(1 ޑިސެމްބަރުގެ އަދަދާ ގުޅޭ)

ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ޙުރްމަތަށް އަރައިގަތުމުގެގޮތުން ޔަހޫދީން މިނޫންވެސް އެތައް ބަސްތަކެއްވެސް ބަދަލުކޮށްގެން ބޭނުންކުރިއެވެ. އެގޮތުން ބަދަލުކުރި އެއްލަފުޒަކީ راعِــنَـــا އެވެ. ޢާންމުކޮށް ޢަރަބީންގެ ވާހަކަދެއްކުމުގައި މިބަސް ބޭނުންކުރަނީ "ކުޑައިކޮށް މަޑުކުރައްވާށޭ" ނުވަތަ "އަޅުގަނޑުމެންނަށް ވިސްނައިލުމުގެ ފުރުސަތު ދެއްވާށޭ" ނުވަތަ "ރިޢާޔަތެއް ދެއްވާށޭ" ފަދަ މާނަތަކުގައެވެ. ނަމަވެސް މި ލަފުޒާ ދާދި އެއް އަޑުމަޚުރަޖައަކުން އަދާކުރެވޭ ޢަރަބިބަހާއި ޢިބްރާނީ ބަހެއްގައި ވަރަށް ބޭއަދަބީ ނުބައި މާނަތަކެއް އޮވެއެވެ. އެބަހަކީ راعِــيْــنَـــا އެވެ. އިތުރު ސާހިބާއާ މުޚާޠަބުކުރާއިރު ޔަހޫދީން ބޭނުންކުރަނީ އެބަހެވެ. އެބަހުގެ މާނަތަކުގައި "އަހަރެމެންގެ ހުއިހައްޕާކަލޭގެޔާއެވެ! ޖާހިލު މޮޔަކަލޭގެޔާއެވެ! ބީރު މީހެއްގެ ގޮތުގައިވާށެވެ!" މިފަދަ މާނަތައް ހިމެނެއެވެ.

ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ މަޖްލިހަށް ޔަހޫދީންގެ ޙިބްރުން ކޮންމެ ދުވަހަކުވެސް އަންނަނީ ކަލިމަތައް ބަދަލުކޮށް ތަޙްރީފުކޮށްގެން އެދުވަހަކު ދައްކާނެ ނާތަހްޒީބު އަދި ބޭއަދަބީ ވާހަކަތަކާމެދު ސައްލާކޮށް އެކަށައަޅައި އެއްބަސްވެގެންނެވެ. ޔަހޫދީން ބޭރުފުށުން ދައްކަނީ ވަރަށްވެސް ނިއަނެތި އަދި އަދަބުވެރި ބައެއްގެ ސިފައެވެ. އެބައިމީހުންގެ އެތެރެފުށް ނުހަނު މުޑުދާރެވެ. އަނެއްކޮޅުން ލާޗާރު ޢާންމުންނަކީ އަދަބީ ފަންނުތަކުގެ މާހިރުންނެއް ނޫނެވެ. ޔަހޫދީންގެ ބޭއަދަބީ ވާހަކަތަކާމެދު އެވާހަކަ ދޭހަވާ މުސްލިމަކު އިޢުތިރާޟުކޮށް އެއްޗެކޭ ބުނެފިކަމުގައިވާނަމަ ހެދިގަންނަނީ ނުހަނު މަޢުޞޫމް ބަޔަކު ކަމުގައެވެ. އަވަސްއަވަހަށް ބުނެލައެވެ. "ތިޔަބޭކަލުން ތިޔަ ދެކެވަޑައިގަންނަވަނީ އަޅުގަނޑުމެންނަކީ ކުޑަވެސް ޝަރާފަތެއްނެތް އަދަބުކުޑަ ބަޔަކު ކަމުގައެވެ. އަޅުގަނޑުމެން މިވާހަކަ ދައްކަނީ ނުހަނު އަދަބުވެރިކަމާ އެކުގައެވެ. ކަންކަން ވިސްނައިގަތުމަށާއި ވިސްނައިދޭން އަޅުގަނޑުމެންނަށް ފުރުސަތު ދެއްވާށެވެ."

"ނަބީބޭކަލުންނާއި ރަސޫލުބޭކަލުންގެ ޤާއިމުމަޤާމުންކަމުގައި" ހެދިގެންއުޅޭ ޔަހޫދީން އިންސާނިއްޔަތުގެ މުޙުސިން صـلّـــــى اللّــــه عــلـيــــه وسـلّـــــم އާ ވާހަކަދައްކާއިރު ވަރަށްގިނަފަހަރު "اِسُمـَـــعُ غَــيْـــــرَ مُسـْـــمَــعٍ" މިހެންވެސް ދަންނަވައެވެ. ޢާންމު މަފްހޫމުގައި އެހެން ދަންނަވަނީ "ނިކަން އަޑުއައްސަވައި ބައްލަވާށޭ" މިހެން ދަންނަވާންވެގެންނެވެ. ކަލޭގެފާނުގެ އިޒުނަފުޅާ ނުލައި ކަލޭގެފާނަށް ވާހަކައެއް ދެންނެވުމަކީ ބޭއަދަބީ ކަމެކޭ ދަންނަވާންވެގެންނެވެ. އެކަމަކު ނުބައި ޒިހުނިއްޔަތުގެ ޔަހޫދީން އެހެން ދަންނަވަނީ "ތިބާއަށް އެއްޗެއް ވިސްނައިގަތުމަކީވެސް ވިސްނައިދިނުމަކީވެސް އެކަމުގެ އެކަށޭނަކަމެއް އޮތްކަމެއް ނޫނޭ، ތިބާއަކީ ބީރު މީހެއްކަމުގައި ލައްވާށިއޭ. އަޑުއެހުމުގެ ޤާބިލުކަމެއްނެތް މީހަކު ކަމުގައި ލައްވާށިއޭ" މިފަދަ ބޭއަދަބީ މާނަތަކުގައެވެ. އާދެ، މިއީ މުޑުދާރު ވިސްނުމުގެ ޔަހޫދީން ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އާ މުޚާޠަބުކުރާ ބޭޙުރުމަތީ ގޮތްގޮތެވެ.

އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ މަޖްލިސްތަކުގައި އީމާންކަމުގެ އަހުލުވެރީން ވާހަކަ ދައްކަވާއިރު އިލާހީ އިރުޝާދާ އެއްގޮތަށް އިޚްލާޞްތެރި ޖަޒުބާތުގައި ބޭނުންކުރައްވާ އެއްބަސްފުޅަކީ "سَمـِعْــنَــا وَاَطَـعْــنَــا" އެވެ ދެންނެވުމެވެ. "ދެއްވި އިރުޝާދު އަޑުއަހައިފީމުއެވެ. ކިޔަމަންތެރިކަން ޚިޔާރުކޮށްފީމުއެވެ. ދެންނެވުމުގެ ގޮތުންނެވެ. ތައުރާތުގެ ޙާމިލުން މިފަދަ ވަގުތުތަކުގައިވެސް ކުޅެނީ ވަރަށް ހުތުރު ޑްރާމާއެކެވެ. އެންމެފުރަތަމަ "سَمـِعْــنَــا އޭ – އާދޭހެވެ! އަޅުގަނޑުމެން އަޑުއަހައިފީމުއެވެ." ވަރަށްބާރަށް ގޮވައިލައެވެ. އެއަށްފަހު އަޑުމަޑުކޮށްލައިފައި އަނގަ ހަދައިފައި ބުނެލަނީ "وَعَصَــيْــنَـــا" އެވެ. "އަހަރެމެން ތިބާގެ ވާހަކަ ރައްދުކުރަމެވެ. ނުކިޔަމަންތެރިވާން ޢަޒުމު ކަނޑައަޅައިފީމުއެވެ." ބުނުމުގެ ގޮތުންނެވެ. މިފަދަ ދަނޑިވަޅެއްގައިވެސް އެހެންމީހަކު އެކަން ފާހަގަކޮށް އެއްޗެކޭ ބުނެފިކަމުގައިވާނަމަ ވަރަށް ރުޅިއަތުވެއްޖެކަމުގައި ހަދައިފައި ބުނެލައެވެ. "ތިޔަބައިމީހުން އަހަރެމެންނާމެދު ދެކެނީ ތިހައިވެސް ވިޔާނުދާ ބައެއްކަމުގައިހެއްޔެވެ. ދެކޮޅުވެރިކަމުގެ ޖޯޝުގައި އަހަރެމެންގެ ބޮލުގައި ތިޔަފަދަ އިލްޒާމުތައް އަޅުވަނީ ތިޔަބައިމީހުންގެ ކިބައިގައި އެހެންމީހުންގެ ޢިލްމުވެރީންނާއި މާތްމީހުންނަށް އިޙްތިރާމް ކުރުމެއް ނޯންނާތީއެވެ. ތިޔަބައިމީހުން ފިޔަވައި އެހެންބައެއްގެ ތެރޭގައި މާތްމީހަކުވެސް މަޢުޤޫލް (ރީޒަނަބަލް) މީހަކުވެސް ހުރެދާނެކަމަށް ޤަބޫލު ނުކުރަނީއެވެ."

ވިސްނައިވަޑައިގަންނަވާށެވެ. ޔަހޫދީންގެ މިބާވަތުގެ ޚުލުޤުނުބައި ނާތަހުޒީބު ވާހަކަތަކުން އެހެންބަޔަކަށްވާނެ ގެއްލުމެއް އޮންނާނެތޯއެވެ؟ އިންސާނިއްޔަތުގެ މަޙުސިން صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ މަސައްކަތްޕުޅުގައި ފަނިއެޅުވޭނެތޯއެވެ؟ ޔަހޫދީދަންނަބޭކަލުންގެ މިކަހަލަ ބާޒާރުމަތީގެ ބަހުރުވައިގެ ވާހަކަތަކުން ޙައްޤާއި އިންސާފުގެ މައްޗަށް ބިނާވެފައިވާ އިސްލާމީ ތަޙްރީކުގެ އަގުވެއްޓޭނެތޯއެވެ؟ ޔަހޫދީންގެ މިޒާތުގެ ކަމީނާ ޙަރަކާތްތަކުން އިސްލާމީ ޖަމާޢަތް ވުޖޫދުން ފޮހެލެވޭނެތޯއެވެ. ނޫނެކެވެ. ތިންސައްތަފަހަރަށްވެސް ދަންނަވާނީ ނޫނެކޭއެވެ. ހުތުރު އެއްޗެހި ގޮވުމާއި ދޫނުބައިކަމަކީ ބިނާކުރަނިވި ބާރަކަށް ލޯތްޔެއްވަރުގެވެސް ގެއްލުމެއް ލިބޭނެކަމެއް ނޫނެވެ. ކުރެވޭނެހައިވެސްކަމަކީ ޙަސަދަވެރި ޠަބީޢަތުގެ ކަމީނާ ބައެއްގެ ހިތުގެ އުދާސް ބޭރުކުރެވުމެވެ. ޔަހޫދީންގެ ބަދުތަހުޒީބު ނުލަފާ ޙިބްރުން ނުބުއްވަތުގެ ބަރަކާތްތެރި މަޖްލިސުން ނުކުމެގެން އެބައިމީހުންގެ ކުޅިސަމާގެ މަހެފިލްތަކަށްގޮސް އެދުވަހެއްގައި ކުރެވުނު މޮޅުކަންތައްތަކާމެދު ފަޚުރުވެރިވެއެވެ. "މިއަދުވެސް މިއައީ މުސްލިމުންގެ ނަބިއްޔާގެ އަގުވައްޓައިލާން މިވެނިއެއްޗެއް ގޮވައިފައޭ ބުނެ އެބައިމީހުންގެ ދަރިވަރުންގެ ތެރޭގައި ތިމާމެންގެ މޮޅުކަމުގެ ވާހަކަ ދައްކައި ބައިސާކަނޑައި އަޗާތަޅައެވެ. އަހަރެމެންގެ ނަޙޫޞަރުފަށް މޮޅުކަމުންނާއި ފަޞާޙަތާއި ބަލާޣަތުގެ ޢިލްމުގެ ޤާބިލުކަމުން މި ޖާދޫ ދެއްކުމުގައި ވަރަށްބޮޑަށް އެހީލިބުނެވެ." ބުނެލައެވެ.

ޔަހޫދީންގެ ނުލަފާ ޙިބްރުންގެ މި ނާތަހްޒީބު ކަންތައްތަކުގެ ވާހަކަތައް ކީރިތި ޤުރްއާނުގައި ވަނީ އަބަދަށްޓަކައި ރެކޯޑު ކުރައްވައިފައެވެ. ވަޙީކުރައްވައިފައިވާ ބަސްފުޅުގެ މާނަ ވިސްނައިވަޑައިގަންނަވާށެވެ.

"ބަސްތައް ހުންނަންވީ ތަންތަނުން ބަދަލުކޮށް، އޮޅުވާ މީހުން ޔަހޫދީންގެ ތެރެއިންވެއެވެ. އަދި، ތިމަންމެން އަހައިފީމުއޭ އަދި ތިމަންމެން އުރެދިއްޖައީމުއޭ، އަދި، ނީވޭމީހެއްގެ ގޮތުގައި (ހުންނަވައިގެން އަޑު) އައްސަވާށޭ އަދި ތިމަންމެންނަށް ބައްލަވާށޭ އެއުރެން ބުނެތެވެ. (އެއުރެން އެފަދަ ބަސްތައް ބުނަނީ) އެއުރެންގެ ދޫތަކުން ބަސްތައް އޮޅުވާލުމުގެ ގޮތުންނެވެ. އަދި، ދީނާމެދުގައި ނިކަމެތިބަސް ބުނުމުގެ ގޮތުންނެވެ. ތިމަންމެން އަހައިފީމުއޭ. އަދި ކިޔަމަންވެއްޖައީމުއޭ އަދި އައްސަވާށޭ އަދި ތިމަންމެންނަށްޓަކައި ލަސްކޮށްލައްވައި، އިންތިޒާރުކުރައްވާށޭ (މިހެން) އެއުރެން ބުނިނަމަ އެއުރެންނަށް ހެޔޮކަން މާބޮޑުވީހެވެ. އަދި ސީދާކަންވެސް މާބޮޑުވީހެވެ. އެހެނެއްކަމަކު އެއުރެން ކާފަރުވުމުގެ ސަބަބުން اللّــــه އެއުރެންނަށް ލަޢުނަތް ލެއްވިއެވެ. (އޭގެތެރެއިން) މަދުބަޔަކު މެނުވީ އީމާނެއް ނުވެތެވެ." (ســـــورة الـنّسـاء: 46)

ޔަހޫދީންގެ ބޮޑުންގެ މި ހުތުރު ޢަމަލުގައި އެކުލެވިފައިވާ ޢިބްރަތުގެ ދަރުސަކީ ދީނީ މީހުން ބޮލާއަޅައި ވެއްޓި ދަށަށްދިޔުމުގެ ދައުރު އައުމުން އެބަޔަކަށް ބަސްތައް ތަޙުރީފުކުރުމުގެ (ބަސްތައް ހުންނާންވީ ތަންތަނުން ބަދަލުކުރުމުގެ) މުޑުދާރު ބަލިޖެހޭކަމެވެ. ދެވަނަކަމަކަށް އިންސާނީވަންތަކަމާއި ޝަރާފަތާއި ތަހުޒީބީ ރީތި ހަމަތަކަށް ބަލައިގެން އުޅުމުގެ ސިފަ މުޅީން ނެތިދާކަމެވެ. ތިންވަނަ ކަމަކަށް އެބައެއްގެ ޢަމަލުތަކުގައި ދެފުށްދެގޮތްކަން ލަދުގަންނަ ދަރަޖަޔަށް އަށަގަންނަކަމެވެ. ހަތަރުވަނަ ކަމަކަށް އެބައެއްގެ ކިބައިގައި ފިނޑިކަމާއި ނުކެރުމުގެ ވަބާ އަށަގަންނަކަމެވެ. ނަތީޖާއެއްގެގޮތުން އެބަޔަކަށް ތިމާމެންގެ ޟަމީރުގެ އަޑު އިއްވާކަށެއްވެސް ނުކެރެއެވެ. ހިތުގައި އޮންނަ ގޮތަކަށެއް ވާހަކައެއް ނުދެއްކެއެވެ. ހިތުގައި އުފެދޭ ނުތާހިރު ޖަޒުބާތުވެސް ކެރިތިބެވެސް ބޭރެއް ނުކުރެވެއެވެ. ތިމާމެންގެ ނުބައި ޚަޞީލަތްވެސް ފާޅުކުރަނީ ޟަރާފަތުން ގިރިޓީކޮށްފައެވެ. މުލަންމާކޮށްފައެވެ. މިއީ އެމީހެއްގެ ނުވަތަ އެބައެއްގެ ވިސްނުމާއި ބުއްދި ފާސިދުވެފައިވާވަރުގެ ޞަރީޙު ދަލީލެކެވެ. ޚާއްޞަކޮށް ބައެއްގެ ކިބައިން ދޫނުބައިކަމާއި ބާޒާރީ ބަސްމަގު ފެންނާންފަށައިފިކަމުގައިވާނަމަ ޙައްޤާއި އިންސާފާއި ތެދުވެރިކަމާ އެބަޔަކާ ކުޑަވެސް ތިމާގެކަމެއް ގުޅުމެއް ނޯންނާނެއެވެ.

އިންސާނާގެ ދުލުން ބޭރުކުރާ ކޮންމެ ލަފުޒަކީވެސް އޭނާ ވާހަކަދައްކާ ގޮތަކީވެސް އޭނާގެ ސީރަތުގެ ތަރުޖަމާނެކެވެ. ކާއެއްޗެހި އަޅައިފައި ހުންނަ ތައްޓަކުން ދުވާ މީރުވަސް ދުރަށް ފެތުރުމަކީ ކާންއައުމަށް ދެވޭ ދަޢުވަތެކެވެ. ރިހަބޯތަށްޓަކުން ދުވާ މީރުވަސް އެރިހައިގެ އެކުލެވޭ ހަވާދުގެ ފެންވަރު ރަނގަޅުކަން އިޢުލާންކުރެއެވެ. މީހެއްގެ ދޫނުބައިކަމާއި ހަޑިހުތުރު ބަސްމަގަކީ އެމީހެއްގެ ސިކުނޑި ފާވެ ހިތިއަޅައިފައިވާކަމުގެ ދަލީލެކެވެ. އެފަދަ މީހަކާމެދު އެމީހާއަކީ ޚަޞީލަތް ރަނގަޅު ތަހުޒީބީ މީހަކަށް ވެދާނެކަމުގައި ހީކުރެވޭނީވެސް ކިހިނަކުންތޯއެވެ؟ މީހަކު އޭނާއާ ޚިޔާލުތަފާތު މީހުނާ ހަޑިހުތުރު ބަހުރުވައިން ޖަދަލުކޮށް ވާހަކަދައްކައި އުޅޭކަމުގައިވާނަމަ އޭނާގެ އެތެރެފުށުން ތާހިރު ޚިޔާލެއްގެ ހިލަމެއްނުވާނެކަން ކަށަވަރެވެ. އޭނާ އެ އަންގައިދެނީ އޭނާއަކީ ދަލީލު ދައްކައިގެން ވާހަކަދެއްކުމުގެ މުބާރާތުގައި "އުޅިފައިވާ" (ނުބައިވެފައިވާ) ވާހަކަދެއްކުންތެރިޔެއްކަމެވެ. އޭނާގެ ކިބައިގައި މިހާރުހުރީ ހުސްއެކަނި އެތެރެފުށުގެ އާވި ބޭރުކުރުމުގެ ބާރުކަމެވެ. އެއީ ތާރީޚަށް އެއްވެސް ނުފޫޒެއް ފޯރުވޭނެ ބާރެއް ނޫނެވެ. އޭނާ ކިތަންމެވަރަކަށް ރިތިރިތިފައި (ރިތުން: ފުރަގަސްފަރާތުން ވައިބޭރުކުރާން ނުވަތަ ނަޖިސް ބޭރުކުރާންލާ ބާރު) އާވި ބޭރުކުރިކަމުގައިވިޔަސް ބިނާކުރަނިވި ދަޢުވަތުގެ ޤާފިލާގެ ބައިވެރީން އެކަމަކާ އަޅައެއް ނުލާނެއެވެ. އެ ޤާފިލާ ކަޑަބޮއްޖަހައިފައިދާނީ ކުރިޔަށެވެ.

ޔަހޫދީންގެ ހިތްތައް ފިހިމާލި އަނެއްކަމަކީ މުސްލިމުން ބަންގިދޭން ފެށުމެވެ. ބަންގި ދިނުމަކީ ޔަހޫދީންގެ މުސްކުޅި ދީނީ އާދަކާދައިގައި ބިދުޢައެކެވެ. އެހެންކަމުން ޔަހޫދީން އެކަމާ އެތެރެހިތުން ވަރަށް ރުޅިއައެވެ. ޙަސަދަވެރިވިއެވެ. ޚާއްޞަކޮށް ބަންގީގެ ކަލިމަތަކަކީ އިސްލާމްދީނުގެ އިންޤިލާބީ ދަޢުވަތާއި އަސާސީ ނަޒަރިއްޔާ ނުހަނު ފުރިހަމަޔަށް ފާޅުކޮށްދޭ އިޢުލާނަކަށްވާތީއެވެ. ދުވާލަކު ފަސްފަހަރު އެ ދަޢުވަތުގެ ނަޣުމާ ނުހަނު ރީތި އަޑަކުން އަދި އެހައިމެ ހިތްގައިމު ގޮތަކަށް އިޢުލާންކުރާތީއެވެ. އެ ނަޝީދު ބިލާލީ ރީތި އަޑުން އިޢުލާންކުރައްވާ ކޮންމެފަހަރަކު މުޅި މަދީނާ ހުއްޓުމަކަށް އާދެއެވެ. އެންމެން އާޝޯޚުވެފައިތިބެ އެ އަޑުއަހައެވެ. އަމިއްލަ މީހުންނާއި ހިލޭމީހުންވެސް އެއަޑަށް ސަމާލުކަންދެއެވެ. ޚާއްޞަކޮށް އަޅުކަމުގެ ވަގުތު އިޢުލާންކުރާން ނާގޫސު ފުމުމާއި ރަނގަބީލުޖެހުމާ އެއަޑާހުރި ފަރަގު އިޙްސާސްކުރެއެވެ. ޔަހޫދީންގެ ޢާންމުންވެސް އެކަމުން އިސްތިސްނާއެއް ނުވެއެވެ. އެ ކަލިމަތައް ސޯރުކުރާއިރު ޝޯޚުވެގެން އެބަޔަކު ކުރާންތިބިކަމެއް ހުއްޓައިލައިފައި އެއަޑުއަހާ މީހުންގެ ތެރޭގައި ޔަހޫދީ ޙިބްރުންގެ އަނބިދަރީންނާއި އެމީހުންގެ އަޅުންވެސް ހިމެނެއެވެ. ނާގޫސުގެ އަޑަކީ ނުވަތަ ރަނގަބީލުގެ އަޑަކީ އިވޭ ހުސްއަޑެކެވެ. މާނައެއްނެތް އަޑެކެވެ. ބަންގިއަކީ މަދުކަލިމަތަކެއް ކަމުގައިވިޔަސް އެއީ ފުރިހަމަ ދަޢުވަތެކެވެ. ޢާންމުންނަށް ފަހުމުވާފަދަ މާނަހުރި ކަލިމަތަކެކެވެ. ނާގޫސް ފުމުމަކުންވެސް ރަނގަބީލު ޖެހުމަކުންވެސް އިންސާނީ އިޙްސާސްތައް ތަރުޖަމާކޮށެއް ނުދެވެއެވެ. އެކަމަކު ބަންގިއަކީ އިންސާނީ އިޙްސާސް ފާޅުކުރުމެކެވެ. އިންސާނީ ސިކުނޑިތަކާ މުޚާޠަބުކުރެވޭ ދަޢުވަތެކެވެ. އަޅުކަމަށް އައުމަށް ދަޢުވަތުދިނުމުގެ އަސަރުގަދަ ގޮތެކެވެ. ޚުލުޤުނުބައި ޔަހޫދީން މިކަމާވެސް އައީ އަމަށަކު ރުޅިޔެއް ނޫނެވެ. އަވަސްވެގަތީ ބަންގީގެ ކަލިމަތައް ތަޙްރީފުކުރުމަށެވެ. ބަންގިދެއްވާ ރަންއަޑުގެ ވެރި بـــلال رضـــــى اللّــــه عــنــــه ހޭރުވުމަކީ އާދަޔަކަށް ހެދުމަށެވެ. އެބައިމީހުންގެ މަޖިލިސްތަކުގެ މުނިފޫހިފިލުވުމުގެ މަސައްކަތަކަށް އެކަން ހެދުމަށެވެ.

(ނުނިމޭ)