ފައިސާގެ މައްސަލަތަކުގެ އަދަބެއްގެ ގޮތުގައި އެވަޓަން އަތުން އަތުލި 10 ޕޮއިންޓްގެ މައްސަލަ، އެ ކްލަބުން އިސްތިއުނާފު ކޮށްފިއެވެ.
އެވަޓަންގެ މައްޗަށް މިނިވަން ކޮމިޝަނެއްގެ ތަހުގީގު ހިންގައި، އެ ކްލަބަށް އަދަބު ދޭން ޕްރިމިއާ ލީގުން ނިންމީ މިދިޔަ މަހުގެ ތެރޭގައެވެ. އެ ކްލަބަށް ފިޔަވަޅު އެޅީ ޕްރޮފިޓް އެންޑް ސަސްޓެއިނެބިލިޓީ އުސޫލުތަކާ ހިލާފުވެގެންނެވެ. އެވަޓަންގެ ފައިސާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ އިރު، އެ ކްލަބުން މިދިޔަ ފަސް ސީޒަންވެސް ނިންމާލީ ގެއްލުމުގައެވެ. މިދިޔަ މާޗު މަހު އެވަޓަންއިން އިއުލާނުކޮށްފައި ވަނީ 2021-22 ވަނަ އަހަރުގެ ސީޒަނުގައި އެކްލަބަށް 44.7 މިލިއަން ޕައުންޑް ގެއްލުންވި ކަމަށެވެ.
ޕްރިމިއާ ލީގުގެ ޕްރޮފިޓް އަދި ސަސްޓެއިނިބިލިޓީ އުސޫލުގެ ދަށުން އެ ލީގުގެ ކްލަބަކަށް ތިން އަހަރުން 105 މިލިއަން ޕައުންޑަށްވުރެ އިތުރަށް ގެއްލުން ވެއްޖެނަމަ ފިޔަވަޅު އަޅާނެއެވެ.
އެވަޓަންއިން އެ މައްސަލައިގައި އިސްތިއުނާފަށް ހުށަހެޅީ ޕްރިމިއާ ލީގުގެ ޖުޑިޝަލް ޕެނަލަށެވެ. އެ ޕެނަލުން މައްސަލަ ފުރަތަމަ ރިވިއު ކުރުމަށްފަހު، އަޑުއެހުންތައް ބާއްވައި، ސީޒަން ނިމުމުގެ ކުރިން ގޮތެއް ނިންމާނެ ކަމަށް ވަނީ ބުނެފައެވެ.
އެވަޓަންގެ ޕޮއިންޓް އުނިކުރި މައްސަލައިގައި އެ ކްލަބުގެ ސަޕޯޓަރުން ވަނީ ޕްރިމިއާ ލީގަށްވެސް ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. އެގޮތުން އެންމެފަހުން މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި ސަޕޯޓަރުން ވަނީ ޕްރިމިއާ ލީގު ކޮރަޕްޓް ވެފައިވާ ކަމަށް ބުނާ ގަނޑުތަކެއް ހިފަހައްޓައިފައެވެ.
އެވަޓަން
އެވަޓަން
އެވަޓަން