މި ސަރުކާރުން މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގަން ހިއްކުމަށް ނިންމާފައިވާ ފުށިދިއްގަރުފަޅަކީ މި ވަގުތަށް ބޭނުންވާ ތަނެއް ނޫން ކަމަށް އެމްޑީޕީގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަން ޕްރައިމަރީއަށް ފޯމު ހުށަހަޅުއްވާފައިވާ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ސަރުކާރުން ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓް ހިންގަން ރާވާފައި އޮތީ ގުޅިފަޅާއި ގިރާވަރުފަޅާއި އުތުރުތިލަފަޅުގައެވެ.

ޕްރައިމަރީގައި ވާދަކުރައްވަން ފޯމު ހުށަހެޅުއްވުމަށްފަހު މީޑިއާތަކާ ވާހަކަދައްކަވަމުން މިދިޔަ ސަރުކާރުގައި އެމްޓީސީސީގެ ސީއީއޯ އަކަށް ހުންނެވި އާޒިމް ވިދާޅުވީ، ފުށިދިއްގަރުފަޅު ހިއްކައި އެ ތަނުން ބޯހިޔާވަހިކަން ދިނުމަކީ ރައްޔިތުންގެ ފައިސާ ބޭކާރުކުރުން ކަމަށާއި މާލެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހައްލެއް ހޯދައިދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެކަމަށް ރާވާފައި އޮތް ފަޅުތަކާއި ރަށްތަކުގައި އެ ޕްރޮޖެކްޓް ހިންގުން މުހިންމު ކަމަށެވެ.

"ފުށިދިއްގަރުފަޅު އެއީ މި ވަގުތަށް ބޭނުންވާ ތަނެއް ނޫން. އެއީ ހަމަ ސީދާ ރައްޔިތުންގެ ފައިސާ ބޭކާރުކުރުން، ކުރަންވީ ގުޅިފަޅު، ގިރާވަރު އަދި އުތުރުތިލަފަޅު ތަރައްގީކޮށް އަވަހަށް އެ ތަންތަނަށް މީހުން ގެންދިއުމުގެ މަސައްކަތް،" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، ފުށިދިއްގަރުފަޅަށް ބުރިޖަކުން ގުޅާލާ ނަމަވެސް އެއީ އެތައް މިލިއަން ޑޮލަރެއް ހޭދަވާނެ އަދި ވަގުތު ނަގާނެ ކަމެއް ކަމަށެވެ.

ފުށިދިއްގަރުފަޅު ހިއްކުމަށް އަންނަ އަހަރުގެ ބަޖެޓުގައި 400 މިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ. އަދި އެ ފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް މަސް ދުވަހުގެ ތެެރޭގައި ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ފުށިދިއްގަރުފަޅުން 1،280 ހެކްޓަރު ހިއްކަން ނިންމާފައިވާއިރު، ރައީސް މުއިއްޒު ވަނީ އެ ތަނުން 11،970 ގޯއްޗާއި 26،500 ހައުސިން ޔުނިޓު ދޫކުރަން ވައުދުވެވަޑައިގެންފައެވެ.