އަރަބިއްޔާ ސްކޫލްގެ ޓީޗަރެއް ކަމަށްވާ ޒަމްޒަމް ފާރިޝް، އެ ސުކޫލްގެ ދަރިވަރުންތަކަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ ދަރިވަރުންތަކަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ބުނާ މައްސަލައެއް މިދިޔަ މަހުގެ 8 ވަނަ ދުވަހު ފުލުހަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލައިގައި ތުހުމަތު ކުރެވެނީ 39 އަހަރުގެ ފިރިހެނެއްގެ މައްޗަށް ކަމަށެވެ. އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން އިތުރަށް ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ތުހުމަތު ކުރެވެނީ ޒަމްޒަމް ފާރިޝްއަށެވެ. މި މައްސަލަ ޖެންޑާ މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީއަށް ވެސް ވަނީ ހުށަހަޅައިފައެވެ.
އެނގިފައިވާ ގޮތުގައި ބަލަމުން އަންނަ މައްސަލަތަކުގެ ތެރޭގައި އަރަބިއްޔާ ސްކޫލުގެ ފިރިހެން ކުދީންނަށް ފުރައްސާ ކުރަމުންދާ ކަމަށް ތުހުމަތުވާ މައްސަލަތަކެއްގެ އިތުރުން، އަންހެން ކުދީންނާ އެކި ގޮތްގޮތުން ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރުމުގެ ތުހުމަތާއި އަންހެން ކުދީންނަށް ޖިންސީ ފުރައްސާ ކުރި ކަމަށް ތުހުމަތުވާ މައްސަލަތަކެއްވެސް ހިމެނެއެވެ.
މީގެ އިތުރުން އަންހެން ކުދީން ހެދުން އަޅާ ގޮތާ ގުޅޭ ގޮތުން ފުރައްސާރަ ކުރުންވެސް ތުހުމަތުތަކުގެ ތެރޭގައި ހިމެނެއެވެ.
މި މައްސަލައިގައި ޒަމްޒަމް ފާރިޝްއާ ދެކޮޅަށް ގިނަ އަދަދެއްގެ ދަރިވަރުން އަންނަނީ ވާހަކަދައްކަމުންނެވެ. އެކުދީންގެ ބަޔާންތައް ނެގުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.
ޒަމްޒަމް ފާރިޝް ވަނީ "އިންޑިއާ އައުޓް" ކެމްޕޭނާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރަށް ފާޑު ކިޔުމުން ސަސްޕެންޑްކޮށްފައެވެ. ނަމަވެސް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ވަނީ އޭނާ ސަސްޕެންޑް ކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު