ދިވެހި ފުޓުބޯޅަ އޮތް އުނދަގޫ ހާލަތުން، ކްލަބްތަކުގެ ހައްގުގައި، މި އަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް، އެއްވެސް އުޖޫރައެއް ނެގުމެއްނެތި، "ހިލޭސާބަހަށް" ހިންގައިދޭން ބުރު ސްޕޯޓްސް ކްލަބުގެ ކޯޗު، މުހައްމަދު ނިޒާމް (ނިޒާމްބެ) އެއްބަސްވެއްޖެއެވެ.
އެފްއޭއެމްގެ ދަރަނި ބޮޑު، އެ އިދާރާގެ މުއައްޒަފުންނަށް މުސާރަ ނުދީ އޮތުމާއެކު، މިވަގުތު ހުރިހާ އިދާރީ ކަމެއް އޮތީ ހުއްޓިފައެވެ. އެފްއޭއެމްގެ މައްޗަށް މަނީ ލޯންޑްރިންގެ މައްސަލަތަކެއްގެ ތުހުމަތުވެސް ކުރެވިފައި އޮތް އިރު، މީގެ ކުރިން މިހާރު ވަނީ ދެވަނަ ޑިވިޝަން ފެށުންވެސް ފަސްކޮށްފައެވެ. އެހެން އެކަން ގޮސް، ދެވަނަ ޑިވިޝަން ނުހިނގާނެހެން ހީވެފައި އޮއްވައި، ނިޒާމްބެ ވަނީ އަމިއްލަ އިސް ނެގުމަށް އެކަން ކޮށްދޭން އެދިފައެވެ.
"ދެވަނަ ޑިވިޝަން ކުރިއަށް ނުދާނެހެން ހީވެގެން ވޮލެންޓިއާ ކޮށްގެން މި އެދުނީވެސް. ބޯޅައިގެ ދެވަނަ ޑިވިޝަން ނެތުން ވެގެންދާނީ ބޮޑު ގެއްލުމަކަށް. ހަގީގަތުގައި ކްލަބްތަކުން ބޮޑެތި އިންވެސްޓްމަންޓްތަކެއް އެ ކުރަނީ. ބައެއް ކްލަބުތަކުން ތަމްރީނުތައް ކުރިއަށް ގެންދާތާ މިހާރު ވަނީ މަހަކަށްވުރެ ގިނަ ދުވަސްވެފަ. އެހާ ވަރަށް ތައްޔާރުވެފަ މުބާރާތް ނެތީމަ މީގެ ގެއްލުން މި ލިބެނީވެސް ފުޓްބޯޅައަށް. އެއީ އެހިސާބުން ދެވަނަ ޑިވިޝަނުގެ ފޯރިއާއި، ޑިވިޝަނުގެ އިތުބާރުވެސް ގެއްލިގެން ދިޔައީ،" އަންހެން ގައުމީ ޓީމުގެވެސް ކޯޗު ނިޒާމްބެ "ވަން ސްޕޯޓްސް"އަށް ބުންޏެވެ.
ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި 15 ޓީމެއް ވާދަކުރާނެއެވެ. ރާއްޖޭގެ ފުޓްބޯޅައިގެ ގަދަ ދެ ބާރު، ވިކްޓަރީ ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުވެސް ހިމެނޭހެންނެވެ. އެ ދެޓީމުން ވަނީ ބޮޑެތި ޓްރާންސްފާތަކެއް ކޮށް ތައްޔާރުވާން ފަށައިފައެވެ. އޭގެ އިތުރުންވެސް މިފަހަރު ދެވަނަ ޑިވިޝަނުގައި ރާއްޖޭގައި ފާހަގަކޮށްލެވޭ ކުޅުންތެރިން ކުޅޭނެއެވެ.
ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް
ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް
ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް
ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް