އައްޑޫ ސިޓީގައި މިދިޔަ ހުކުރު ދުވަހު ހިންގި މާރާމާރީ އާއި މިދިޔަ އާދިއްތަ ދުވަހު ހިންގި މާރާމާރީގެ ތުހުމަތުގައި އިތުރު ފަސް މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ މިދިޔަ ހުކުރު ދުވަހު ހިންގި މާރާމާރީއާ ގުޅިގެން 23 އަހަރުގެ ދިވެހި ފިރިހެނަކު ރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އިއްޔެ ހައްޔަރުކުރި 23 އަހަރުގެ މީހާ އާއި ރޭ ހައްޔަރު ކުރި މީހާގެ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރު ކުރުމުން، އެ ދެމީހުންވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން މިދިޔަ އާދިއްތަ ދުވަހު ހިންގި މާރާމާރީއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހަތަރު ދިވެހި ފިރިހެނުން ވަނީ ހައްޔަރުކޮށްފައެވެ. އެއީ 18 އަހަރާއި 20 އަހަރާއި 21 އަދި 23 އަހަރުގެ މީހުން ކަމަށް ފުލުހުން ބުންޏެވެ.
އާދިއްތަ ދުވަހު ހިންގި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ޒަހަމްވެފައިވަނީ 20 އަހަރުގެ މީހެކެވެ. އޭނާއަށް ގްރޫޕަކުން ހަމަލާދިނީ ގޭގެ ސިޓިން ރޫމް ތެރޭގައި ހުއްޓައެވެ.
އައްޑޫގައި ހުކުރު ދުވަހުގެ ރޭ ހިންގި މާރާމާރީއެއްގެ މައްސަލައަކާ ގުޅިގެން ފުލުހުން ވަނީ މީގެ ކުރިން ހަތަރު މީހަކު ވެސް ހައްޔަރުކޮށްފައެވެ. އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ 18 އަހަރާއި 19 އަހަރާއި 20 އަހަރާއި 23 އަހަރުގެ ހަތަރު މީހުންނެވެ.
އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން އެ އެންމެން ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފައެވެ.
ހިތަދޫގެ ދެ ގުރޫޕެއްގެ ދެމެދުގައި ހިންގި އެ މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ 30 އަހަރުގެ ދިވެހި ފިރިހެނަކު ޒަހަމްކޮށްލާފައިވާ އިރު، އޭނާގެ ހާލު ސީރިއަސްވެ އިތުރު ފަރުވާއަށް ވަނީ މާލެ ގެނެސްފައެވެ.
އައްޑޫގައި މިފަހުން މާރާމާރީތައް އިތުރުވަމުންދާތީ ފުލުހުން ވަނީ އައްޑޫގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް މާލެއިން އައްޑުއަށް ފުލުހުންގެ ޓީމެއް ވެސް ފޮނުވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު