މާލޭގެ މަގެއްގެމަތީގައި އޮތް ބުޅަލެއްގެ ގަޔަށް ވަޅި ހަރައި މަރާލި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދު ތިންވަނަ ފަހަރަށް އިތުރުކޮށްފިއެވެ.
މި މައްސަލާގައި މިދިޔަ މަހުގެ 13 ވަނަ ދުވަހު މާލެއިން ހައްޔަރުކުރީ މ. ކޮޅުފުށީ/ ޖަވާހިރުވާދީ، އަހުމަދު ނަސީމް 45އ އެވެ.
ނަސީމުގެ ބަންދަށް ކްރިމިނަލް ކޯޓުން ފުރަތަމަ ދިނީ 15 ދުވަހެވެ. އޭގެ ފަހުންވެސް ބަންދުގެ މުއްދަތު އިތުރުކުރިއެވެ. އޭނާގެ ބަންދަށް އެންމެ ފަހުން ޖެހި މުއްދަތު ހަމަވުމުން، ބަންދަށް އިއްޔެ ވަނީ އިތުރު ދިހަ ދުވަސް ޖަހައިފައެވެ.
ނަސީމުގެ ބަންދު އަމުރުގައިވާ ގޮތުގައި އޭނާ ވަނީ އެ ބުޅަލަށް ހަމަލާދިނުމަށްފަހު އިތުރު ބުޅަލަކަށްވެސް ހަމަލާ ދިނުމަށް މަސައްކަތް ކޮށްފައެވެ. އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރީ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައަށް ނުރައްކާ އޮތް ކަމަށް ޝަރީއަތަށް ފެންނާތީ ކަމަށް އަމުރުގައިވެއެވެ.
ނަސީމު ބުޅަލެއްގެ ގަޔަށް ވަޅި ހަރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، ޝަރީއަތުގައި އޭނާ ބުނީ ވީޑިއޯއަކީ މިހާރު ކޮންމެ މީހަކަށްވެސް ހެދިދާނެ އެއްޗެއް ކަމަށެވެ.
ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއިން ފެންނަނީ ގެއެއްގެ ކައިރީގައި އޮށޯވެގެން އޮތް ބުޅަލަކަށް ނަސީމު ވަޅިން ހަމަލާ ދޭ މަންޒަރެވެ. އެ ހަމަލާގައި އެ ބުޅާ މަރުވެފައިވާއިރު، އެ ބުޅަލަކީ ބަނޑު ބޮޑު ބުޅަލެއް ކަމަށްވެއެވެ.
ގާނޫނުލްއުގޫބާތުގައިވާ ގޮތުން، އަނިޔާވެރިކަމާއެކު ޖަނަވާރަކާ މެދު އަމަލުކުރުމަކީ ކުށެކެވެ. އަދި އެ ކުށް ސާބިތުވެއްޖެ ނަމަ، އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު