ރާއްޖެއަށް ބޭރުގެ އިންވެސްޓްމެންޓްތައް ލިބޭނީ ރީތި ސިފަތަކުން ދުނިޔޭގެ އިތުބާރު ހޯދައިގެން ކަމަށް ރައީސް ޑރ. މުހައްމަު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ އެންޓިކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި ދަރުބާރު ގޭގައި މިއަދު ބޭއްވި ރައްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އިބުނު ބަތޫތާ ރާއްޖޭގައި އުޅުއްވި ދުވަސްވަރުވެސް ރާއްޖޭން ފެނުނު ދިވެހިންގެ މާތް ސިފަތަކުގެ ވާހަކަތައް އޭނާގެ ލިޔުންތަކުން ފެންނަން ހުރި ކަމަށެވެ. އަދި އޭރުވެސް ރާއްޖޭގެ ރަސްކަމުގެ ފަރާތުން ފަނޑިޔާރުގެ މިނިވަންވެފައި އޮތް ކަމަށާއި އެކަމަށް އިބުނު ބަތޫތާ ތައުރީފުވެސް ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"ޝައްކެއް ނެތް ދިވެހި ރާއްޖެ ކުރިއަރާ ދާނީ މިފަދަ ނަމޫނާ ސިފަތަކުން. ބޭރު މީހުންގެ އިތުބާރު ދިވެހިންނާ މެދު އުފެދޭނީ ރީތި އަހުލާގުން. ތަހުޒީބު ދިރިއުޅުމަކުން. ރާއްޖޭގެ ފަތުރުވެރިކަމަށް އަދި އެނޫންވެސް ދާއިރާތަކަށް ބޭނުންވާ އިންވެންޓްމެންޓްތައް ލިބޭނީ މިކަންކަން އާލާކުރެވިގެން. ބޭރު ދުނިޔޭގެ އިތުބާރު ހަރުދަނާ ކުރެވިގެން. އެހެންވީމާ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަކީ ގައުމީ މަސައްކަތަކަށް ހަދަންޖެހޭ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތަކީ ދިވެހި ގައުމަށްޓަކައި ކުރާ ކަމަކަށް އަދި ދިވެހިންގެ ސަލާމަތަށްޓަކައި ކުރާ ކަމަކަށް ހަދަންޖެހޭ ޖެހޭ ކަމަށެވެ. އަދި އެއީ މި ގައުމުގެ އިއްޒަތާއި އަބުރަށްޓަކައި ކުރެވޭ ކަމަކަށް ހަދަންޖެހޭ ކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރުން ރައީސް ވަނީ މި ސަރުކާރު ކޮރަޕްޓު ނުވެ ކަމަށް ވިދާޅުވެފައެވެ. އަދި އެއްވެސް ފަރާތަކުން އެފަދަ ކަމެއް ހިންގާކަން ސާބިތުވެއްޖެ ނަމަ، އެފަރާތަކަށް އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އެޅުމަށް ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮރަޕްޝަން ހިންގަނީ ސިޔާސީ ގޮތުންނާއި މާލީ ގޮތުން މަތީ ދަރަޖަ ދެވިފައިވާ މީހުންގެ މެދުގައި ކަމަށް ބުނެވޭ ކަމަށް ވިދާޅުވެ ރައީސް ވިދާޅުވީ އެކަމުން ލިބޭ ފިލާވަޅަކީ ގައުމުގެ އިޖުތިމާއީ ސިޔާސީ ހަރުގަނޑުން މައްޗަށް އެރުނު ވަރަކަށް އަމާނާތްތެރިކަމާއެކު ތެދުވެރިކަމުގެ މަގަށް ބަލަން ފަރުވާތެރިވާން ޖެހޭކަން ކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު