ނ. މަނަދޫގައި، އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު، އެ ރަށު އަންނާރުމާގޭ، ނައީމާ މޫސާ މަރާލި މައްސަލައިގެ ތުހުމަތުވާ ތިން މީހުންގެ މައްސަލަ ކުރިމިނަލް ކޯޓަށް މިއަދު ހުށަހަޅައިފިއެވެ.

ނައީމާގެ މަރުގެ މައްސަލައިގެ ތުހުމަތުގައި އެ ރަށުގެ ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ، އަހުޒަމް އަބްދުއްޝުކޫރު (23އ) އާއި ރިފާޝް އަބޫބަކުރު (21އ) ގެ އިތުރުން ހަސަން ފަވާޒު (21އ)އެވެ. އެ އެންމެންވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމު ވިދާޅުވީ އެ މައްސަލައިގައި ތުހުމަތުވާ މީހުންގެ އިތުރުން އެހެން ބައެއްގެ ބައިވެރިވުން އޮތްކަން ތަހުގީގަށް ފާހަގަ ކުރެވިފައިނުވާ ކަމަށެވެ. އަދި އެ ތިން މީހުންނާ ދެކޮޅަށް އެކަށީގެންވާ ހެކި ލިބިފައިވާ ކަމަށާއި އޭގެ ތެރޭގައި ޑީއެންއޭ ހެކިތަކެއް ވެސް ހިމެނޭ ކަމަށް ޝަމީމު ވިދާޅުވިއެވެ. އިތުރު ހެކިތައް ތަހުގީގު ހާމަކުރާނީ ޝަރީއަތުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެން ވާނީ އެ ތިން މީހުންނަށް ދައުވާކުރަން ފޮނުވައިފައި،" ޝަމީމު ވިދާޅުވިއެވެ.

އަމިއްލަ ގޭގައި އެކަނި ދިރިއުޅެމުންދިޔަ ނައިމާ މަރާލާފައި އޮއްވައި ފެނުނީ މިދިޔަ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު، އޭނާގެ ހަބަރެއް ނުވެގެން އޭނާ ދިރިއުޅޭ ގެއަށް ގޮސް، އެގޭ ކޮޓަރި ދޮރު ވައްޓާލައި، ކޮޓަރިއަށް ވަން އިރު ކޮޓަރި ތެރޭ ބިންމަތީގައި އޮއްވައެވެ. އޭނާގެ ހަށިގަނޑުން ގިނަ އަދި ފުން ޒަހަމްތަކެއް ހުރިކަން ވަނީ އެނގިފައެވެ.

ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމް މީގެކުރިން ވިދާޅުވީ، އެ މައްސަލައިގައި ދައުވާކުރަން މިހާތަނަށް ނުފޮނުވި އޮތީ، ތަހުގީގުގައި ފުރިހަމަނުވެ އޮތް ޑީއެންއޭ ރިޕޯޓްތައް ނުލިބޭތީ ކަމަށެވެ. ނަމަވެސް އެ ރިޕޯޓުތައް އިއްޔެ ލިބުވުމުން މިއަދު ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް ޝަމީމު ވިދާޅުވިއެވެ.

"ވަން" އެނގިފައިވާ ގޮތުގައި ނައީމާ މަރާލުމަށް އެ ގެއަށް ވަދެފައިވަނީ އަހުޒަމްއެވެ. ފާރައަށް ރިފާޝް ހުރި އިރު، އެ ދެ މީހުން އަރުވައިގެން ނައީމާ ގެއަށް ގެންގޮސްދިން ކާރު ދުއްވަން އިނީ ފަވާޒްކަންވެސް އެނގިފައިވެއެވެ. ނައީމާއަށް ހަމަލާދިނުމަށް އަހުޒަމް އެ ގެއަށް ވަނީ ހެޒްމެޓް ސޫޓެއް ލައިގެންނެވެ. އޭނާ ވަނީ ނައީމާ ގަޔަށް ވަޅި ހެރީ އޭނާ ކަމަށް އިއުތިރާފުވެފައެވެ.

ފުލުހުން ވަނީ އަހުޒަމް ކުށަށް އިއުތިރާފުވެ، ކިޔައިން ދިން މައުލޫމާތުގެ އަލީގައި ނައީމާއަށް ހަމަލާދިނުމަށް ބޭނުންކުރި ކަމަށް ބެލެވޭ ދެ ވަޅި އާއި އެ މީހުން ލައިގެން ތިބި އަންނައުނު އަންދާލުމަށްފަހު ވަޅުގަނޑަކަށް ލާފައި ހުއްޓައި ހޯދައިފައެވެ. މީގެ އިތުރުން އެ މީހުން ދުއްވި ކާރުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.

ނައީމާގެ މަރުގެ މައްސަލައިގައި މޯޓިވްއާ ގުޅޭ ގޮތުން ފުލުހުން އަދި މައުލޫމާތެއް ހާމައެއް ނުކުރެއެވެ. ނަމަވެސް މަނަދޫން "ވަން" އަށް މައުލޫމާތު ދިން މީހުން ބުނެފައިވަނީ އެ މަރަކީ ސިހުރާ ގުޅުން ހުރި ކަމެއް ކަމަށް ބެލެވޭ ކަމަށެވެ. ނައިމާއަކީ ސިހުރު ހަދާ މީހެއް ކަމަށް އޭނާގެ އާއިލާއިންވެސް ތުހުމަތުކުރާ ކަމަށެވެ. ނައީމާއަކީ އެހާ ތަނަވަސް މީހަކަށް ނުވާތީ ފައިސާގެ ބޭނުމުގައި މަރާލާނެ ކަމަށް ނުބެލެވޭ ކަމަށްވެސް އެ ރަށުން ވާހަކަ ދެއްކި މީހުން ބުނެފައިވެއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމު ވިދާޅުވީ، ނައީމާގެ މަރުގެ މޯޓިވް ދެނަގަނެވިފައިނުވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން އޭނާ ވަނީ މަނަދޫއަށް ވަޑައިގެން އެ ރަށުގެ ބައެއް މީހުންނާ ވާހަކަދައްކާފައި ކަމަށް ޝަމީމު ވިދާޅުވިއެވެ. އެ ރަށުގެ ބައެއް މީހުން ނައީމާއަށް ކަންތައްތަކެއް ތުހުމަތުކުރާ ކަމަށާއި ނައީމާ މަރާލީ އެއިން ކަމަކާ ގުޅިގެން ކަމަށް ބެލެވޭ ކަމަށް ޝަމީމު ވިދާޅުވިއެވެ.