ގާޒާގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން ޑަބްލިއުއެޗްއޯއިން ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.

ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ވަނީ ފަލަސްތީނުގެ ގާޒާއާއި ހުޅަނގު އައްސޭރީގެ ސިއްހީ ހާލަތާ ގުޅޭ ކުއްލި ބައްދަލުވުމެއް މިމަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ.

ޑަބްލިއުއެޗްއޯ އިން ވަނީ އެބައްދަލުވުމުގައި ފަލަސްތީނުގެ ސިއްހަތާއިބެހޭ އެންވޯއީތަކުގެ ފަރާތްތައްވެސް ބައިވެރިވެވަޑައިގަންނަވާނެކަމަށް ބުނެފައެވެ.

ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ދުނިޔޭގެ 15 ގައުމަކުން ޑަބްލިއުއެޗްއޯގައި ވަނީ އެދިފައެވެ.

ގަތަރުގައި ބޭއްވުމަށް ރާވަމުން އަންނަ އެ ބައްދަލުވުމުގައި އެންމެ އިސްކަމެއް ދީފައި ވަނީ އިސްރާއީލާއި ހަމާސް އާއި ދެމެދު ހިންގަމުންދާ ހަނގުރާމައިގައި ގާޒާއަށް ލިބުނު ގެއްލުންތަކުގައި އެ ސިޓީގެ ސިއްހީ ހާލަތު ބެލުމާއި އެކަމުގައި ކުރެވޭނެ ކަންކަމާއި މެދު ގޮތްތަކެއް ނިންމުން ކަމަށް އދ ގައި ހުންނަ ފަލަސްތީނުގެ އެމްބެސަޑަރު އިބްރާހިމް ހާރިޝީ އާއި ހަވާލާދީ ނޫސްތަކުން ބުނެއެވެ.

ޑަބްލިއުއެޗްއޯގެ ހިސާބުތަކުން ދައްކާގޮތުން ގާޒާގެ ސިއްހީ އިދާރާތަކަށް މިފަހުން ހަނގުރާމަ ފެށުނުފަހުން 427 ހަމަލާއެއް އިސްރާއީލުން ދީފައިވެއެވެ.