ސްޓެލްކޯގެ އާ ޗެއާމަނަކަށް އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ)ގެ މަގާމުގައި އެންމެ ފަހުން ހުންނެވި މުހައްމަދު ލަތީފު އިއްޔެ އައްޔަންކޮށްފިއެވެ.

މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑު ހިންގި ދުވަސްވަރު އެ ތަނުގެ އިނގިރޭސި ސެކްރެޓަރީއެއްގެ ވަޒީފާއިން ހިދުމަތް ފެއްޓެވި ލަތީފުގެ އުމުރުން 65 އަހަރު ވުމުން ހިދުމަތުން ރިޓަޔާ ކުރެއްވީ މިދިޔަ ނޮވެމްބަރު މަހުގެ 27 ގައެވެ. އޭނާ ހިދުމަތުން ރިޓަޔާ ކުރެއްވީ ސްޓެލްކޯގައި މެދުނުކެނޑި 34 އަހަރު ހިދުމަތް ކުރެއްވުމަށްފަހުއެވެ.

ސްޓެލްކޯގެ ޗެއާމަންގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ކުރީގެ ބްރިގޭޑިއާ ޖެނެރަލް އަދި ސިފައިންގެ އަށް ބޮޑެތި ހިދުމަތްތަކެއް ކުރެއްވި އިބްރާހިމް މުހައްމަދު ދީދީއެވެ.

ޕީސީބީން ބުނީ، އެ ކުންފުނީގެ ޗެއާމަންކަމުން ދީދީ މި މަހުގެ ހަތަރުވަނަ ދުވަހު އިސްތިއުފާ ދެއްވަން ހުށަހަޅުއްވާފައިވާތީ އެ ދުވަހުން ފެށިގެން އެ މަގާމުން އޭނާ ވަކިކުރައްވާފައިވާ ކަމަށެވެ.