އައްޑޫ ހިތަދޫގައި ދެ ގްރޫޕެއްގެ ދެމެދުގައި ހުކުރު ދުވަހުގެ ރޭ ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުން ޝަރީއަތް ނިމެންދެން މިއަދު ބަންދުކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ 18 އަހަރާއި 19 އަހަރާއި 20 އަހަރާއި 23 އަހަރުގެ ހަތަރު މީހުންނެވެ.

ފުލުހުން މިއަދު ބުނީ އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން އެ އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކަމަށެވެ.

ހިތަދޫގެ ދެ ގުރޫޕެއްގެ ދެމެދުގައި ހިންގި އެ މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ 30 އަހަރުގެ ދިވެހި ފިރިހެނަކު ޒަހަމްކޮށްލާފައިވާއިރު، އޭނާގެ ހާލު ސީރިއަސްވެ އިތުރު ފަރުވާއަށް ވަނީ މާލެ ގެނެސްފައެވެ.

އެ މަރާމާރީއަށްފަހު، އިއްޔެ ހަވީރުވެސް ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދީ 20 އަހަރުގެ ޒުވާނަކު ޒަހަމްކޮށްލާފައިވެއެވެ. އޭނާއަށް ގްރޫޕަކުން ހަމަލާދިނީ ގޭގެ ސިޓިން ރޫމް ތެރޭގައި ހުއްޓައެވެ.

މި މާރާމާރިތަކާ ގުޅިގެން ފުލުހުން ވަނީ އައްޑޫގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް މާލެއިން އައްޑުއަށް ފުލުހުންގެ ޓީމެއް ފޮނުވައިފައެވެ.