އެސްޓީއޯގެ ސަބްސިޑަޔަރީއެއްގެ ގޮތުގައި ހިންގުމުގެ ބަދަލުގައި މިފްކޯއަކީ ކުރިން އޮތް ގޮތަށް ވަކި ކުންފުންޏެއްގެ ގޮތުގައި ހިންގަން ސަރުކާރުން ނިންމައިފިއެވެ.

މިއަދުގެ ވަޒީރުންގެ ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންނާ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެސްޓީއޯގެ ސަބްސިޑަރީއެއްގެ ގޮތުގައި މިފްކޯ އޮތް އޮތުން ނިމުމަކަށް ގެނެސް، 100 ޕަސެންޓް ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ބަދަލުކުރައްވަން ނިންމަވާފައިވާ ކަމަށެވެ.

"އޭގެ ބޭނުމަކީ ކުރިއަށް އޮތް ދުވަސްތަކުގައި މަސްވެރިކަމުގެ ދާއިރާ ހަރުދަނާކޮށް ކުރިއަށް ގެންދިއުމުގައި، މަސްވެރިންނަށް އަޅުގަނޑުމެން ވެފައިވާ ވައުދުތައް ހާސިލުކުރުމުގައި މަގުފަހިކުރުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަސްވެރިންނަށް ހާއްސަ ކޯޕަރޭޓިވްއެއް އުފައްދައި، އެ ކޯޕަރޭޓިވްގެ ހިއްސާދާރަކަށް މިފްކޯ ހަދަންވެސް ނިންމާފައިވާ ކަމަށެވެ. އެ ކަންކަން ކުރުމަށް މަގުފަހިވާނީ ވެސް މިފްކޯ ވަކި ކުންފުންޏަކަށް ބަދަލުކުރުމުން ކަމަށްވެސް ވިދާޅުވިއެވެ.

މަސްވެރިންނަށް ހާއްސަ ކޯޕަރޭޓިވްއެއް އުފައްދައި، އެ ކޯޕަރޭޓިވްގެ ހިއްސާދާރަކަށް މިފްކޯ ހެދުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

މަސްވެރިކަމުގެ ދާއިރާއާ ގުޅިގެން ކުރިއަށް ގެންދަން ނިންމާފައި ހުރި ގިނަ ކަންކަން ގުޅިފައިވަނީ މިފްކޯ ހަރުދަނާކޮށްގެން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގައި ވަކި ކުންފުންޏެއްގެ ގޮތުގައި އުފެއްދި މިފްކޯގެ ދަރަނި ބޮޑުވުމާއެކު އެ ދަރަންޏާ ސަރުކާރުން ހަވާލުވެ، އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏަކަށް މިފްކޯ ބަދަލު ކުރީ 2016 ވަނަ އަހަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައެވެ. އޭގެ ފަހުން ނިމިދިޔަ ސަރުކާރުންވެސް ވަނީ މިފްކޯ، އެސްޓީއޯގެ ދަށުން ވަކިކޮށް ވަކި ކުންފުންޏެއް ގޮތަށް ބަދަލުކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ. ނަމަވެސް އެކަން އެގޮތަށް ކޮށްފައެއް ނުވެއެވެ.