އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ލިވަޕޫލުން ކުޅުނު މެޗުގައި ފަހަތުން އަރައި ކްރިސްޓަލް ޕެލެސް ބަލިކޮށްފިއެވެ.

މިއަދު ލިވަޕޫލުން ރަށުން ބޭރުގައި ޕެލެސް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މިއަދުގެ މެޗުގައި ލިވަޕޫލް ކޮޅަށް ޕެލެސްއިން ފުރަތަމަ ގޯލެއް ޖެހި ނަމަވެސް، ލިވަޕޫލުން ވަނީ ނަތީޖާ އަނބުރާލައި އިނގިރޭސި ޕްރިމިއާ ލީގު ތާވަލުގެ އެއްވަނައަށް ޖެހިލައިފައެވެ.

ލިވަޕޫލުން ތާވަލުގެ އެއްވަނައިގައި އޮތީ 16 މެޗުން 37 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އާސެނަލް އޮތީ 15 މެޗުން 36 ޕޮއިންޓާއެކުގައެވެ. އެސްޓަން ވިލާ މިވަގުތު ތިންވަނައިގައި އޮތް އިރު، އެޓީމަށް ވަނީ 15 މެޗުން 32 ޕޮއިންޓް ލިބިފައެވެ. އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން މިވަގުތު ހަތަރު ވަނައިގައި އޮތީ 15 މެޗުން 30 ޕޮއިންޓާއެކުގައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަ ހަމަލާތަކެއް ފެނިގެން ގޮސްފައިނުވާ އިރު، އަންދްރޭ އަޔޫއާއި އޮޑްސޯން އެޑްވާޑް ފޮނުވާލި ހަމަލާތައްވެސް މަތަކުރީ އެލިސަން ބެކާއެވެ. ބެކާ މިއަދުގެ މެޗަށް ނުކުތީ އަނިޔާގެ ސަބަބުން ދެ ހަފުތާގެ ކުޅުން ގެއްލުމަށްފަހުއެވެ.

ދެވަނަ ހާފް ފެށިގެން 56 ވަނަ މިނެޓުގައި ރެފްރީ ވަނީ ޕެލެސްއަށް ޕެނަލްޓީއެއް ދީފައެވެ. ޕެލެސްއަށް ލިބުނު ޕެނަލްޓީއަކީ އެންޑޯ ވަޓަރު، އޭރިއާ ތެރެއިން ވިލް ހިއުސްއަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ. އެ ޕެނަލްޓީ ރެފްރީ ދިނީ ފައުލްއަށް މިނެޓެއް ހިނގި ފަހުންނެވެ. އެ ފައުލް ރިވިއުކުރީ ވީއޭއާރް ޓީމުންނެވެ.

ޕެލެސްއިން އެ ގޯލާއެކު ލީޑު ނެގި ނަމަވެސް، 76 ވަނަ މިނެޓުގައި މުހައްމަދު ސަލާހް ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެއީ ސަލާހް ޕްރިމިއާ ލީގުގައި ޖެހި 150 ވަނަ ގޯލެވެ. އަދި ލިވަޕޫލް ޖާޒީގައި އޭނާ ޖެހި 200 ވަނަ ގޯލެވެ. ސަލާހަކީ ލިވަޕޫލް ޖާޒީގައި 200 ގޯލު ހަމަކުރި ފަސްވަނަ ކުޅުންތެރިޔާއެވެ. އެ ކްލަބަށް މީގެ ކުރިން 200 ގޯލު ޖަހާފައިވާ ކުޅުންތެރިންނަކީ އިއާން ރަޝްއާއި ރޯޖާ ހަންޓްގެ އިތުރުން ގޯޑަން ހޮޖްސަން އަދި ބިލީ ލިޑެލްއެވެ.

މެޗުން ލިވަޕޫލް މޮޅުކޮށްދިން ގޯލު، ނިމެން ދަނިކޮށް ޖެހީ ހާވީ އެލިއޮޓެވެ.