވެ.

އަމީތާބް ބަޗަންގެ ކާފަ ދަރިފުޅު، އަގަސްތިޔަ ނަންދާގެ ފިލްމު 'ދަ އާޗީސް' ގެ ޕްރިމިއާއިން މުޅި އާއިލާ އެކީގައި ފެނުމުން އަބީޝެކް އައިޝްގެ ވަރީގެ ވާހަކަތަކަކީ ދޮގު ވާހަކަތަކެއްކަމަށްވެސް ބައެއް ރިޕޯޓްތައް ދަނީ ބުނަމުންނެވެ. ނަމަވެސް އެ ހަފުލާއަށްފަހު އަމީތާބް ބަޗަން ވަނީ އައިޝްވަރިޔާ އިންސްޓަގްރާމުން ފޮލޯ ކުރުން ހުއްޓާލާފައެވެ.

އެކަމާ ގުޅިގެން މީޑިއާގައި އަނެއްކާވެސް ބަޗަން އާއިލާގެ މައްސަލަތަކުގެ ވާހަކަތައް ފެތުރިގަތެވެ. ހަމަ އެއާއެކު އަމީތާބު ކޮށްފައިވާ ޓުވީޓެއްގެ ސަބަބުން އެވާހަކަތަކަށް އިތުރަށް ބާރުލިބިގެންދެއެވެ.

އެ ޓުވީޓުގައި އަމީތާބު ބުނެފައިވާގޮތުގައި "ހުރިހާ އެއްޗެއް ބުނެވިއްޖެ، ހުރިހާ ކަމެއް ކުރެވިއްޖެ. އެހެންވީމަ ކުރިކަންތައް ކުރާށޭ، ކުރެވުނު ކަންތައް ދޫކޮށްލާށޭ" މަޒާޖީކޮށް އަމީތާބު ކޮށްފައިވާ މި ޓުވީޓުގެ އަސްލު މާނައަކީ ކޮބައިކަން ނޭނގުނަސް މީޑިއާތަކުން ދަނީ އަބީޝެކް އައިޝްގެ ވަރީގެ ވާހަކަތަކާ އެ ޓުވީޓު ގުޅުވަމުންނެވެ.

މި ވާހަކަތަކަށް ރަސްމީކޮށް އެ އާއިލާގެ ބަހެއް އަދި ލިބިފައި ނުވާއިރު އަބީޝެކް އާއި އައިޝްވަރިޔާ މި ފަހަކަށް އައިސް ފެންނައިރު އަތުގައި ކައިވެނީގެ އަނގޮޓިވެސް ނޯންނަ ވާހަކަތައް ދަނީ ދެކެވެމުންނެވެ. އައިޝްވަރިޔާގެ އުފަންދުވަހުގެ ހަފުލާގައި ބަޗަން އާއިލާއިން ބައިވެރިވެފައި ނުވާތީ އެކަންވެސް ވަނީ މީޑިއާތަކުން މި މައްސަލަ ތަކާ ގުޅުވާފައެވެ.

ދަ އާޗީސް ޕްރިމިއާގައި ބަޗަން އާއިލާ ފެނުނީ ވަރަށް އެކުގައެވެ. އާއިލާ އެކުގައި ފޮޓޯ ނަގާފައިވާއިރު އައިޝްވަރިޔާވެސް އަގަސްތިޔާއަށް ތަރުހީބު ދޭ ވީޑިއޯތަކެއް އަންނަނީ ވައިރަލްވަމުންނެވެ.