(5 ޑިސެމްބަރުގެ އަދަދާ ގުޅޭ)

ޔަހޫދީންގެ ހިތްތައް ފިހިމާލި އަނެއްކަމަކީ މުސްލިމުން ބަންގިދޭން ފެށުމެވެ. ބަންގި ދިނުމަކީ ޔަހޫދީންގެ މުސްކުޅި ދީނީ އާދަކާދައިގައި ބިދުޢައެކެވެ. އެހެންކަމުން ޔަހޫދީން އެކަމާ އެތެރެހިތުން ވަރަށް ރުޅިއައެވެ. ޙަސަދަވެރިވިއެވެ. ޚާއްޞަކޮށް ބަންގީގެ ކަލިމަތަކަކީ އިސްލާމްދީނުގެ އިންޤިލާބީ ދަޢުވަތާއި އަސާސީ ނަޒަރިއްޔާ ނުހަނު ފުރިހަމަޔަށް ފާޅުކޮށްދޭ އިޢުލާނަކަށްވާތީއެވެ. ދުވާލަކު ފަސްފަހަރު އެ ދަޢުވަތުގެ ނަޣުމާ ނުހަނު ރީތި އަޑަކުން އަދި އެހައިމެ ހިތްގައިމު ގޮތަކަށް އިޢުލާންކުރާތީއެވެ. އެ ނަޝީދު ބިލާލީ ރީތި އަޑުން އިޢުލާންކުރައްވާ ކޮންމެފަހަރަކު މުޅި މަދީނާ ހުއްޓުމަކަށް އާދެއެވެ. އެންމެން އާޝޯޚުވެފައިތިބެ އެ އަޑުއަހައެވެ. އަމިއްލަ މީހުންނާއި ހިލޭމީހުންވެސް އެއަޑަށް ސަމާލުކަންދެއެވެ. ޚާއްޞަކޮށް އަޅުކަމުގެ ވަގުތު އިޢުލާންކުރާން ނާގޫސު ފުމުމާއި ރަނގަބީލުޖެހުމާ އެއަޑާހުރި ފަރަގު އިޙްސާސްކުރެއެވެ. ޔަހޫދީންގެ ޢާންމުންވެސް އެކަމުން އިސްތިސްނާއެއް ނުވެއެވެ. އެ ކަލިމަތައް ސޯރުކުރާއިރު ޝޯޚުވެގެން އެބަޔަކު ކުރާންތިބިކަމެއް ހުއްޓައިލައިފައި އެއަޑުއަހާ މީހުންގެ ތެރޭގައި ޔަހޫދީ ޙިބްރުންގެ އަނބިދަރީންނާއި އެމީހުންގެ އަޅުންވެސް ހިމެނެއެވެ. ނާގޫސުގެ އަޑަކީ ނުވަތަ ރަނގަބީލުގެ އަޑަކީ އިވޭ ހުސްއަޑެކެވެ. މާނައެއްނެތް އަޑެކެވެ. ބަންގިއަކީ މަދުކަލިމަތަކެއް ކަމުގައިވިޔަސް އެއީ ފުރިހަމަ ދަޢުވަތެކެވެ. ޢާންމުންނަށް ފަހުމުވާފަދަ މާނަހުރި ކަލިމަތަކެކެވެ. ނާގޫސް ފުމުމަކުންވެސް ރަނގަބީލު ޖެހުމަކުންވެސް އިންސާނީ އިޙްސާސްތައް ތަރުޖަމާކޮށެއް ނުދެވެއެވެ. އެކަމަކު ބަންގިއަކީ އިންސާނީ އިޙްސާސް ފާޅުކުރުމެކެވެ. އިންސާނީ ސިކުނޑިތަކާ މުޚާޠަބުކުރެވޭ ދަޢުވަތެކެވެ. އަޅުކަމަށް އައުމަށް ދަޢުވަތުދިނުމުގެ އަސަރުގަދަ ގޮތެކެވެ. ޚުލުޤުނުބައި ޔަހޫދީން މިކަމާވެސް އައީ އަމަށަކު ރުޅިޔެއް ނޫނެވެ. އަވަސްވެގަތީ ބަންގީގެ ކަލިމަތައް ތަޙްރީފުކުރުމަށެވެ. ބަންގިދެއްވާ ރަންއަޑުގެ ވެރި بـــلال رضـــــى اللّــــه عــنــــه ހޭރުވުމަކީ އާދަޔަކަށް ހެދުމަށެވެ. އެބައިމީހުންގެ މަޖިލިސްތަކުގެ މުނިފޫހިފިލުވުމުގެ މަސައްކަތަކަށް އެކަން ހެދުމަށެވެ.

ޔަހޫދީންގެ އަދަބުކުޑަކަމާއި ގޮތްކުޑަކަން އިންތިހާޔަށް ދިޔުމުން އެބައިމީހުންވަނީ ލަދެއް ބިރެއްނެތި އަރަހުށި ހުސްޠާހިރުވަންތަގެ ޒާތުފުޅަށް ފުރައްސާރަކުރުންވެސް އާދަޔަކަށް ހަދައިފައެވެ. އަރަހުށި މާތް اللّــــه ކީރިތި ޤުރްއާނުގެ ســـــورة الــبـقــــــرة ގެ 245 ވަނަ އާޔަތުގައި ވަޙީކުރައްވައިފައިވެއެވެ.

"ހެޔޮވެގެންވާ ދަރަންޏަކުން اللّــــه އަށް ދަރަނި ދޭހުށީ ކާކުހެއްޔެވެ؟ ފަހެ، ގިނަވެގެންވާ ގުނަތަކަކަށް اللّــــه އެ ދަރަނީގެ ހެޔޮޖަޒާ އެމީހަކަށް އިތުރުކޮށްދެއްވަތެވެ." (الــبـقــــــرة: 245)

މިމާތް އާޔަތުގައި އެވަނީ އަދަބީ އިސްތިޢާރާއެކެވެ. ނުވަތަ މަޖާޒެކެވެ. އެއްވެސް ޙާލެއްގައި ދަރަނީގެ ޢާންމު މާނައިގައި އަރަހުށި މާތް اللّــــه ބައެއްގެ އަތުން ދަރަންޏެއް ނެންގެވުމުގެ ވާހަކައެއް ނޫނެވެ. އަދި ކީއްތޯއެވެ. އެއީ މާތް اللّــــه ގެ މަގުގައި މުދާ ހޭދަކުރުމުގެ ލާބަ އިތުރުކަމުގެ ވާހަކައެވެ. ޖިހާދަށްޓަކައި ހޭދަކުރުމުގެ ދަރުމައާއި ސަވާބު ގިނަގުނަކަމުގެ ވާހަކައެވެ. ނަމަވެސް ޔަހޫދީންވަނީ އެބަސްފުޅުގެ މަޖާޒީ މާނައިގެ ބަދަލުގައި ބޭރުފުށުގެ ޢާންމު މާނަ ނަގައިގެން އަރަހުށި ޣަނީވަންތަ اللّــــه އަށް ފާޑުކިޔައި ފުރައްސާރަކޮށްފައެވެ. ޣަނީވަންތަ اللّــــه سبحـــانــــه وتــعــــالــــى ފަޤީރުވުމުގެ ސަބަބުން އެކަލާނގެ އަޅުތަކުންގެ އަތުން ދަރަނި ނަންގަވަނީކަމުގައި ވާހަކަ ދައްކައިފައެވެ. މާތް اللّــــه ގެ އަތްޕުޅުވަނީ ތަޅުލެވިފައޭ ބުނެފައެވެ. (نــعــــوذ بـــاللّــــه) އަރަހުށި މާތް اللّــــه އާމެދު އަދަބުކުޑަކުރުމާ ބިރުކުޑަކޮށްލުމުގެ މިޔަށްވުރެ ހުތުރު ނަމޫނާއެއް ފެނުމަކީ ނާދިރުކަމެކެވެ.

