ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން އަދި ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ސިވިލް ސާވިސް ވަޒީފާގައި މި ދައުރު ނިމެންދެން ހުންނަވަން ބޭނުންފުޅުވާތީ ކޮންޓްރެެކްޓެއް ދިނުމުގެ މަސައްކަތް (ސީއެސްސީ) އިން ފަށައިފިއެވެ.

މެޑަމް ސާޖިދާ އަކީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ސީނިއާ ސައިންޓިފިކް އޮފިސަރެވެ.

މެޑަމް ސާޖިދާ ވަނީ ފަސްޓް ލޭޑީގެ ޒިންމާތައް އަދާކުރައްވަމުންވެސް ސިވިލް ސާވިސްގައި ހިދުމަތްކުރައްވަން ބޭނުންފުޅުކަން ސީއެސްސީއަށް ލިޔުމުން ދަންނަވައިފައެވެ.

އެކަމާ ގުޅިގެން ސީއެސްސީގެ ރައީސް މުހައްމަދު ނާސިހު "ވަން" އަށް މިރޭ ވިދާޅުވީ، މެޑަމް ސާޖިދާ އެދިވަޑައިގެންފައިވަނީ، އެ ކަމަނާގެ ވަޒީފާގެ މަސްއޫލިއްތުތައް ކުޑަކޮށް، ހިދުމަތުގައި ދެމި ހުންނެވޭނެ ގޮތެއް ހެެއްދެވުމަށް ކަމަށެވެ.

"މިހާރު ހުންނެވީ އަހަރީ ޗުއްޓީގައި. ދެން ޗުއްޓީން އެނބުރި ވަޑައިގެން މި އިންތިޒާމުތައް ހަމަޖައްސައިދޭން އެދިވަޑައިގެންފައި އޮތީ. މިކަމަށް ވަކިން ކޮންޓްރެކްޓެއް ހަދާނެ. އެއީ ދާއިމީ ވަޒީފާއަކަށް ނުވާނެ އޭރަށް، ނަމަވެސް ކޮންޓްރިބިއުޓް ކުރައްވާނެ،" ނާސިހު ވިދާޅުވިއެވެ.

މެޑަމް ސާޖިދާ ހިދުމަތްކުރެއްވި ނަމަވެސް ހުންނަވާނީ ނޯ-ޕޭ ލީވްގައި ކަމެއް ނުވަތަ މުސާރައެއް ދެއްވާނެ ކަމެއް ނާސިހު ވިދާޅެއް ނުވެއެވެ.

ނާސިހު އިތުރަށް ވިދާޅުވީ، މެޑަމް ސާޖިދާ ބޭނުންފުޅުވަނީ އެ ދާއިރާއަށް މަހަކު 40 ގަޑިއިރު ހިދުމަތްކޮށްދެއްވުމަށް ކަމަށާއި އެކަމަަށް ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސްގެ މުސާރަ އާއި އިނާޔަތް ކަނޑައެޅުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ދައުލަތުން އެލަވަންސެއް ދޭން ޖެހެއެވެ. އެ އެލަވަންސްގެ މިންވަރަކީ ރައީސުލްޖުމްހޫރިއްޔާގެ މުސާރައިގެ ތިންބައިކުޅަ އެއްބައެވެ.