މިދިޔަ ހުކުރު ދުވަހު އައްޑޫ ސިޓީ ހިތަދޫގައި ދެ ގްރޫޕެއްގެ މެދުގައި ހިންގި މާރާމާރީގައި ޒަހަމްވި މީހާއަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
އެ މާރާމާރީގައި ޒަހަމްވީ 30 އަހަރުގެ ދިވެހި ފިރިހެނެކެވެ. އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް އޭނާ މާލެ ގެނައީ އިއްޔެގެ ވަގުތެއްގައެވެ. އޭނާއަށް ލިބިފައިވާ ޒަހަމްގެ ތަފްސީލެއް އައިޖީއެމްއެޗަކުން ނުދެއެވެ.
ފުލުހުން އެ މާރާމާރީގެ މައްސަލަ ތަހުގީގު ކުރަމުން އަންނައިރު، ކޯޓު އަމުރެއްގެ ދަށުން 4 މީހަކު ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށް މައުލޫމާތު ދެއެވެ. އެއީ 18 އަހަރުގެ މީހަކާއި 19 އަހަރުގެ މީހަކާއި 20 އަހަރުގެ މީހެއްގެ އިތުރުން 23 އަހަރުގެ މީހެކެވެ. އެ އެންމެނަކީވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.
މާރާމާރީއާ ގުޅިގެން އައްޑޫގެ މަސްލަހަތު ބަލަހައްޓަން ފުލުހުންގެ އިތުރު ޓީމުތައް އައްޑޫއަށް ފޮނުވަން ނިންމާފައިވާ ކަމަށް ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުންޏެވެ. އަދި އެ މާރާމާރީއާ ގުޅުންހުރި ފަރާތްތައް ހޯދައި ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު