އެ މަނިކުފާނު ސަރުކާރުގެ މައުލޫމާތު ނުލިބިގެން ރައިޓް ޓު އިންފޮމޭޝަން (އާރްޓީއައި) ހުށަހަޅަންޖެހޭ ހިސާބަށް ނުދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި އިއްޔެ ވަނީ ކެބިނެޓް ބައްދަލުވުމެއް ބާއްވަވައިފައެވެ. އެ ބައްދަލުވުމުގައި ނިންމި ކަންކަމުގެ މައުލޫމާތު ހާމަކުރެއްވުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރާނީ އެއްވެސް ކަމެއް ފޮރުވުމެއް ނެތި ދެފުށް ފެންނަ އުސޫލުން ކަމަށެވެ.
"މައުލޫމާތު ހިއްސާ ކުރާނަން. އެކަހަލަ ކަމެއް ދިމާވެއްޖިއްޔާ، ހަމަ އަޅުގަނޑަށް ވެސް އިޝާރާތެއް ކޮށްލަންވީ. އަޅުގަނޑަށް ޔަގީން ދިމަލެއް ނުވާނެ. ތިބޭފުޅުން އާރުޓީއައި ލާން ޖެހޭ ހިސާބަކަށް ނުދާނެ. އަޅުގަނޑަކަށް ހިއެއް ނުވޭ ލާން ޖެހޭނެހެނެއް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޖަވާބުދާރީވެވަޑައިނުގަނެވޭނެ ވަރުގެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. މައުލޫމާތު ފޯރުކޮށްދިނުމުގައި އެއްވެސް ފޮރުވުމެއް އަދި ހިފެހެއްޓުމެއް ނޯންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން އެ މަނިކުފާނު ވަނީ އިއްޔެގެ ކެބިނެޓް ބައްދަލުވުމުގައި ނިންމެވި ބައެއް ކަންކަން ހާމަކުރައްވައިފައެވެ. އެކަންތައްތަކުގެ ތެރޭގައި ހިޔާ ފުލެޓުގެ ކުލި 3،984 ރުފިޔާ ކުޑަކުރުމާއި ވިނަރެސް ފުލެޓުގެ ޑައުންމޭޕަންޓުން 50 ޕަސަންޓު ކުޑަކުރަން ނިންމި ނިންމުމާއި ރަށްރަށުގެ ސޯޝަލް ހައުސިންތަކުގެ ކުލި 3،330 ރުފިޔާއަށް ކުޑަކުރުން ހިމެނެއެވެ.
އައިވީއެފް ހިމެނޭހެން ދަރިމައިވުމުގެ ކަންކަމާ ގުޅޭ ފަރުވާ އާސަންދައިގެ ދަށުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި ފަސް އަހަރުގެ ތެރޭގައި 1،000 ފަގީރުން، ހިލޭ ހައްޖަށް ފޮނުވުމަށް ނިންމާފައިވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި މިފްކޯ، އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި އޮތްއޮތުން ނިމުމަކަށް ގެނައުމަށް ވެސް ކެބިނެޓުން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު