ތިލަފުށި ފަޅުތެރޭގައި އޮތް "އެމްވީ ސީ ހޯމް ސެފަޔާ" ކިޔާ ދަގަނޑު ބޯޓު ނައްތާލަން ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން (ޖީއެމްއައިޒެޑް) އިން ކުންފުންޏާ ހަވާލުކުރުމުގައި އެ ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު އަބޫބަކުރުގެ އިތުރުން ތަނުގެ ވެރިން އަމަލު ކުރައްވާފައިވަނީ ގާނޫނާ ހިލާފަށް ކަމަަށްވާތީ އެ މައްސަލައިގައި އިހުމާލުވާ އެންމެންނަށް ފިޔަވަޅު އަޅަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ފިނޭންސް މިނިސްޓްރީގެ އިތުރުން ކަމާބެހޭ ފަރާތްތަކަށް އަންގައި، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް (އެސްއޯއީ) ކޮމިޓީން ފާސްކުރި ރިޕޯޓު ހަތަރު އަހަރު ފަހުން މިއަދު މަޖިލިސް ތަޅުމަށް ގެނަސް ބަހުސް ފަށައިފިއެވެ.

ހަތެއް ޑިސެމްބަރު 2019 ގައި ކޮމިޓީިން އެގޮތަށް ފާސްކުރީ، އެ މައްސަލައާ ބެހޭގޮތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރާއި ޗެއާމަން އެކި ފަހަރުމަތިން ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކޮށްގެން ކުރިއަށްގެންދިޔަ ތަހުގީގަށްފަހުގައެވެ.

ކޮމިޓީ ރިޕޯޓުގައިވާ މައުލުމާތުތަކުން ދައްކާ ގޮތުގައި، އެ ބޯޓަކީ ވިއެޓްނާމްގެ އެގްރީބޭންކް ލީސިން ކޮމްޕެނީގެ ނަމުުގައި ރަޖިސްޓްރީކޮށްފައިވާ ބޯޓެކެވެ. މި ބޯޓު ރާއްޖެ އައިސްފައިވަނީ 2012 ވަނަ އަހަރުއެވެ. ނަމަވެސް އެ ކުންފުނި ބަނގުރޫޓުވުމުން ކުންފުނިން ބޯޓު ދޫކޮށްލާފައިވާ ކަމަށްވެސް އޭގައިވެއެވެ. ނަވާރަ ފަޅުވެރިންނާއި ކެޕްޓަނަކާ އެކު ރާއްޖެ އައިތަނުން އެ ބޯޓު ހާލުގައި ޖެހިފައިވާ ކަމަށާއި، އަޅާލާނެ ފަރާތެއް ނެތިފައިވާ ކަމަށްވެސް ރިޕޯޓުގައިވާ މައުލޫމާތުތަކުން އެނގެއެވެ. ނަމަވެސް ފަހުން ރާއްޖެއިން ލޯކަލް އެޖެންޓެއް ހަމަޖެއްސިކަންވެސް އެ ރިޕޯޓުގެ މައުލޫމާތުތަކުން އެނގެއެވެ.

ނަމަވެސް އޭގެ ފަހުން ހިނގި ކަންތައްތަކަކަށްފަހު، ތިލަފުށީ ފަޅުގައި އޮތް އެ ބޯޓުގެ ވެރިފަރާތް ނޭނގޭތީ ސިވިލް ކޯޓު މެދުވެރިކޮށް ބޯޓު ވަނީ ދައުލަތަށް ނަގައިފައެވެ.

އެކަމާ ބެހޭގޮތުން އޭރު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ގްރޭޓާ މާލޭގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު (މާމިގިލީ އިބޫ) ވިދާޅުވީ، އެ ބޯޓު ފަޅުން ނެގުމުގެ މަސައްކަތް ވީއެންމެ އަވަހަކަށް ކުރުމަށް ޕާކަވަންއާ ހަވާލުކުރީ އެ ބޯޓު ފަޅުގައި ބާއްވައިގެން ލިބުނު ގެއްލުންތަކާއި އައިޑީބީގެ 165 ޑޮލަރުގެ މަޝްރޫއެއް ގެއްލިދާނެކަމުގެ ބިރާއި އެކަމުގެ ޕްރެޝަރާ ހެދި ކަމަށެވެ.

އެގޮތުން ބީލަމަށް ނުގޮސް ބަޔަކާ އެ މަސައްކަތް ހަވާލުކުރީ ކުންފުނީގެ ޕްރޮޖެކްޓްސް އިންޖިނިއަރުން ތައްޔާރު ކުރި ރިޕޯޓާއި ލީގަލް ޑިޕާޓްމަންޓުގެ ލަފަޔާއެކު، ދައުލަތާއި ކުންފުންޏަށް އެންމެ ގެއްލުން ކުޑަ ގޮތަކީ އެއީ ކަމަށްވާތީ ކަމަށް އިބޫ ވިދާޅުވިއެވެ.

ނަމަވެސް ކޮމިޓީގައި އެއަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓްރީގެ އޭރުގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ފިރުޒުލް ހުސެއިން ވިދާޅުވީ، ތިލަފުށީ ފަޅުތެރެއިން ބޯޓު ނެގުމުގެ ހުއްދައަށް ގްރޭޓާ މާލޭ ކުންފުނިން އެދުމުން ފިނޭންސުން ހުއްދަ ދިނީ ބޯޓު ނެގުމަށް ކަމަށެވެ. އަދި ބޯޓު ނައްތާލުމުގެ ހުއްދައެއް އެއްވެސް ފަރާތަކަށް ދީފައިނުވާނެ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

އެ މައްސަލައާ ބެހޭގޮތުން ކޮމިޓީން ނިންމި ނިންމުންތަކުގެ ތެރޭގައި ބޯޓު ނެގުމަށް ކުރަން ޖެހޭ ކަންކަން ވަގުތުން ކުރުމަށް ފިނޭންސް މިނިސްޓްރީއަށާއި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް އެންގުމަށާއި، ގަވައިދާ ހިލާފަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަމަލު ކުރައްވާފައިވާތީ އެ މައްސަލަ ބަލައި އިހުމާލުވެފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ޕީސީބީ އާއި ރައީސުލްޖުމްހޫރިއްޔާ އާއި ފިނޭންސް މިނިސްޓްރީއަށް އެންގުން ހިމެނެއެވެ.

އަދި މިއީ ދައުލަތަށް ބޮޑު ގެއްލުމެއް ލިިބިދާނެ ކަމެއްކަމަަށް ފެންނާތީ، ގެއްލުން ކުޑަ ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން ފިނޭންސް މިނިސްޓްރީއަށް އެންގުމާއި، މަސައްކަތް ހަވާލުކުރި ކުންފުންޏަކީ އެ މަސައްކަތް އިއުލާން ކުރި ދުވަހު ރަޖިސްޓްރީ ކުރި ކުންފުންޏަކަށްވާތީ އެ މުއާލަމާތްތަކަކީ ވަކި ފަރާތަކަށް މަންފާ ހޯދައިދިނުމަށްޓަކައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކޮށްފައިވާ ކަމެއްކަމަށް ބެލެވޭތީ އޭސީސީ އާއި އޮޑިޓް އޮފީހަށް ހުށަހެޅުން ހިމެނެއެވެ.

މީގެ އިތުރުން ބޯޓުގެ ވެރިފަރާތް ހޯދުމަށާއި އެ ބޯޓުގެ ސަބަބުން ދައުލަތަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދުމުގެ މަސައްކަތް ކުރުމަށް ފިނޭންސަށް އެމްގުމަށާއި ޖީއެމްއައިޒެޑްއެލްގައި އެކަށީގެންވާ މަސައްކަތު މާހައުލެއް ގާއިމުކޮށް، ޕްރޮފެޝަނަލިޒަމް ހިފަހައްޓަން ކުންފުންޏަށް އެންގުން ހިމެނެއެވެ.

ކޮމިޓީން އެ މައްސަލަ ނިންމާފައިވާ އިރު، އެކަމާ ގުޅުން ހުރި މައްސަލަތަކެއްވެސް ކޯޓުތަކުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެ ރިޕޯޓަށް ބަހުސް ކުރި މެންބަރުން ވިދާޅުވީ، އެ މައްސަލަ މަޖިލިސް ތަޅުމަށް ނުގެނެސް އޮތީ، މާމިގިލީ އިބޫއަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާ ގާތް މީހެއްކަމަށްވާތީ، އޭނާގެ ވައްކަން ފޮރުވުމަށް ކަމަށެވެ. އަދި އެފަދަ އެތައް ރިޕޯޓެއް ރައީސް ނަޝީދު މަޖިލިސް ތަޅުމަށް ނުގެނެސް ބާއްވާފައިވާ ކަމަށްވެސް އެ މެންބަރުން ތުހުމަތު ކުރެއްވިއެވެ.