ގާޒާގެ ދެކުނުގައި ހުރި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ގެ ގުދަނުން ސިއްހީ ސާމާނު ހުސްކުރަން އިޒްރޭލުން އަންގައިފިއެވެ.
ޑަބްލިޔުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޮސް އަދޮނޮމް ގެބްރެޔެސަސް ރޭ އެކްސްގައި ކުރެއްވި ޕޯސްޓެސްގައި ވިދާޅުވީ އިޒްރޭލުގެ އޮޕަރޭޝަންތަކުގައި އެ ތަން ބޭނުން ނުކުރެވޭ ވަރަށް ހަލާކު ވެދާނެ ކަމަށް ބުނެ، އެ ގުދަނުގައި ހުރި ސާމާނު 24 ގަޑިއިރުގެ ތެރޭގައި ހުސްކުރަން އަންގާފައިވާ ކަމަށެވެ.
އެ ޕޯސްޓުގައި ޓެޑްރޮސް ވިދާޅުވީ އެ އެންގުން އިޒްރޭލުން އަނބުރައި ގެންދިޔުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އާންމުންނާއި ހޮސްޕިޓަލުތައް ފަދަ އާންމުންނާ ގުޅުންހުރި ވަސީލަތްތައް ރައްކާތެރިކުރުމަށް އެޅެންހުރި ފިޔަވަޅެއް އެޅުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.
ގާޒާގެ ދެކުނަކީ މީގެ ކުރިން އިޒްރޭލުން "ރައްކާތެރި" ކަމަށް ބުނަމުން ދިޔަ ސަރަހައްދުތަކެވެ. ގާޒާގެ އުތުރުގައި ތިބި މީހުންވެސް ރައްކާތެރިކަން ހޯދުމަށް ދެކުނަށް ދިއުމަށް އިންޒާރުދީ، މަޖުބޫރުކުރުމުގެ ސަބަބުން މިލިއަނަކަށްވުރެ ގިނަ މީހުން ވަނީ ދެކުނަށް ހިޖުރަކޮށްފައެވެ.
ނަމަވެސް ހަނގުރާމަ މެދުކަނޑައިލުމަށް ފަހު އަލުން ފެށި ފަހުން އިޒްރޭލުން ދަނީ ގާޒާގެ ދެކުނުގެ ސަރަހައްދުތައްވެސް މިހާރު ރައްކާތެރި ނޫން ކަމަށް ބުނެ ދެކުނުގެ ބައެއް ތަންތަންވެސް ހުސްކުރަން އަންގަމުންނެވެ. އެގޮތުން ދެކުގައި އޮންނަ ޚާން ޔޫނިސް ސަރަހައްދާއި ރަފާ ސަރަހައްދަކީ މިހާރު ހަނގުރާމަ މަތީ ސަރަހައްދުތައް ކަމަށް އިއުލާންކޮށް، އެ ތަންތަނުން މީހުން ދިއުމަށް ދަނީ ގޮވަމުންނެވެ.
ދެކުނަށް ހިޖުރަކުރި މީހުންނަށް އަނބުރައި އުތުރަށް ދެވޭކަށް ނެތެވެ. އިޒްރޭލުން ގާޒާގެ ހުރިހާ ހިސާބަކަށްވެސް ހަމަލާ ދެމުން ދާއިރު، ރައްކާތެރިކަން ހޯދަން ދާނެ ތަނެއް ގާޒާގެ ރައްޔިތުންނަކަށް ނެތެވެ.
އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް ގާޒާގެ 15،899 މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދީންނާއި އަންހެނުންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