ކައުންސިލްތަކަށް ތަރައްގީގެ މަޝްރޫއުތަކަށް ފަޅު ރަށްތައް ހޯދުމުގެ ފުރުސަތު ދިނުމަށް ކެބިނެޓުން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ވަނީ ކެބިނެޓް ބައްދަލުވުމެއް ބާއްވަވައިފައެވެ. އެ ބައްދަލުވުމުގައި ނިންމި ކަންކަމުގެ މައުލޫމާތު ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ މީހުން ދިރިއުޅޭ ރަށްތަކުގެ ކައިރީގައި ހުންނަ ފަޅު ރަށްތަކާއި ފަޅުތައް ކައުންސިލުގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފުރުސަތު ހުޅުވާލަން ކެބިނެޓުން ނިންމާފައިވާ ކަމަށެވެ. އަދި ގާނޫނުގައިވާ ގޮތުން ރާޅުޖަހާ ހިސާބުން ފެށިގެން 700 މީޓަރު ކައުންސިލުގެ އިހުތިސޯސްއަށް ލިބިގެންވާ ކަމަށެވެ.

އެ އިހުތިސޯސްގެ ތެރޭގައި ހިމެނޭ ބައެއް ފަޅު ރަށްތައް ކުއްޔަށް ދޫކޮށްފައިވާ ބޭނުމާ އެއްގޮތަށް ހިފެމުން ނުދާތީ ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ ބައެއް ފަޅު ރަށްތައް ހުންނަނީ އެ 700 މީޓަރުގެ ބޭރުގައި ކަމަށެވެ. ކައުންސިލްގެ އިހުތިސޯސްގެ ތެރޭގައި އަދި ބޭރުގައި ހިމެނޭ ފަޅު ރަށްތަކުގައި މަޝްރޫއުތައް ހިންގިއްޖެނަމަ ކައުންސިލްތަކަށް ފައިދާވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންވީމާ މިގޮތުން ކައުންސިލްތަކަށް އާމްދަނީ ހޯދޭނެ މަގުތައް ފަހިކޮށް ދިނުމަށްޓަކައި އުސޫލެއްގެ ގޮތުން އެކަން ކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށްޓަކައި ކެބިނެޓުން މި ފާސްކުރީ، ގައުމީ ތަރައްގީގަ އަޅުގަނޑުމެން މި ކުރިއަށް ގެންދަން ނިންމާފައިވާ ގޮތަށް 20 އަހަރު ދުވަހުގެ މާސްޓާޕްލޭން ހެދުމުގެ މަސައްކަތް ކުރިއަށްދާއިރުގަ ވެސް މި މެނިފެސްޓޯއަށް، ގައުމީ ތަރައްގީއަށް ކުރިއަށް ގެންދަން ރާވާފައިވާ ކަންކަމަށް އެލައިންވާ ގޮތަށް މިގޮތަށް ހުރި ރަށްރަށުގެ ކައުންސިލްތަކުން އެދޭ ފަޅުފަޅާއި ރަށްރަށް ކައުންސިލްތަކަށް ހަވާލުކުރެވޭނެ އުސޫލެއް،" ރައީސް ވިދާޅުވިއެވެ.

"އެ އުސޫލަކީ ޕްރޮޕޯސަލް ހުށަހަޅައިގެން އަދި އެ ފަޅު ނޫނީ ރަށް ހިމެނޭ އަތޮޅު ހިމެނޭ އެހެން ހުރިހާ މީހުން ދިރިއުޅޭ ރަށެއްގެ ރައްޔިތުންގެ ވެސް ތާއީދު އޮތްތޯ ބަލައި، ލިބޭކަމަށްވަންޏާ، މި ދެންނެވި ގޮތަށް އެ ފަޅު ނޫނީ ބޭނުންވާ ރަށާ، ވަކި އެގްރީމެންޓެއް ހަދައި މި ފަޅެއް ނޫނީ ރަށެއް ރާއްޖޭގެ ތަރައްގީއަށް ބޭނުން ހިފޭ ގޮތަށް އަދި ރާއްޖޭގައި ހިނގާ މައިގަނޑު އިންޑަސްޓްރީއަކަށް އޭގެން ގެއްލުމެއް ނުވާ ގޮތަށް ފުރުސަތު ދިނުމަށް"

އެގޮތަށް ކައުންސިލްތަކަށް ރަށް ނޫނީ ފަޅުތައް ދޫކުރުމުން، އިގުތިސޯދީ ގޮތުން ރަށް ކުރިއަރައި ވަޒީފާގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރައްޔިތުންވެސް ބާރުވެރިވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.