ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު މާދަމާ ހުޅުވާލާނެ ކަމަށް ޕީއެންސީގެ ޗެއާޕާސަން، އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ އާ އޮފީސް ހުޅުވުމަށްފަހު ބޭއްވި ޕީޕީއެމް/ޕީއެންސީގެ ސެނެޓް ބައްދަލުވުމެއްގައި ނިންމި ކަންކަމުގެ މައުލޫމާތު ދިނުމަށް ޕީއެންސީގެ އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަބްދުއްރަހީމް ވިދާޅުވީ ސެނެޓް ބައްދަލުވުމުގައި މަޖިލިސް އިންތިހާބުގައި އެ ކޯލިޝަންގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައަޅާނެ ގޮތެއް އަދި ކެންޑިޑޭޓުންނަށް ކުރިމަތިލެވޭނެ އުސޫލެއް ފާސްކޮށްފައިވާ ކަމަށެވެ.
"އެ އުސޫލް ބުނާ ގޮތުން 2024 ވަނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަޅުގަނޑުމެންގެ ކެންޑިޑޭޓުންނަށް ވާދަކުރުމުގެ ފުރުސަތު މިހާރު މިއޮތީ ތާރީހުތަކެއް ކަނޑައަޅާފަ. އެންމެ ފުރަތަމަ ކަމަކަށް އަޅުގަނޑުމެން ކޯލިޝަންގެ ޓިކެޓަށް ޝައުގުވެރިވެވަޑައިގަންނަވާ ބޭފުޅުންނަށް ހުޅުވާލެވޭ ޕްރައިމަރީ ނުވަތަ ކުރިމަތިލުމުގެ ފުރުސަތު އަޅުގަނޑުމެން ހުޅުވާލަނީ މާދަމާ. މާދަމާ މި ހުޅުވާލަނީ،" އަބްދުއްރަހީމް ވިދާޅުވިއެވެ.
ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މާދަމާއިން ފެށިގެން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ "ޕްރައިމަރީ މި ބާއްވަނީ މިމަހުގެ 23 ވަނަ ދުވަހު" ކަމަށެވެ.
ޕްރައިމަރީގައި ވާދަކުރެވޭނީ ކޯލިޝަންގައި ހިމެނޭ ދެ ޕާޓީންކުރެ ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި މިމަހުގެ 10 ވަނަ ދުވަހާ ހަމައަށް ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޕްރައިމަރީގައި ވޯޓު ލެވޭނީ ވެސް މިމަހުގެ 10 ވަނަ ދުވަހާ ހަމައަށް ކޯލިޝަންގައި ހިމެނޭ ޕާޓީއެއްގައި ރަޖިސްޓްރީ ވެފައިވާ މީހުންނަށް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު