މިރޭގެ ވަގުތެެއްގައި އައްޑޫ ސިޓީއަށް ފެން ފޯރުކޮށްދެވޭނެ ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

އާރުއޯ ޕްލާންްޓުގެ ވީއެފްޑީ ޑްރައިވަށް ދިމާވި މައްސަލައަކާ ގުޅިގެން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ފެން ކެނޑުނީ މީގެ ދެ ދުވަސް ކުރިންނެވެ. އެކަން ހައްލު ކުރުމަށް މާލެއިން އާރުއޯ ޕްލާންޓުގެ ވީއެފްޑީ ޑްރައިވެއް އިއްޔެ އެއާފްރައިޓް ކޮށް، އިންސްޓޯލް ކޮށްފައިވީ ނަމަވެސް އަދިވެސް އެ މައްސަލަ ހައްލެއް ނުވެއެވެ.

އެކަމާ ގުޅިގެން "ވަން" އަށް މައުލޫމާތުދެއްވަމުން އެމްޑީ މުއާޒް މިއަދު ވިދާޅުވީ އެމްޑަބްލިޔުއެސްސީގެ ސްޕެއާއެއް ފުނުވަން މިހާރު ނިންމާފައިވާ ކަމަށެވެ. އެގޮތުން، އެމްޑަބްލިޔުއެސްސީގެ އިންޖީނިއަރުންނާއެކު އެ ސްޕެއާ ފޮނުވާނީ މިއަދު މެންދުރުފަހު 3:00ގައި ފުވައްމުލަކަށް ދާ ފްލައިޓު ޑައިވާޓްކޮށްގެން ކަމަށް މުއާޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ސްޕެއާ އިންސްޓޯލްކޮށް، މިރޭގެ ވަގުތެއްގައި އައްޑޫއަށް ފެން ދެވޭނެ ކަމަށެވެ.

ފެނަކައިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އިއްޔެ މާލެއިން ގެންދިޔަ ޑްރައިވް އިންސްޓޯލް ކުރުމަށްފަހުވެސް މައްސަލަ ހައްލު ނުވީ މާލެއިން ގެންދިޔަ ވީއެފްޕީ ޑްރައިވްގައި މައްސަލަތަކެއް ހުރުމުން ކަމަށެވެ.