ޔަހޫދީންގެ އަދަބުކުޑަކަމުގެ އެހެން މިސާލެކެވެ. އެބައިމީހުންވަނީ اللّــــه سبحـــانــــه وتــعــــالــــى ކީރިތި ޤުރްއާނުގައި މިސާލު ޖެއްސެވުމުގައި ބައެއްފަހަރަށް ބޭރުފުށުން ފެންނަ ފެނުމުގައި ތަންކޮޅެއް އާދައިގެ ސަހަލު ތަކެތީގެ މިސާލު ޖައްސަވާތީ އެކަމަށްވެސް އަވާނިވާކޮށްފައެވެ. މަލާމާތްކޮށްފައެވެ. ފުރައްސާރަ ކޮށްފައެވެ. މާތް اللّــــه އަށާއި އެކަލާނގެ ރަސޫލާއަށާއި މުސްލިމުންނަށް މަލާމާތްކޮށް ފުރައްސާރަކުރުމުގެ ވަސީލަތަކަށް ހެދިދާނެ އެއްވެސްކަމެއް އަތްދަށުން ދޫވެގެން ދިޔަނުދީ ބޭނުންކުރުމުގެ ގޮތުންނެވެ. އެބައިމީހުން ވާހަކަދައްކައި އުޅެއެވެ. "މުސްލިމުންގެ ކަލާނގެއަކީ އަޖައިބުވާފަދަ ކަލާނގެއެކެވެ. މިސާލު ޖައްސަވާންވެސް އެކަލާނގެ ޚިޔާރުކުރައްވަނީ ވަރަށް ނިކަމެތި ދެރަދެރަ އެއްޗެއްސެވެ. އެހެންވީއިރު ޤުރްއާނަކީ މާތް اللّــــه ގެ ވަޙީކަމުގައިވާނީ ކޮންފަދަޔަކުންހެއްޔެވެ. އެފޮތުގައިވަނީ އެވެނި މިވެނިކަހަލަ މިސާލުތަކެވެ." ޔަހޫދީންގެ މިވާހަކަޔަށް ޚުދު މާތް اللّــــه قــــران كـــــريـــــم ގައި ވަނީ ރައްދު ދެއްވައިފައެވެ. ކަމާގުޅޭ އާޔަތުގެ މާނައިގައިވެއެވެ.

"ހަމަކަށަވަރުން މަދިރިޔަކުން، ނުވަތަ އެއަށްވުރެ ބޮޑުއެއްޗަކުންވިޔަސް، އެއްވެސްކަހަލަ މިސާލެއް ޖެއްސެވުމަކަށް اللّــــه ލަދުވެތިވެވޮޑިގެނެއް ނުވެތެވެ. ފަހެ، އީމާންވި މީހުން، އެ މިސާލަކީ އެއުރެންގެވެރި ރަސްކަލާނގެ ޙަޟުރަތުން ޙައްޤު ގޮތުގައި ޖެއްސެވި މިސާލެއްކަން ދަނެތެވެ. އަދި ކާފިރުވި މީހުން ބުނެތެވެ. ތިޔަ މިސާލުން، اللّــــه އިރާދަކުރެއްވީ ކޮންކަމެއްބާވައެވެ؟ އެމިސާލުން އެކަލާނގެ ގިނަބަޔަކު މަގުފުރައްދަވަތެވެ. އަދި ހަމަ އެ މިސާލުން، އެކަލާނގެ ގިނަބަޔަކަށް ތެދުމަގު ދައްކަވަތެވެ. ފާސިޤުން މެނުވީ، އެއިން އެކަލާނގެ މަގެއް ނުފުރައްދަވަތެވެ." (الــبـقــــــرة: 26)

ޔަހޫދީންގެ އަދަބު ކުޑަކަން ހައްދުފަހަނަޅައިގޮސް އެބައިމީހުންވަނީ މާތް اللّــــه ވޮޑިގެންވާކަމާއި އެކަލާނގެ ކަށަކުޅަދުންވަންތަކަމާއި ހުސްޠާހިރުވަންތަކަން ޤަބޫލުކުރާ ބަޔަކު އެކަލާނގެ ރަސްކަންފުޅާ ބެހޭގޮތުން ކޮށްފާނެކަމަށް ސަލާމަތް ބުއްދި ޤަބޫލުނުކުރާފަދަ ޖާހިލު ސުވާލުތައްވެސް ކޮށްފައެވެ.

ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ އަރިހުގައި އެބައިމީހުން ދެންނެވިއެވެ. "މާތްކަލާނގެ ވަނީ ތިބާގެ އަރިހަށް ސިއްރުސިއްރުން މަލާއިކަތަކު ފޮނުއްވައި އެކަލާނގެ ބަސްފުޅުތައް މަތިމަތީން ތިބާއަށް ފޮނުއްވައިފައެވެ. އެކަލާނގެ ސީދާ އަހަރެމެންގެ ކުރިމައްޗަށް ފައިބައިވޮޑިގެން އަހަރެމެންނާ ސީދާސީދާ ވާހަކަ ނުދައްކަވަނީ (ބަސް ވަޙީ ނުކުރައްވަނީ) ކީއްވެގެންހެއްޔެވެ؟ އެކަލާނގެ އެދިވޮޑިގަންނަވަނީ ކޮންކަމެއްކަން ބަޔާން ނުކުރައްވަނީ ކީއްވެބާވައެވެ؟ އެކަލާނގެ ބިމަށް ފައިބައި ވޮޑިނުގަންނަވަނީ ކީއްވެގެން ބާވައެވެ؟ އަހަރެމެންގެ ލޯތަކަށް ފާޅުވެވޮޑިގެން އަހަރެމެންގެ ކުރިމަތީގައި މިއީ އަހުރެންގެ އަމުރޭ މި އަމުރުތައް ޤަބޫލުކުރާށޭ މިހިރީ އަހަރެންގެ ރަސޫލެކޭ ތިޔަބައިމީހުން މި ރަސޫލާއާ ތަބާވެގެން މި ރަސޫލާގެ ފަހަތްޕުޅުން ހިނގާށޭ ނާންގަވަނީ ކީއްވެގެން ބާވައެވެ. ނުވަތަ އެންމެކުޑަމިނުން ކަނޑައެޅި ބަޔާންވާފަދަ ޞަރީޙު ދަލީލުތަކެއް ނުފޮނުއްވަނީ ކީއްވެގެން ބާވައެވެ؟ ކަލޭގެފާނުގެ ރަސޫލުކަން ޤަބޫލުކޮށް ކަލޭގެފާނު ތިޔަގެންނަވަނީ އެކަލާނގެ ކަލާމްފުޅުކަން ޤަބޫލު ނުކޮށް އަޅުގަނޑުމެންނަށް ދެއްކޭނެ ޢުޒުރެއް ނޯންނާނެ ގޮތުންނެވެ." ޔަހޫދީން މިދެއްކި ވާހަކަތަކަކީ މައްކާގެ މުޝްރިކުންވެސް ދައްކައި އުޅުނުޒާތުގެ ވާހަކަތަކެކެވެ. އާދޭހެވެ. ތައުޙީދުގެ އަހުލުވެރީންކަމުގައި ދަޢުވާކުރާ ބަޔަކު ޢަމަލީގޮތުން ވެއްޓިގަތީ މުޝްރިކުންނާ އެއްދަރަޖަޔަކަށެވެ. އަރަހުށި މާތް اللّــــه سبحـــانــــه وتــعــــالــــى މިވާހަކަތަކަށް އިޝާރާތްކުރައްވައި ވަޙީކުރެއްވި އާޔަތެއްގެ މާނައިގައިވެއެވެ.

"އަދި ނުދަންނަ މީހުން ބުނެފޫއެވެ. اللّــــه (ސީދާ) ތިމަންމެންނަށް ބަސްވަޙީ ނުކުރައްވަނީ، ކީއްވެގެން ބާވައެވެ! ނުވަތަ (محـمّــد ގެފާނުގެ ބަސްފުޅު ތެދުކަމުގެ) ހެއްކެއް ތިމަންމެންގެ ގާތަށް ނާންނަނީ، ކީއްވެގެން ބާވައެވެ! ހަމައެފަދައިން އެއުރެންގެ ކުރީން އުޅުނު އުންމަތްތަކުގެ މީހުން ބުނީވެސް އެއުރެންގެ ބުނުމާ އެއްފަދަ ބުނުމެކެވެ. އެއުރެންގެ ހިތްތައްވަނީ އެއްގޮތްވެގެންނެވެ. (އެފަދަ ކަންތައް) ޔަޤީންކުރާ މީހުންނަށް ހަމަކަށަވަރުން ތިމަންރަސްކަލާނގެ ހެކިތައް ބަޔާންކުރައްވައި އެންގެވީމެވެ." (الــبـقــــــرة: 118)

މާތް اللّــــه ފޮނުއްވާ ޞަރީޙު ނިޝާންތަކާއި ހެކިތައްވެސް ހުންނާންޖެހޭނެކަމަށް ޔަހޫދީން ދެކެނީ އެބައިމީހުން ބޭނުންވާ ގޮތަކަށެވެ. ބޭނުން ތައްގަނޑަކަށެވެ. ތާރީޚާއި ސީރަތުގެ ރެކޯޑުތަކުން ސާބިތުވާގޮތުގައި މިއީ ޔަހޫދީން ވަރަށް ޚާއްޞަ ބާރެއްލައިފައި އެދުނު އެދުންތަކެކެވެ. އެބައިމީހުންގެ މަޖިލިސްތަކުގައި ވަރަށްބޮޑު އަހަންމިއްޔަތެއް ލިބުނުކަމެކެވެ. ޔަހޫދީން އެތައްދުވަހެއް ވަންދެން އެވާހަކަތައް ފަށްފަށްކުރިއެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ކުރިފުޅުމައްޗަށްވެސް ތަކުރާރުކޮށް އެ މައްސަލަތައް ހުށަހެޅިއެވެ.

ޔަހޫދީން މި ހިނިއަންނާންޖެހޭފަދަ ހުށަހެޅުންތައް ހުށަހެޅުމުގެ ސަބަބަކަށްވި ހާދިސާގެ ފަސްމަންޒަރާ މެދުވެސް ވިސްނައިލުމަކީވެސް ބޭނުންތެރި ކަމެކެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ބިޢުޘަތުގެ ކުރީންވެސް ޔަހޫދީން ގެންދިޔައީ މަދީނާގެ ޢައުސްވަންހައިގެ މީހުންނާއި ޚަޒުރަޖުވަންހައިގެ މީހުންނާ ދެކޮޅަށް ނުބައި ރޭވުންތައް ރާވަމުންނެވެ. ފަހުޒަމާނުގައި ފޮނުއްވާނެކަން އަންގަވައިފައިވާ ނަބިއްޔާ ފޮނުއްވުން އަވަސްކޮށްދެއްވާތޯ ޔަހޫދީން ގެންދިޔައީ ދުޢާކުރަމުންނެވެ. މަޤުޞަދަކީ އެއްވެސް ޙާލެއްގައި ޙައްޤަށް ތަބާވުމެއް ނޫނެވެ. އެނަބިއްޔާއާ ބައިވެރިވެގެން ޚަޒުރަޖުވަންހައިގެ ޢަރަބީންނާއި ޢައުސުވަންހައިގެ ޢަރަބީންނަށް ލޮޓިދިނުމެވެ. ނަމަވެސް ނުބުއްވަތުގެ އިރު އުދަވުމާއެކު ޔަހޫދީން ކޮޅުބަދަލުކޮށްލައިފިއެވެ. އެނަބިއްޔާއަށް އިންކާރުކުރުމާއި ދެކޮޅުވެރިވެގަތުމާއި ނުކިއްސަރުވެގަތުމުގެ ހަނގުރާމަ ފަށައި ހަނގުރާމައިގެ މައިދާނުގެ އިސްސަފުގައި ޖާގަ ޖަހައިފިއެވެ. އިސްރާއީލީ ޔަހޫދީންގެ ހިތްތަކަށް އިސްމާޢީލީ ނަބިއްޔަކު ބަލައިގަންނާން ފަސޭހަނުވީއެވެ. ޙަސަދަވެރީންގެ އަންދުވަހުގެ އާދައިގެމަތީންނެވެ.މަދީނާގެ ހަރުދަނާ ބުއްދިވެރީންކުރެ އެތައްބޭކަލުންނެއް ޔަހޫދީ ޙިބްރުންގެގޮތަށް ވަޑައިގެން އެބައިމީހުންނާ ސުވާލުކުރައްވަމުން ގެންދެވިއެވެ. مــعــــاذ بـــن جــبـــل އާއި بشــــربـــن بـــــرّاء بـــن مـعـــــــرور (رضـــــى اللّــــه عـــنــــهـــما) ފަދަ މަދީނާގެ ކަމުވޮށިގެންވާ ބޭކަލުންނެވެ. އެބޭކަލުން ވިދާޅުވިއެވެ.

"މައްސަލައަކީ ކޮބައިތޯއެވެ؟ ނަބީބޭކަލަކު ވަޑައިގެންނެވުމުގެ ޒަމާތް ގާތްވެއްޖެ ވާހަކަ އަޅުގަނޑުމެންގެ ގާތުގައި ދެއްކެވީ ތިޔަބޭކަލުންނެވެ. އެނަބިއްޔާ ފޮނުއްވުން އަވަސްކުރެއްވުން އެދިވަޑައިގެން ތިޔަބޭކަލުން ދުޢާކުރެއްވީމުއެވެ. އެނަބިއްޔާ ފޮނުއްވައިފިކަމުގައި އަޅުގަނޑުމެންގެ ގާތުގައި ވިދާޅުވީވެސް ތިޔަބޭކަލުންނެވެ. އެކަމަކު އެނަބިއްޔާ ފޮނުއްވުމުން ތިޔަބޭކަލުންނަކަށް އެނަބިއްޔާ ކަމަކުނުދިޔައެވެ. އޭ ޔަހޫދީންގެ ޙިބްރުންނޭވެ! ތިޔަބޭކަލުން اللّــــه އަށް ބިރުވެތިވެވަޑައިގަންނަވާށެވެ! އެނަބިއްޔާގެ ދަޢުވަތުގެ ބާވަތުގެ ވާހަކަދައްކަވައި އެނަބިއްޔާގެ ސިފަފުޅުތައް އަޅުގަނޑުމެންގެ ގާތުގައި ގުނުއްވީ ތިޔަބޭކަލުންނެވެ. ތިޔަބޭކަލުން އެނަބިއްޔާ ފޮނުއްވުން އެދިވަޑައިގެންނެވީ އަޅުގަނޑުމެންނާ ދެކޮޅަށް އެނަބިއްޔާގެ ތާއީދު ހޯއްދަވާންވެގެންނެވެ. އޭރު އަޅުގަނޑުމެންނަކީ މުޝްރިކުންނެވެ. ނަބީރަސޫލުބޭކަލުންނަކީ އަޅުގަނޑުމެންނަށް ތަޢާރުފުވެފައިވާ ބޭކަލުންނެއްވެސް ނޫނެވެ."

މަދީނާގެ އަޝްރާފުން މިމޭރުމުން ސުވާލުކުރެއްވުމަކީ ޔަހޫދީ ޙިބްރުން ވަރަށްބޮޑަށް ލަދުގަނެ ރަކިވާންޖެހުނު ކަމެކެވެ. ތިމަންމެންނާ މުޚާޠަބުކުރައްވާ ބޭކަލުންގެ ރައުޔު ތިމަންމެންނާ ބެހޭގޮތުން އޮންނާނެގޮތް އެބައިމީހުންނަށް ރަނގަޅަށް ތަޞައްވުރު ކުރެވުނެވެ. ތިމަންމެންގެ ދެއްކުންތެރި އަބުރުވެރިކަމާއި ދީންވެރިކަމާއި ތަޤްވާވެރިކަން ރައްކައުތެރިކުރާން ލާޒިމުވެއްޖެކަން އެބައިމީހުންނަށް އިޙްސާސްކުރެވުނެވެ. ދިފާޢުވުމަށްޓަކައި ދިއްކޮށްލާނެ އައްޑަނައެއް ހޯދާންޖެހިއްޖެކަން ކަށަވަރުވިއެވެ. ކޮންމެ ސިފަޔަކަށް ކޮންމެ ޙާލަތެއްގައި އޮތް އައްޑަނައެއް ކަމުގައިވިޔަސްވެހެވެ. އިސްވެދިޔަތާނގައި ބަޔާންކުރި ސުވާލުތަކަކީ އެގޮތުން ދެއްކި ވާހަކަތަކެވެ. އެދުވަސްވަރު މަދީނާގައި ތިބި ޔަހޫދީ ޤަބީލާތަކުގެ ތެރެއިން ޤަބީލާއެއްކަމުގައިވާ ނަޟީރުވަންހައިގެ ޤަދަރުހުރި ބޮޑުންކުރެ މީހެއްކަމުގައިވާ ســــلام بــــن مشكـــم ބުނެފައިވެއެވެ.

"محـمّــد ގެފާނަކީ (صـلّـــــى اللّــــه عــلـيــــه وسـلّـــــم) ނަބީބޭކަލެއްގެ ހައިސިއްޔަތުން އަހަރެމެންނަށް އެކަލޭގެފާނު ދެނެގަނެވޭފަދަ އެއްވެސް ނިޝާނެއް ނުވަތަ ހެއްކެއް އެކަލޭގެފާނު ވަޑައިގެންނެވިއިރު ގެންނަވައިފައެއް ނުވެއެވެ. އެހެންކަމުން މިއީ އެބޭކަލެއްގެ ވާހަކަ އަހަރެމެން ތިޔަބައިމީހުންގާތު ދެއްކި ނަބިއްޔާއެއް ނޫނެވެ." ޔަހޫދީންގެ ބޮޑުންކުރެ إبــــن صـلــــوبــــا ވެސް ވަނީ ހަމަ މިމޭރުމުން ވާހަކަ ދައްކައިފައެވެ. އޭނާ ވަނީ އިންސާނިއްޔަތުގެ މުޙްސިން صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ކުރިފުޅުމަތީގައިވެސް އެވާހަކަ ދައްކައިފައެވެ. އޭނާ ދެންނެވިއެވެ. "ނިޔާއެއް ކަނޑައެޅޭފަދަ ޞަރީޙު ނިޝާނެއް އަޅުގަނޑުމެން ބޭނުމެވެ. އެ ނިޝާނެއްގެ ބާވަތް ކަނޑައެޅުމަކީ ޔަހޫދީންގެ ކަމެކެވެ. އެމީހުން ބޭނުންވާ ކޮންމެ ނިޝާނަކަށްވެސް ޔަހޫދީންނަށް އެދެވިދާނެއެވެ."

(ނުނިމޭ)