ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ މިކްސްޑް ޔޫސް ރެޒިޑެންޝަލް ކޮމްޕްލެކްސް، ކޭ-ޕާކް ފްލެޓުތައް މަކަރާއި ހީލަތުން ވިއްކި މައްސަލައިގައި ތުހުމަތުވާ އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) މައްޗަށް 225 ދައުވާއެއް ކުރުމަށް ނިންމާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
ޕީޖީ އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ވަކި ވަކި މީހުންގެ މައްސަލަތަކުގައި މަންޑޭގެ މައްޗަށް 225 ދައުވާއެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އަންނަ ހަފުތާގެ ކުރީކޮޅުގައި ދައުވާކުރަން ކުރިމިނަލް ކޯޓަށް ހުށަހަޅާނެ ކަމަށް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ މަންޑޭގެ މައްޗަށް މަނީލޯންޑްރިންގެ މައްސަލައެއްވެސް ތަހުގީގު ކުރަމުންދާ ކަމަށެވެ. އެގޮތުން އަގުބޮޑެތި މުދާ ގަނެފައިވާ މައްސަލަ އާއި އޭނާ ގަނެފައިވާ ޕެންޓްހައުސްއެއް ގަނެފައިވާ މައްސަލައިގައި މަނީލޯންޑްރިންގެ ދަށުން މައްސަލަ ބަލަމުންދާ ކަމަށް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ މަންޑޭގެ އިތުރުން އިތުރު ދެ މީހަކަށްވެސް ދައުވާ ކުރަން ނިންމާފައިވާ ކަމަށެވެ. އަދި އިތުރު މައްސަލަތައްވެސް ތަހުގީގު ކުރަމުންދާ ކަމަށާއި އެ ތަހުގީގުތައް ނިމުމުން އިތުރު ދައުވާތައްވެސް ކުރެވޭ ކަމަށެވެ.
ޝަމީމް ވިދާޅުވީ އެ މައްސަލައިގައި ސައްހަ ނޫން މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ އާއި ޓެކުމުގެ ކުށުގެ ދައުވާ އާއި މަނީލޯންޑްރިން ކުރުމުގެ ކުށުގެ ދައުވާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ޝަމީމް ވިދާޅުވީ މި މައްސަލައިގައި މަންޑޭ ގަނެފައިވާ އެފް ޑަބްލިޔު ކޮންސްޓްރަކްޝަންގެ ޕެންޓްހައުސްއެއް އެއް އަހަރު ދުވަހުގެ މުއްދަތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އެއީ މަނީލޯންޑްރިންގެ ފައިސާއިން ގަނެފައި ހުރި އެޕާޓްމެންޓެއް ކަމަށް ބެލެވޭ ކަމަށް ޝަމީމް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ފެންނަން ހުރި ލިޔުންތަކުން ކޭޕާކްގެ ދެ އެޕާޓްމެންޓެއް ހަތަރު މީހުންނަށް ވިއްކާފައި އެ ލިބުނު ލާރިން އެފްޑަބްލިޔު ކޮންސްޓްރަކްޝަންގެ ޕެންޓްހައުސެއް ހުރީ ގަނެފައި. އެ ޕެންޓްހައުސް އަޅުގަނޑުމެން ދައުލަތުގެ ބެލުމުގެ ދަށަށް މި ގެނައީ. އެއަމަލާ ގުޅިގެން މަނީލޯންޑްރިންގެ ދައުވާއެއް އަޅުގަނޑުމެން ކޯޓަށް މި ހުށަހަޅަނީ،" ޝަމީމް ވިދާޅުވިއެވެ.
އެ އެޕާޓްމެންޓް އަޅުގަނޑުމެން ބަލައި ފާސްކުރި އިރު، އެ އެޕާޓްމެންޓްގެ އަގަކީ އޭރު 7.8 މިލިއަން ރުފިޔާ ވަރު. އެ އެޕާޓްމެންޓް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އެތަނުގައި ހުރި މުދާ ބަލައި ފާސްކުރި އިރުގައި ގާތްގަނޑަކަށް ހަތް މިލިއަން ރުފިޔާގެ މުދާ އެތަނުގައި އެބަހުރި. 200 ވަރަކަށް ސެންޓް ފުޅި އެބަހުރި ނުކަނޑާ. ލަގްޒަރީ ހޭންޑްބޭގާއި 90،00 ރުފިޔާ، 40،000 ރުފިޔާ، 50،000 ރުފިޔާގެ އަތް ދަބަސް އެބަހުރި. ދެން ގަހަނާ 10،000 ޑޮލަރު 25،000 ޑޮލަރުގެ ގަހަނާ އެބަހުރި،" ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ އެތަނުގައި ހުރި މުދަލާއި އެ އެޕާޓްމެންޓް ގަންނަން ހޭދަވި ފައިސާ އެއްކޮށްލުމުން، ދައުލަތުގެ ބައެއް އިދާރާތަކުގެ އަހަރެއްގެ ބަޖެޓަށްވުރެ ބޮޑު ކަމަށެވެ. އެކަން ކޮށްފައިވަނީ އެކި މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނަގައިގެން ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު