އަމީނީ މަގުގެ ނުނިމި އޮތް ދެބައި ހެދުމުގެ މަސައްކަތް އަންނަ ހޮނިހިރު ދުވަހު ފަށަން ނިންމައިފިއެވެ.

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މިއަދު ބުނީ ހޮނިހިރު ދުވަހު ފަށާނީ އަމީނީމަގުގެ ސެގްމެންޓް 12 އަދި 13 ހެދުމުގެ މަސައްކަތް ކަމަށެވެ. އެއީ އެމަގުގެ ނުނިމި އޮތް ބައެވެ. އަދި އެ މަސައްކަތަކާ ގުޅިގެން އެ މަގުގެ ޓްރެފިކަށް ބަދަލު އަންނާނެ ކަމަށާއި އެކަން ފުލުހުން އިއުލާންކުރާނެ ކަމަށް ބުންޏެވެ.

ފުލުހުން މިހާރު ވަނީ ޓްރެފިކަށް އަންނަ ބަދަލުތައްވެސް އާންމުކޮށްފައެވެ. އެގޮތުން މާދަމާ ހަވީރު 6:00 އިން ފެށިގެން އަމީނީމަގާ ގުޅިފައިވާ މަގުތަކާއި ގޯޅިތައް އާންމު ދަތުރުފަތުރަށް ބަންދުކޮށް ޓްރެފިކް ފްލޯއަށް ބަދަލު ގެނެވޭނެ ކަމަށް ފުލުހުން ބުންޏެވެ.

އަމީނީ މަގުގެ ނުނިމި އޮތް ބައިގެ މަސައްކަތް ފެށުމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ނިންމައި، މީގެ ދެ ދުވަސް ކުރިން ނެރުނު ނޫސްބަޔާނެއްގައި އެކަން އިއުލާންކޮށްފައި ވެއެވެ. އެގޮތުން އެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންދިޔުމަށް އާރްޑީސީން ތައްޔާރުވަމުންދާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ޕްލޭނިން މިނިސްޓްރީން އަމީނީ މަގު ހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ 3 ޖުލައި 2022ގައެވެ. އެއީ 210 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް 84.4 މިލިއަން ރުފިޔާއަށެވެ. އަމަލީ މަސައްކަތް ފެށީ އެ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ. އެ މަސައްކަތް ހަތް މަސް ދުވަސް ތެރޭގައި ނިންމަން އެއްބަސްވި ނަމަވެސް، މަސައްކަތް ނުނިންމުނެވެ. އެހެންވެ ޕްލޭނިން މިނިސްޓްރީން ވަނީ މުއްދަތު އިތުރުކޮށްފައެވެ.

އެ މަސައްކަތުގެ ދަށުން އެ މަގު މިހާރު ވަނީ ޕްލޭނިން މިނިސްޓްރީއާ ހަމައަށް ތާރު އަޅައިގެން ތަރައްގީކޮށްފައެވެ.