ސަރުކާރު ހިންގަވާނީ ކޮރަޕްޓުނުވެ ކަމަށާއި ކޮރަޕްޝަން ހިންގާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އެޅުމަށް ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ބައިނަލްއަގުވާމީ އެންޓި ކޮރަޕްޝަން ދުވަހާ ގުޅިގެން މިއަދު ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ރައީސް ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތްތަކަކީ އަމިއްލަ ނަފުސާ ހަމައިން ފެށޭ މަސައްކަތެއް ކަމަށާއި އެއީ އަމިއްލަ ނަފުސުގެ މައްޗަށް ހޯދަންޖެހޭ ކާމިޔާބީއެއް ކަމަށެވެ. އަދި މުޖުތަމައަށް ބަދަލެއް ގެވޭނީ އެ ހެޔޮ ބަދަލު އަމިއްލަ ނަފުސަށް ގެނެސްގެން، އެތައް ބަޔަކު ކުރާ މަސައްކަތަކުން ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު ތިބޭފުޅުންނަށް އަރުވާނެ ޔަގީންކަމަކީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރު ކޮރަޕްޓު ނުވެ ހިންގާނަންކަން. ހަމައެހެންމެ، އަޅުގަނޑުމެންގެ ސަރުކާރުގައި އެއްވެސް ފަރާތަކުން އެފަދަ ކަމެއް ހިންގާކަން ސާބިތުވެއްޖެ ނަމަ އެފަރާތަކަށް އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަޅުގަނޑުމެން ފަސްޖެހުމެއް ނެތި އަޅާނެކަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކޮރަޕްޝާނާމެދު ހޭލުންތެރިކަން އިތުރުކޮށް ނަޒާހަތްތެރި މުޖުތަމައެއް ބިނާކުރުމަށް އިލްމީ ފެންވަރެއްގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ. އަދި މި ސަރުކާރުން ގެންގުޅޭނެ ސިޔާސަތަކީ ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ ކިތަންމެ ކުޑަ ކަމަކަށްވެސް ސަރުކާރުން އެއްބާރުލުން ދިނުން ކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރުން ރައީސް ވިދާޅުވީ ކޮރަޕްޝަން ހިންގަނީ ސިޔާސީ ގޮތުންނާއި މާލީ ގޮތުން މަތީ ދަރަޖަ ދެވިފައިވާ މީހުންގެ މެދުގައި ކަމަށް ބުނެވޭ ކަމަށާއި އެކަމުން ލިބޭ ފިލާވަޅަކީ ގައުމުގެ އިޖުތިމާއީ ސިޔާސީ ހަރުގަނޑުން މައްޗަށް އެރުނު ވަރަކަށް އަމާނާތްތެރިކަމާއެކު ތެދުވެރިކަމުގެ މަގަށް ބަލަން ފަރުވާތެރިވާން ޖެހޭކަން ކަމަށް ރައީސް ވިދާޅުވިއެވެ.
އތުރަށް ވާހަކަ ދައްކަވަމުން ރައީސް ވަނީ އޭސީސީން ކޮރަޕްޝަނާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކޮށް ކާމިޔާބީ ހޯދާފައިވާކަން ފާހަގަކުރައްވައި، އެ ކޮމިޝަނުގެ މެމްބަރުންނާއި މުވައްޒަފުންނަށް ޝުކުރުދަންނަވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު