‎ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު، ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް މިރޭ ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން މިރޭ ބުނީ ނައިބު ރައީސް ޗައިނާއަށް ވަޑައިގަންނަވަނީ "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ.

"ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" އަކީ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީއައިޑީސީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ ފޯރަމެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ފޯރަމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިމަހުގެ ހަތްވަނަ ދުވަހުން ފެށިގެން އަށް ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

"ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގައި ނައިބު ރައީސް ތަގުރީރު ކުރެއްވުމުގެ އިތުރުން ޗައިނާގެ ބައެއް އޮފިޝަލުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. ނައިބު ރައީސްގެ އަރިހުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް އެ ދަތުރުގައި ބައިވެރިވަވައިގަންނަވައެވެ.

ޗައިނާ ދަތުރު ނިންމަވައިލެއްވުމަށްފަހު ނައިބު ރައީސް ރާއްޖެ ވަޑައިގަންނަވާނީ މިމަހުގެ 11 އަދި 12 ވަނަ ދުވަހު ސުވިޒަލޭންޑުގައި ބާއްވާ ޔުނިވާސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސްއަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ މަތީ ފަންތީގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްފަހު ކަމަށް ރައީސް އޮފީހުން ބުންޏެވެ.