ސްޕައި ސެޓަލައިޓް ބޭނުންކޮށްގެން މިހާރު ވައިޓް ހައުސް ބަލައިލެވޭ ކަމަށް ނޯތު ކޮރެއާއިން ބުނެފިއެވެ.

ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ވަނީ އެ ގައުމުން ބޭނުންކުރާ ސަވަައިލަންސް ޓޯއީ ބޭނުންކޮށްގެން ދުނިޔޭގެ ބަލަން ބޭނުން ކޮންމެ ތަނެއް ބަލައިލެވޭ ކަމަށް ބުނެފައެވެ.

ނޯތު ކޮރެއާގެ ސަރުކާރާ ހަވާލާދީ އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ވަނީ ހާއްސަ ލިސްޓުގައި ހިމެނޭ ވައިޓް ހައުސް އާއި ޕެންޓަގަންގެ އިތުރުން ގުއާމްގައި ހުންނަ އެމެރިކާގެ އެއާފޯސް ބޭސްތައްވެސް ބަލައިލެވޭކަމަށް ރިޕޯޓު ކޮށްފައެވެ.

ނޯތު ކޮރެއާއިން ވަނީ އަވަށްޓެރި ސަރަހައްދުތައްވެސް މިހާރު ބަލައިލެވޭކަމަށް ބުނެފައެވެ. އޭގެތެރޭގައި ސައުތު ކޮރެއާގެ މިލިޓަރީ ޓާގެޓް ތަކާއި ބުސާންގައި ހުންނަ ޕޯޓް ސިޓީވެސް ބަލައިލެވޭ ކަމަށް ބުނެފައިވެއެވެ.

ނޯތު ކޮރެއާގެ ވާހަކަތަކަށް ރައްދު ދެމުން އެމެރިކާގެ މިލިޓަރީ އޮފިޝަލަކު ވަނީ އޮންލައިންކޮށް ވެސް ގޫގުލް އާތު ބޭނުންކޮށްގެންވެސް ޕެންޓަގަން އާއި ވައިޓް ހައުސް ބަލަން ބޭނުން ފަރާތަކަށް ބަލައިލެވޭނެ ކަމަށް ބުނެފައެވެ.

ނޯތު ކޮރެއާއިން ޖައްވަށް ފޮނުވާލި ސްޕައި ސެޓެލައިޓްގެ މައްސަލައިގައި ކޮރެއަން ޕެނިންސިއުލާ ހިމެނޭ ސަރަހައްދުގެ މަޝްރަހު ވަނީ ގޯސްވެފައެވެ.