(28 ނޮވެމްބަރުގެ އަދަދާ ގުޅޭ)
ގަހެއް ރުކެއް އިންސާނީ އާބާދީއެއްނެތް އެބިމުގައި ބިނާކުރެވުނު އެ ޢިމާރާތް ބިނާކުރެއްވާއެކު އެތާނގެ ވަށައިގެންވަނީ އިންސާނީ ދުނިޔެއެއް އާބާދުވެފައެވެ. އެ މަރްކަޒު ޢިމާރާތްކުރެވުނީއްސުރެ ދުނިޔޭގެ ދުރު ކަންކޮޅުތަކުން އިންސާނުންގެ ޤާފިލާތައް ދަތުރު ހަދައިގެން އަންނަނީ ހުއްޓުމެއްނެތި އެގެޔަށް ޒިޔާރަތް ކުރަމުންނެވެ. އެތާނގެ ޙުރުމަތާއި ދަރަޖަމަތިވެރިކަމުގެ ހެއްކަކީ އެތަނަކީ ރޯކަމެއްނެތް ސަހަރާވީ ވާދީއަކަށް ވުމާއެކުވެސް މިއަދުވެސް އެތާނގެ އަހުލުވެރީންނަށް މޭވާއިން ރިޒުޤު ލިބެމުންދިޔުމެވެ. ދުނިޔޭގައި ފެން ހިއްކަވައިގެންފައިވާ ހުރިހައި ތަނަކުން މޭވާއާއި ރިޒުޤުގެ ރަނގަޅު އެހެނިހެން ވަސީލަތްތައް އެތަނަށްދަނީ އޮހެމުންނެވެ. އެ އަޅުކަމުގެ ގެ ޢިމާރާތް ކުރެއްވިފައިވަނީ ހަނގުރާމަވެރި ޢަރަބި ބަދަވީންގެ ނިމުމެއް ނާންނަ މައުރިކާތަކުގެ ކަނޑުގެ މެދުގައެވެ. އެކަމަކު އެތާނގެ ޙަރަމަށް ވަދެއްޖެ މީހަކީ އެމީހެއްގެ ޖާނާއި މާލަށް އަމާންކަން ލިބިގެންވާ މީހެކެވެ. އެކަކު އަނެކެއްގެ ލެޔަށް ފެންބޮވައިގެންފައިވާ މީހުން އެ ޙަރަމަށް ވަނުމާއެކު ކަނޑިތައް އުރަޔަށް ލައެވެ. ރުޅިވެރިކަމުގެ ޖަޒުބާތުގެ ލަގަނަށް ބާރުކޮށްލައެވެ. ޤާތިލުންނާއި މަގުފޭރޭ މީހުން އެ ޖައްވަށް ނޭވާލުމާއެކު ބަދަލުވަނީ ޞުލްޙަމަސަލަސް ރަށްވެހީންނަށެވެ. އެތަނާ ގުޅިފައިވަނީ އަމަންއަމާންކަމުގެ އެއްދުވަހެއް ދެދުވަހެއްގެ ތާރީޚެއް ނޫނެވެ. އަހަރެއް ދެއަހަރެއްގެ ތާރީޚެއްވެސް ނޫނެވެ. އަދީ ކީއްތޯއެވެ. ހަތަރުފަސްހާސް އަހަރުގެ ދިގު ތާރީޚެކެވެ. އެހެންކަމުން إبــــراهــيـــــم عـلــيـــه الـسّــــلام ގެ ޙަނީފީ ތަހްރީކުގެ މަރުކަޒަކަށް ވުމަކީ އެގެއަށް ލިބިފައިވާ ޙައްޤެކެވެ. އެހެންވީއިރު އެގެއަށް މަރުކަޒީ ހައިސިއްޔަތު ލިބުމުން މަގުމަގާއި ގޯޅިގޯޅީގައި ހޯބޯލަވާންޖެހޭ ދީނާ ޚިލާފު ނުވަތަ ސަލާމަތް ބުއްދިއާ ފުށުއަރާ އެއްވެސް ސަބަބެއްނެތެވެ.
މި ހެކިތަކާ ދަލީލުތަކުން އަސަރެއްކުރީ ޢަރަބީންނަށާއި ޔަހޫދީންގެ ތެރެއިން އާދައިގެ ފަންތީގެ މަދުބަޔަކަށެވެ. އެކަކު ދެމީހަކަށެވެ. ޔަހޫދީންގެ ޚާއްޞުންނާއި ޙިބުރުން ޤިބްލަ ބަދަލުކުރެއްވުން ބަލައިގަތީ މުސްލިމުން ޔަހޫދީންނާ ދެކޮޅަށް ހިންގި ދެކޮޅުވެރިކަމުގެ ޞަރީޙީ ޢަމަލެއްގެ ގޮތުގައެވެ. ޔަހޫދީން މުސްލިމުންނާ އޭގެކުރީން ގުޅުވައިގެންތިބި ހުރިހައި އުންމީދުތަކެއް އެހައިތަނުންފެށިގެން ކަނޑައިލިއެވެ. މުސްލިމުންނަކީ ހެޔޮ އަގެއްގައި ޝިކާރަކުރެވޭނެ ބައެއް ނޫންކަން އެބައިމީހުންނަށް ޔަޤީންވެއްޖެއެވެ. ހަމައެފަދައިން މުސްލިމުންނަށްވެސް ޔަހޫދީންގެ ނަފުސިއްޔާތުގެ ފާސިދު އަނދިރި ވަޅުވަޅުގަނޑުވަނީ ފާހަގަކުރެވިފައެވެ. އެތަންތަނަށް ފަސްލައި ފުރައިލުމަކީ ޔަހޫދީންގެ ނުލަފާ ޙިބްރުން ކުރާނެކަމެއް ނޫންކަންވަނީ ޔަޤީންވެފައެވެ.
މުސްލިމުން މަދީނާއަށް އައިސް ޔަހޫދީންނާ މުޢާމަލާ ކުރާންފެށި ރަނގަޅުހީވެސް އެހައިތަނުން ވަނީ ބަދަލުކުރާންޖެހިފައެވެ. މުސްލިމުންނަށް ޔަޤީންވީ މަދީނާގައިވެސް އިސްލާމީ ތަޙްރީކު ކުރިޔަށް ގެންދެވޭނީ އަމިއްލަ ފައިމައްޗަށް ތެދުވެ ހިންދެމިލައިގެންކަމެވެ. އަމިއްލަ މުލައްދަނޑީގެ ބާރުގައިކަމެވެ. ދީނާއި ތަޤްވާގެ ވެރީންކަމުގައި ހެދިގެންއުޅޭ ޔަހޫދީންގެ ފަރާތުން އެއްވެސް ޙިމާޔަތެއް ނުލިބޭނެކަމެވެ. އެއްވެސް ކަމެއްގައި ކުޑަވެސް އެއްބާރުލުމެއް ލިބިދާނެކަމަށް ހީކުރުމަކީ މޮޔަކަމެއްކަމެވެ. އަދި ކީއްތޯއެވެ. މުސްލިމުންނަށް މަޑުމަޑުން ޔަޤީންވަމުންދިޔައީ މައްކާގެ މުޝްރިކުންނަށްވުރެވެސް މާދަށުދަރަޖައިގެ ޖަޒުބާތުތަކާއި ހުތުރު ޢަމަލުތަކާއެކު ޙައްޤުގެ މަގަށް ހުރަސްއަޅާން ޔަހޫދީން ތެދުވާނެކަމެވެ.
ޙަޤީޤަތްހުރީ މިގޮތަށް ކަމުގައިވިޔަސް އިސްލާމްދީނުގެ ނަބިއްޔާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އާއި އެމާތް ސާހިބާގެ ހެޔޮކަމުގެ ތަޙްރީކުގެ އެކުވެރީން ދެންވެސް ޔަހޫދީންނާ މުޢާމަލާކުރައްވަމުން ގެންދެވީ ދީނަށް ގޮވައިލެއްވުމުގެ ރިވެތި އަޚްލާޤީ އުޞޫލުތަކާ އެއްގޮތަށެވެ. މިނެދިން ނާޅިޔަކުން މިނެދެއްވުމުގެ އުސޫލުން ޔަހޫދީންނަކާވެސް އިދިކޮޅު އެހެންބަޔަކާވެސް މުޢާމަލާއެއް ނުކުރައްވައެވެ. ޖާހިލު ޔަހޫދީންގެ ގޮތްނެތްބަޔަކު އިސްލާމީ ތަޙްރީކުގެ މެންބަރަކާ މަގުމަތީން ހުރަހޮޅިގަނެ މަލާމާތްކޮށް ފުރައްސާރަކޮށް މައްލަވަކުރާން ފެށިކަމުގައިވިޔަސް އެބޭކަލުން އެއުރެންނަކާ ހުރަހޮޅިވަޑައެއް ނުގަންނަވައެވެ. އެބޭކަލުންނަށް އިރްޝާދު ލިބިވަޑައިގެންފައިވާ ފަދައިން އަމާންކަމާއެކު ސަލާމޭ ވިދާޅުވެފައި (الــفــــرقــان: 63) އެބަޔަކާ އެއްކިބާވެވަޑައިގަންނަވަނީއެވެ. ކޮންމެހެން ވާހަކަ ދައްކަވާން މަޖުބޫރުވެވަޑައިގަނެފި ޙާލަތެއްގައިވެސް ރިވެތި ތަހުޒީބީ ގޮތުގައި މަޢުޤޫލު (ރީޒަނަބަލް) ކުރު ޖަވާބެއް ދެއްވުމުގެ މައްޗަށް ކުރުކޮށްލައްވަނީއެވެ. ޔަހޫދީންގެ އިހާނެތި ޢަމަލުތަކާމެދު ބަރުދާސްތު ކުރެއްވުމާއި ކެތްތެރިވެވަޑައިގެންނެވުމުގެ ރީތި ނަމޫނާ ދައްކަވަނީއެވެ.
ތިމާމެންގެ އަމިއްލަގޮތުންވެސް ބިނާކުރަނިވި ކޮންމެވެސް އަމާޒުފަތްގަނޑެއް ނުގެންގުޅޭ މީހުންނަކީ ބިނާކުރަނިވި މަސައްކަތްތަކަށް ހުރަސްއަޅާ ބައެކެވެ. އެއީ އެފަދަ މީހުންގެ ދެވަނަ ޠަބީޢަތެވެ. އެއްވެސްބަޔަކު ބިނާކުރަނިވި މަސައްކަތެއް ކުރިޔަދޭކަށެއް އެފަދަ މީހުން ބޭނުމެއް ނުވެއެވެ. ތިމާމެންނަކީ ހަރުދަނާކަމެއްނެތް ބައެއްކަމާއި އެތެރެއިން ހޮއިހެދިފައިވާ ބައެއްކަން ދުނިޔެއަށް ބޭޒާރުވިޔަ ނުދިނުމަށްޓަކައެވެ. ޔަހޫދީންނަކީވެސް އެކަހަލަ ބައެކެވެ. މުސްލިމުން މަދީނާއަށް ހިޖްރަކުރިއިރުވެސް ޔަހޫދީން މަދީނާގެ ވެށްޓަށް އަތްގަދަކޮށް ވެރިވެގަނެގެންއުޅޭތާ ދިގު ޒަމާންތަކެއްވަނީ މާޒީވެފައެވެ. އެކަމަކު މަދީނާގައި ނުހަނު ދަށްފެންވަރަކަށް ވެއްޓިފައިއޮތް އިންސާނިއްޔަތު ހިސާބަކަށް ނަމަވެސް އުހަށް އުފުލައިލުމުގެ ތައުފީޤެއް ޔަހޫދީންނަކަށެއް ނުލިބެއެވެ. މަދީނާގެ މީހުންގެ ވިސްނުން ހެޔޮކަމުގެ ފަރާތަށް އަނބުރައިލައި ސުލޫކު ރަނގަޅުކުރާކަށެއް އެމީހުން ނުއުޅެއެވެ. އަޚްލާޤު އުއްތާކަށެއް އެއްވެސްކަމެއް ނުކުރެއެވެ. އެންމެ ކުޑަމިނުން އަމަންއަމާންކަމާއި ޞުލްޙަމަސަލަސްކަމުގެ ވެއްޓެއްވެސް މަދީނާއަކު ޤާއިމުކޮށެއް ނުލެވެއެވެ. ދަށުދަރަޖަޔަކަށް ވެއްޓިފައިވާ އިންސާނިއްޔަތު ޔަހޫދީންނަށް މަތީހަރުފަތަކަށް އުފުރައިލެވޭނީވެސް ކިހިނަކުންތޯއެވެ؟ އެބައިމީހުންނަކީ އެގޮތުން އަމިއްލަ ފައިމައްޗަށް ކޮޅަށްތެދުވުމުގެ ޤާބިލުކަންވެސްހުރި ބައެއް ނޫނެވެ. ދުނިޔޭގައި ލެއްވި އަޚުލާޤީ ހުރިހައި ބަލިމަޑުކަމެއް ޔަހޫދީންގެ ކިބައިގައި ހުރީ އެކަންކަމުގެ އެންމެމަތީ ދަރަޖަޔަށް އަށަގެންފައެވެ. އެ ބަލިމަޑުކަމުން އަރައިގަތުމުގެ ހޭލުންތެރިކަމެއްވެސް ޔަހޫދީންގެ ކިބަޔަކު ނުހުރެއެވެ.
ޔަހޫދީން އެފަދަ ޙާލަތެއްގައި ތިއްބައި ބޭރުން މަދީނާއަށް އައިބަޔަކުވަނީ އެބައިމީހުންގެ ލޯމަތީގައި މަދީނާގައި އައު ބާރެއް އުފައްދައިފައެވެ. އެ ބާރުވަނީ އާލާވެ އާރުލާން ފަށައިފައެވެ. މީސްތަކުންގެ ހިތްތަކާއި ސިކުނޑިތަކަށް އަލިކަން ލިބިދޭ ބައްތިތަކެއް ދިއްލާން ފަށައިފައެވެ. މަދީނާއަށްވަނީ އުޞޫލުތަކާއި ޢަޤީދާތަކެއްގެ ދަންމަރުވާން ފަށައިފައެވެ. މަދީނާގެ އަހުލުވެރީންގެ ޝަޚްޞިއްޔަތާއި ސުލޫކުގެ ބޯޖަންގަލި ކޮށައި އަލިކޮށް އަލުން ބިނާކުރުމުގެ މަސައްކަތްވަނީ ފަށައިފައެވެ. މުޤައްދަސް އަމާޒުތަކަކަށް ސީދާކުރެވިގެން މީހުން ބިނާކުރެވި އެބައިމީހުން ގަންނަވައި ޢަދުލުވެރި ނިޒާމެއް ޤާއިމުކުރުމުގެ ބިންގާ ދިޔައީ އެޅެމުންނެވެ. ޔަހޫދީންނަށް އެތަން ފެނުމުން ޔަހޫދީންގެ ހިތްތަކާއި ސިކުނޑިތަކުގައި ހޭލައިގަތީ ޙަސަދަވެރިކަމެވެ. ހިތްނުބައިކަމާއި ނީހައެވެ. މަދީނާގައި އުފެދޭންފެށި ބިނާކުރަނިވި ތަޙްރީކު ނާކާމިޔާބުކޮށްލަން އެމީހުން ރާވާންފެށީ އެންމެ ދަށުދަރަޖައިގެ ހުތުރު ރޭވުންތަކެވެ. ކުރާންފެށީ އެންމެ އިޔަހޫދި ވިޔާނުދާ ތަދުބީރުތަކެވެ. އެގޮތުން ބައެއްގެ ތެރޭގައި ސުންނާފަތިކުރުމުގެ ނައްސި ފިކުރެއް އުފެދިއްޖެކަމުގައިވާނަމަ ރިވެތި ސުލޫކާއި އިންސާނީ ސަލާމަތްބުއްދި ޤަބޫލުކުރާ އަޚްލާޤީ ހަމަތައް ފުރަގަހަށް އެއްލައިލެވިދެއެވެ. ނުހަނު ގޮތްކުޑަ އަދި އެހައިމެ ނާތަހުޒީބު މަޢުރިކާތަކެއްގެ މައިދާން ހުޅުވައިލެވިދެއެވެ.
ޔަހޫދީންވެސް ތެދުވީ ހަމަ އެ މަންސައަށެވެ. އެބައިމީހުންނަކީ ނަބީބޭކަލުންގެ ޤާއިމްމަޤާމުން ކަމުގައި ދަޢުވާކުރާ މީހުންނެވެ. ބާވައިލައްވައިފައިވާ ފޮތްތަކުގެ ބަލަދުވެރީންކަމުގައި ދަޢުވާކުރާ މީހުންނެވެ. އެކަމަކު އެބައިމީހުން ވަޢުޡާއި ފަތުވާގެ ރާޚާނާތަކުން ނުކުތީ މަތިމައްޗަށް އެތައް ގަދަހަ ތަކެއް ހުސްކޮށްލައިގެންނެވެ. އޭގެ ބައެއް މިސާލުތަކަށް އަންނަނިވި ޞަފުޙާތަކުގައި އަލިއަޅުވައިލާނަމެވެ.
ދީނާއި ތަޤްވާވެރިކަމުގެ މިދެންނެވި އިހުރުން ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ފައިންޕުޅު ދެކޭންއަންނައިރު އަންނަނީ އެބައިމީހުންގެ އަދަބު އަޚްލާޤާއި ތަހުޒީބުގެ "ކިއްޕާ" (ކަލްކެޕް) ރާޚާނާގައި ބާއްވައިފައެވެ. އެހެންކަމުން ޢަރަބީންގެ އާދައިގެމަތީން އެބައިމީހުން ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އާ ސަލާމްކުރާއިރު "السّـــلام عـليــكـــ" އެވެ ދެންނެވުމުގެ ބަދަލުގައި ދޫއޮޅުވާލައި "السّـــلام" ގެ ލާމު ހަޒުފުކޮށްލައެވެ. އެބައިމީހުން ކިޔަނީ "السّـــام عـليــكـــ" އެވެ. –"އޭ މުޚާޠަބުކުރެވޭ މީހާއެވެ! ތިބާއަށް މަރުހުއްޓެވެ."– މިފަދައިންނެވެ. މުސްލިމުންގެ މާތް ނަބިއްޔާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އަކީ إبــــراهــيـــــم، مـــوســى، يـعـقــــوب، يــوسف، إسحــاق، إسـمـــاعــيـــــل (عـلــيـــهــم الـسّــــلام) މިބޭބޭކަލުން ހުށަހަޅުއްވައިފައިވާ ޢިލްމީ ދަޢުވަތު އާކުރައްވާން ގަދައަޅުއްވައި މަސައްކަތްޕުޅު ކުރެއްވުމުގެ މުހިންމަތު ބޮލަރުއްވައިގެން ތެދުވެވަޑައިގެން ހުންނެވި ސާހިބެކެވެ. ތައުރާތުގެ އަސްލު ރޫޙު ދިރުއްވާން އަވަދިނެތި މަސައްކަތްޕުޅު ކުރައްވާ ބޭކަލެކެވެ. އެމާތް ސާހިބާ ހުންނެވީ އިލާހީ ޝަރީޢަތާއި އާސްމާނީ ޤާނޫނު އައުކުރެއްވުމަށް ޖިހާދުގެ ކަމަރު ބަންނަވައިގެންނެވެ. ޙަޤީޤަތުގައި އެމާތް ސާހިބާ އަދާކުރައްވަމުން ގެންދެވީ ޔަހޫދީން ހަނދާން ނައްތައިލައިފައިވާ އެބައިމީހުންގެ އަމިއްލަ ވާޖިބެކެވެ. އެބައިމީހުން ނުކޮށް ދޫކޮށްލައިފައިއޮތް މަސައްކަތެކެވެ. މަދީނާގެ ޔަހޫދީ ޙިބްރުންގެ "މުޤައްދަސްކަން ލިބިގެންވާ" ޖަމާޢަތުން އެއްފަހަރަކު އިސްލާމްދީނުގެ ނަބިއްޔާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ގެކޮޅަށް ގޮސްވެސް އެބައިމީހުންގެ އާދަޔަކަށް ހަދައިފައިވާ ކަޅު ހުތުރު ބަހުރުވައިން السّـــام عـليــكـــ އޭ ދެންނެވިއެވެ. أمّ المــؤمــنـــيـــن السّــيّــدة عـائشـــة رضـــــى اللّــــه عــنـــهـــا އަށް ޖަވާބު ނުދެއްވައެއް ނުއިންނެވުނެވެ. ޔަހޫދީންގެ ގޮތްކުޑަކަމާމެދު ކޯފާއިސްކުރައްވައި ފަރުދާގެ ފަހަތުން އެބައިމީހުންނަށް ހަރުކަށިފުޅު ރައްދެއް ދެއްވިއެވެ. ވިދާޅުވިއެވެ. "އަދަބެއް ސަދަބެއްނެތް ވިޔާނުދާ މީހުންތަކާއެވެ! ތިޔަބައިމީހުންގެ މައްޗަށްވެސް މަރުހުއްޓެވެ." ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި ސާހިބާއަށް އެ އަޑުފުޅު އިވިވަޑައިގެންނެވުމުން أمّ المــؤمــنـــيـــن އަށް ނަސޭހަތްދެއްވިއެވެ. ޙަދީޘުކުރެއްވިއެވެ. "އޭ عـائشـــة އެވެ! މަޑުމައިތިރިކަން ޚިޔާރުކުރައްވާށެވެ!" عـائشـــة رضـــــى اللّــــه عــنـــهـــا ދެންނެވިއެވެ. "އެބައިމީހުން ދެންނެވި އެއްޗަކާމެދު ވިސްނައިވަޑައެއް ނުގަންނަވަމުތޯއެވެ؟" އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޙަދީޘުކުރެއްވިއެވެ. އެއަޑުއެހީމެވެ. އަހުރެންވެސް "وعـليــكـــ" އެވެ. – ތިޔަބައިމީހުންގެ މައްޗަށްވެސްމެއެވެ. – މިހެން ބުނެފީމެވެ. އެވަރުން ފުދެއެވެ.
ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ޙުރްމަތަށް އަރައިގަތުމުގެގޮތުން ޔަހޫދީން މިނޫންވެސް އެތައް ބަސްތަކެއްވެސް ބަދަލުކޮށްގެން ބޭނުންކުރިއެވެ. އެގޮތުން ބަދަލުކުރި އެއްލަފުޒަކީ راعِــنَـــا އެވެ. ޢާންމުކޮށް ޢަރަބީންގެ ވާހަކަދެއްކުމުގައި މިބަސް ބޭނުންކުރަނީ "ކުޑައިކޮށް މަޑުކުރައްވާށޭ" ނުވަތަ "އަޅުގަނޑުމެންނަށް ވިސްނައިލުމުގެ ފުރުސަތު ދެއްވާށޭ" ނުވަތަ "ރިޢާޔަތެއް ދެއްވާށޭ" ފަދަ މާނަތަކުގައެވެ. ނަމަވެސް މި ލަފުޒާ ދާދި އެއް އަޑުމަޚުރަޖައަކުން އަދާކުރެވޭ ޢަރަބިބަހާއި ޢިބްރާނީ ބަހެއްގައި ވަރަށް ބޭއަދަބީ ނުބައި މާނަތަކެއް އޮވެއެވެ. އެބަހަކީ راعِــيْــنَـــا އެވެ. އިތުރު ސާހިބާއާ މުޚާޠަބުކުރާއިރު ޔަހޫދީން ބޭނުންކުރަނީ އެބަހެވެ. އެބަހުގެ މާނަތަކުގައި "އަހަރެމެންގެ ހުއިހައްޕާކަލޭގެޔާއެވެ! ޖާހިލު މޮޔަކަލޭގެޔާއެވެ! ބީރު މީހެއްގެ ގޮތުގައިވާށެވެ!" މިފަދަ މާނަތައް ހިމެނެއެވެ.
(ނުނިމޭ)
ދީން
ދީން
ދީން
ދީން