ސީލައިފް ގްލޯބަލްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ ގެ މައްޗަށް ކުރާ ހިޔާނާތުގެ ދައުވާތަކާ ގުޅިގެން ހިފަހައްޓާފައިވާ އޭނާގެ ޕާސްޕޯޓް ވަގުތީ ގޮތުން ދޫކޮށްލަން ކުރިމިނަލް ކޯޓުން ކުރި އަމުރު އިސްތިއުފާނު ކުރަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ފަރާތުން ހައި ކޯޓަށް މިއަދު ހުށަހަޅައިފައެވެ.

އައްމަޓީއާ ދެކޮޅަށް ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ހިޔާނަތްތެރިވުމުގެ ކުށުގެ 42 ދައުވާއަކާ ގުޅިގެން އެ ކޯޓުން ވަނީ، ޝަރީއަތް ނިމެންދެން އައްމަޓީގެ ޕާސްޕޯޓް ނުވަތަ ޓްރެވަލް ޑޮކިއުމެންޓް ހިފެހެއްޓުމަށް މޯލްޑިވްސް އިމިގްރޭޝަންގެ މައްޗަށް 16 ޖޫން 2021ގައި އަމުރުކޮށްފައެވެ. އެ އަމުރު މުރާޖާކޮށްދިނުމަށް އައްމަޓީގެ ފަރާތުން ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ކުރިމިނަލް ކޯޓަށް ހުށަހަޅައިފައެވެ.

ކުރިމިނަލް ކޯޓުން އެ މައްސަލަ ބެލުމަށްފަހު އިއްޔެ ކުރި އަމުރުގައި ވަނީ އައްމަޓީގެ ޕާސްޕޯޓް ދޫކޮށްލުމަށް އަމުރުކޮށްފައެވެ.

އެ އަމުރުގެ ރައުޔުގައި ކުރިމިނަލް ކޯޓުން ބުނީ އައްމަޓީގެ މެޑިކަލް ލިޔުންތަކުން އޭނާގެ މައިބަދައިގެ އޮޕަރޭޝަނެއް ކުރުމަށް ޑޮކްޓަރު ލަފާދީފައިވާކަން އެނގޭ ކަމަށާއި މައިބަދައިގެ އޮޕަރޭޝަނަކީ އޭގެ ޒާތަށް ބަލާއިރު، ސީރިއަސް އޮޕަރޭޝަނެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި އައްމަޓީގެ އާއިލާ ދިރިއުޅެނީ ވެސް ސްރީ ލަންކާގައި ކަމަށް އޭނާ ފާހަގަކޮށްފައިވާ ކަމަށާއި އެހެންވެ އާއިލާ ކައިރީގައި ހުރެގެން ފަރުވާ ލިބުމުގެ ފުރުސަތު ފަހިކޮށްދިނުމަށް، ޕާސްޕޯޓް މަނާކުރަން ނެރެފައިވާ އަމުރު ވަގުތީ ގޮތުން ސަސްޕެންޑްކުރަން ނިންމާފައިވާ ކަމަށެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ "މި އަމުރު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ނިންމައި، ޕާސްޕޯޓް ނުވަތަ ޓްރެވަލް ޑޮކިއުމެންޓް ހިފެހެއްޓުމުގެ ވަގުތީ އަމުރެއް ނެރެދެއްވުމަށް ދިވެހިރާއްޖޭގެ ހައި ކޯޓުގައި މި އޮފީހުން ވާނީ އެދިފައި،" ކަމަށެވެ.

އައްމަޓީގެ މައްޗަށް ހިޔާނާތުގެ 42 ދައުވާއެއް ކުރަނީ ހުޅުމާލޭގައި 3000 ފްލެޓް އިމާރާތްކުރަން ގިނަ ބައެއްގެ އަތުން އެޑްވާންސް ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނަތްތެރިވެފައިވުމުންނެވެ. އެ މައްސަލައިގެ އަޑުއެހުންތަކެއް އެންމެ އެކަށީގެންވާ ގޮތެއްގައި ކުރިއަކަށް ނުދެއެވެ. އެންމެ ފަހުން އެ މައްސަލައިގެ އަޑުއެހުމެއް ތާވަލުކުރީ މިއަހަރުގެ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ. ނަމަވެސް އެ އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ.

އޭނާގެ މައްޗަށް ކުރާ ހުރިހާ ދައުވާތަކަށް އައްމަޓީ ވަނީ އިންކާރުކޮށްފައެވެ.

ހައުސިން ޔުނިޓް އެޅުމުގެ އެއްބަސްވުމުގައި ސީލައިފްއާ އެކު އެޗްޑީސީން ސޮއިކޮށްފައިވަނީ 13 މާޗު 2014 ގައެވެ. ދައުލަތުން ތުހުމަތު ކުރާ ގޮތުގައި އެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުމަކާ ނުލައި އެތައް ރައްޔިތުންގެ އަތުން އޭނާ ވަނީ ފައިސާ ނަގައިފައެވެ.