ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ކިޔަވާ ކުދިންނާއި ދިވެހިންނަށް އިސްލާމް ދީނާއި ދިވެހިބަހާއި ދިވެހި ގައުމިއްޔަތު އުނގަންނައިދެވޭނެ އިންތިޒާމު ދިވެހި އެމްބަސީތައް މެދުވެރިކޮށް ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ކޮޕް28 ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސް މިރޭ ވަނީ އެ ގައުމުގައި ތިބި ދިވެހި ކިޔަވާ ކުދިންނާއި އެ ގައުމުގައި ދިރިއުޅޭ ދިވެހި އާއިލާތަކާ ދުބާއީގެ ދުސިތް ތާނީ ހޮޓަލުގައި ބައްދަލުކުރައްވައިފައެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި އެ ބައްދަލުވުމުގައި 200 އަށްވުރެ ގިނަ ދިވެހީން ބައިވެރިވިއެވެ.
އެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ބޭރު ގައުމުތަކުގައި ހުންނަ ދިވެހި އެމްބަސީތަކުން އެންމެ އިސްކަން ދޭންޖެހޭނީ އެ ގައުމުތަކަށް ޒިޔާރަތްކުރާ އަދި އެ ގައުމުތަކުގައި ދިރިއުޅޭ ދިވެހިންގެ ހާލުއަހުވާލު ބަލައި، ކަންކަން ފަހިކޮށްދިނުމަށް ކަމަށެވެ.
އަދި ރާއްޖެއިން ބޭރަށް ކުރައްވާ ކޮންމެ ޒިޔާރަތެއްގައިވެސް ވަގުތު ލިބިވަޑައިގަތް ވަރަކުން ދިވެހީންނާ ބައްދަލުކުރައްވާ ހާލުއަހުވާލު ބައްލަވައި ސަރުކާރުން ފަހިކޮށްދެވޭނެ ކަންކަމާމެދު މަޝްވަރާ ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު