ޔޫއޭއީގައި މިއަދު ކުރިއަށްދިޔަ ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވަޑައިގެންފިއެވެ.
2008 ވަނަ އަހަރު ގާއިމުކުރި ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑަކީ، ތިމާވެށީގެ މައްސަލަތަކަށް ދިގުމުއްދަތަކަށް ހައްލު ހޯދުމުގެ ދާއިރާއިން، ޔޫ.އޭ.އީ އިން ދޭ ޝަރަފުވެރި ބައިނަލްއަގުވާމީ އެވޯޑެކެވެ. މި އެވޯޑް ނިސްބަތްކުރެވެނީ އެ ގައުމުގެ ބާނީ އަލްމަރްހޫމް ޝައިހް ޒައިދު ބިން ސުލްތާން އަލް ނަހްޔާންގެ ހިދުމަތްތަކަށެވެ.
ރައީސް ޔޫ.އޭ.އީ އަށް ވަޑައިގަތީ 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވާކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށެވެ. މިއަހަރުގެ ކޮޕް28 ބާއްވަނީ ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީގައެވެ. ކޮޕް28 ސަމިޓު ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ. އަދި ސަމިޓު މިމަހުގެ 12 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާނެއެވެ.
ކޮޕް28 ގައި 70،000 ފަރާތަކުން ބައިވެރިވާ އިރު، އޭގެތެރޭގައި ގައުމުތަކުގެ އިސްވެރިންނާއި އެކި ސިނާއަތްތަކުގެ ބައިނަލްއަގުވާމީ ފެންވަރުގެ ލީޑަރުންނާއި އަމިއްލަ ވިޔަފާރިތައް ތަމްސީލުކުރާ ފަރާތްތަކާއި ތައުލީމީ މާހިރުންނާއި އެކިއެކި ރޮނގުރޮނގުގެ ތަޖުރިބާކާރުންނާއި ޒުވާނުން އަދި ޖަމިއްޔާތައް ހިމެނެއެވެ.
ރައީސް އޮފީހުން ބުނީ، މި ދަތުރުގައި ރައީސްގެ އިތުރުން ރާއްޖެއިން ސަރުކާރުގެ މަތީފަންތީގެ ވެރިން ބައިވެރިވެވަޑައިގަންނަވާ ކަމުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު