އައިވީއެފް ހިމެނޭހެން ދަރިމައިވުމުގެ ފަރުވާ އާސަންދައިން ލިބޭނެ އިންތިޒާމު ހަމަޖައްސަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
އެ ހިދުމަތްތައް އާސަންދައިން ކަވަރުކުރާ ގޮތަށް ހަމަޖެއްސުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ރައީސް އޮފީހުގައި މިއަދު އެ މަނިިކުފާނު ވަނީ ކެބިނެޓާއެކު ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުމުގައި ނިންމި ކަންކަމުގެ މައުލޫމާތު ހިއްސާކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ އައިވީއެފް ހިމެނޭހެން ދަރިމައިވުމުގެ ފަރުވާ އާސަންދައިން ލިބޭނެ އިންތިޒާމު ހަމަޖައްސަން ކެބިނެޓުން މިއަދު ފާސްކޮށްފައިވާ ކަމަށެވެ.
"މއީ ކުރީގަ އޮންނަ ކަމެއް ނޫން. އެކަމަކު އެއީ އަޅުގަނޑުމެން ވީ ވައުދެއް، ދެން އެކަންވެސް ދިރާސާކޮށް އަޅުގަނޑުމެން މި ނިންމީ އައިވީއެފް ޓްރީޓުމެންޓު ހިމެނޭހެން ދަރިމައިވުމާ ގުޅޭ ފަރުވާގެ ހިދުމަތްތައް އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖެއްސުން،" ރައީސް ވިދާޅުވިއެވެ.
އެކަން ހިމެނޭ ގޮތަށް އާސަންދައިގެ ގަވާއިދު ބަދަލުކުރަން ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ހިދުމަތްތައް ދިނުމަށް އުސޫލެއް އެކުލަވާލައި، އައިވީއެފް، އައިޔޫއައި ހިދުމަތްދެވޭ ގޮތް ކުރިއަށް އޮތްތަނުގައި އިއުލާންކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ޕްރައިވެޓް ހޮސްޕިޓަލްތަކުން ވެސް އެ ހިދުމަތްތައް ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކުން ވެސް އާސަންދައިގެ ދަށުން އެ ހިދުމަތް ލިބޭނެ ހޮސްޕިޓަލްތައް ކަނޑައަޅާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އޭގެ އިތުރުން ފާޓިލިޓީ ކެއާއަށް ހާއްސަ ސެންޓަރެއް ގާއިމުކުރާނެ ކަމަށާއި ފާޓިލިޓީ ކަންކަމަށް ހާއްސަ ފަންޑެއް ދައުލަތުގެ ބަޖެޓުން ހަމަޖައްސާނެ ކަމަށް ވެސް ވިދާޅުވިއެވެ. އެގޮތުން އަންނަ އަހަރު 30 މިލިއަން ރުފިޔާގެ ފާޓިލިޓީ ކެއާ ފަންޑެއް ހަމަޖައްސާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު