އެ މަނިކުފާނުގެ ކެބިނެޓާ މެދު ފަހުރުވެރިވެވަޑައިގަންނަވާ ކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުއިއްޒުގެ ބައެއް ކެބިނެޓް މިނިސްޓަރުންނަށް ދަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވަމުންނެވެ. އެ ބޭފުޅުންނަކީ މަގާމަށް ގާބިލު ބޭފުޅުން ނޫން ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމަކަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރައީސް ވިދާޅުވީ އެ މަނިކުފާނާއި އަދި އެ މަނިކުފާނުގެ ކެބިނެޓުގެ ގާބިލުކަން ވަޒަންކުރާނީ ރައްޔިތުން ކަމަށެވެ. އަދި އެ މަނިކުފާނާއި ކެބިނެޓުގެ ހިންގުންތެރިކަމުގެ ގާބިލިއްޔަތުކަން ވެސް ނިންމަވާނީ ރައްޔިތުން ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު ފަހުރުވެރިވޭ އަޅުގަނޑުމެންގެ ކެބިނެޓާ ދޭތެރޭގަ. އެހެންވީމާ ރައްޔިތުން ބައްލަވަންވީ ހަމަ މިދިޔަ 15 ދުވަސް ތެރޭގަ ކިހިނެއްތޯ މަސައްކަތްކޮށްފަ އޮތީ، ދެން ކުރިއަށް އޮތްތާނގަ ވެސް" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ބޭނުންފުޅުވީ ހީވާގިކަމާއެކު 24 ގަޑިއިރު އެ މަނިކުފާނާއެކު މަސައްކަތް ކުރަން ކެރޭނެ ޓީމެއް ނެގުމަށް ކަމަށާއި މިހާރު އޮތީ ރައްޔިތުންނާ ގާތުން، ރައްޔިތުންގެ ހިދުމަތްތެރިއެއްގެ ގޮތުގައި މަސައްކަތް ކުރާނެ ހީވާގި ކެބިނެޓެއް ކަމަށެވެ. އަދި ކެބިނެޓަށް ރައްޔިތުންގެ މަޖިލީހުން ރުހުން ނުދޭ ވަރުގެ ކަމެއް ނުވާ ކަމަށް ވެސް ވިދާޅުވިއެވެ.
ކެބިނެޓުން މަސައްކަތް ކުރައްވާނީ ރައްޔިތުންގެ ހައްގުގައި ކަމަށާއި އެ ނޫން ގޮތަކަށް ކެބިނެޓުން މަސައްކަތް ނުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު