އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ސަޕްލައި ފެނުގެ ހިދުމަތް ކެނޑިފައިވަނީ، މަރާމާތަށް އިސްކަން ނުދެވުމާއި އެކަށީގެންވާ ފެނުގެ ސްޓޯރޭޖެއް ގާއިމުކުރެވިފައި ނެތުމުން ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ސަޕްލައި ފެނުގެ ހިދުމަތް ވަނީ ކެނޑިފައެވެ. އެ މައްސަލަ އިއްޔެއާ ހަމައަށް ހައްލު ކުރެވޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފައިވީ ނަމަވެސް، އެ މައްސަލަ އަދިވެސް ހައްލެއް ނުވެއެވެ.
ފެނަކަ ކޯޕަރޭޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލަ އެއްކޮށް ހައްލުކޮށް މިރޭގެ ވަގުތެއްގައި ފެނުގެ ހިދުމަތް އަލުން ދޭން ފެށޭނެ ކަމަށެވެ.
ފެނަކައިން ބުނީ، ފެނުގެ ހިދުމަތް މެދުކެނޑެން މެދުވެރިވީ، ތާވަލުކުރެވިގެން ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތައް ކުރުމަށް އިސްކަން ދެވިފައި ނުވާތީއާއި ޔޫޓިލިޓީ ރެގިއުލޭޝަން އޮތޯރިޓީން އިންސްޕެކްޓްކޮށް ހައްލުކުރަން ޖެހޭ ކަންކަން ހައްލުކުރުމަށް އަންގައި ފޮނުވާފައިވާ ރިޕޯޓުގައިވާ ޓައިމްލައިނާ އެއްގޮތަށް އަމަލުކުރެވިފައި ނުވުމުގެ ސަބަބުން ކަމަށެވެ.
"އަދި ޕްލާންޓަށް މައްސަލަ ދިމާވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފެނުގެ ހިދުމަތް މެދުކެނޑިފައިވަނީ އެކަށީގެންވާ ފެނުގެ ސްޓޯރޭޖު ގާއިމުކުރެވިފައި ނެތުމުގެ ސަބަބުންކަން ފާހަގަކުރަމެވެ..،" އެ ބަޔާނުގައި ބުންޏެވެ.
އެ ބަޔާނުގައި ފެނަކައިން ވަނީ އައްޑޫގައި ފެނުގެ ސްޓޯރޭޖު އިތުރުކުރުމަށް ކުރަން ޖެހޭ ކަންކަން ކަމާ ބެހޭ އިދާރާތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށް ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު