ޖުމުލަ 15 ޓީމަކުން ބައިވެރިވެފައިވާ ދެވަނަ ޑިވިޝަނުގެ ފެށުން އަނެއްކާވެސް ފަސްކުރަން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ.

އެފްއޭއެމުން ކުރިން އެ އިދާރާގެ ކަލަންޑަރުގައި މުބާރާތް ފަށާ ގޮތަށް ނިންމާފައި އޮތީ ނޮވެމްބަރު 20ގައެވެ. އެ ތާރީހަށް ކުލަބްތަކުން ދުރާލާ ކުޅުންތެރިން ހޯދައި ތައްޔާރީތައް ފެށި ނަމަވެސް މުބާރާތް ބޭއްވޭނެ ކަމާމެދު އޮތީ ސުވާލު އުފެދިފައެވެ. އެއީ އެފްއޭއެމްގެ އިދާރީ ހިންގުން ބޮއްސުންލައިގެން ގޮސް، އެ އިދާރާގެ މަސައްކަތްތައްވެސް ހުއްޓިފައި އޮތުމުންނެވެ. އަދި އެފްއޭއެމް އޮތީ ކޮރަޕްޝަންގެ މައްސަލަ ގަނޑެއްގެ ތެރޭގައި ދަރަނިވެރިވެފައެވެ.

މިދިޔަ ނޮވެމްބަރު މަހު ފަށާ ގޮތަށް ފުރަތަމަ އޮތް ދެވަނަ ޑިވިޝަން، އޭގެ ފަހުން ޑިސެމްބަރު 10 ވަނަ ދުވަހަށް ފަސްކުރުމަށްފަހު އިއްޔެ އެފްއޭއެމްގެ އާ ޖެނެރަލް ސެކްރެޓަރީ ޖައުޝަން ޝަރީފް ވިދާޅުވީ އަދިވެސް ދެވަނަ ޑިވިޝަން ފެށުން ލަސްވާނެ ކަމަށާއި ފެށޭ ތާރީހު ފަހުން އިއުލާނުކުރައްވާނެ ކަމަށެވެ.

ދެވަނަ ޑިވިޝަނުގެ ފެށުން އަނެއްކާވެސް ފަސްކުރުމަކީ އެކަމުގެ ނޭދެވޭ އަސަރު ކްލަބުތަކަށް ބޮޑުތަނުން ކުރާ ކަމެކެވެ. ހާއްސަކޮށް ދެވަނަ ޑިވިޝަނަށްވެސް ކްލަބުތަކުން ބޮޑެތި ހަރަދުތައްކޮށް ތައްޔާރުވަމުންދާ އިރު، އެ ކްލަބުތަކުން މި ފަހަރު ގިނަ އެއްބަސްވުންތަކެއް ހެދީ ޑިސެމްބަރު މަހުގެ ނިޔަލަށް މުބާރާތް ނިމޭނެ ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ނުވެދާނެކަން މިހާރު ވަނީ ޔަގީންވެފައެވެ.

އެފްއޭއެމްއަށް އިދާރާ ގޮތުން ދެވަނަ ޑިވިޝަން ކުރިއަށް ނުގެންދެވޭނެތީ އެ މުބާރާތް އިދާރާއިން ބޭރު ފަރާތަކާ މަޝްވަރާކޮށްގެން ބާއްވަން މަސައްކަތްކޮށް، މާ ބޮޑު ކުރިއެރުމެއް ހޯދިފައެއް ނުވެއެވެ. އެހެން އޮއްވައި، ބުރު ސްޕޯޓްސް ކްލަބުގެ ކޯޗު، މުހައްމަދު ނިޒާމް (ނިޒާމްބެ) ވަނީ އުޖޫރައަކާ ނުލައި، އެ މުބާރާތް އިންތިޒާމް ކޮށްދޭން އަމިއްލައަށް އެދި، އެކަމަށް އެއްބަސްވެފައެވެ.