އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު، ފިލް ޖެކިއެލްކާ އުމުރުން 41 އަހަރުގައި ފުޓުބޯޅަ ހުއްޓާލިކަން އިއުލާނުކޮށްފިއެވެ.
ޔޫރޯ 2012 އާއި ވޯލްޑް ކަޕް 2014 ގެ ސްކޮޑުގައި ހިމެނުނު ޑިފެންޑަރު ޖެގިއެލްކާ ވަނީ ކެރިއަރުގައި ގައުމީ ޓީމަށް 40 މެޗު ކުޅެފައެވެ.
ޖެކިއެލްކާ 2000 ވަނަ އަހަރު ޕްރޮފެޝަނަލް ކެރިއަރު ފެށީ ޝެފީލްޑް ޔުނައިޓެޑުންނެވެ. އޭގެ ފަހުން އޭނާގެ ކެރިއަރު ޕީކްގައި ފެނިގެން ދިޔައީ އެވަޓަންގެ ޖާޒީގައެވެ. އޭނާ ވަނީ 12 އަހަރު ދުވަހު އެވަޓަން ޖާޒީގައި ފެނިގެން ގޮސްފައެވެ. އެވަޓަންގެ ކެރިއަރަށްފަހު ޝެފީލްޑަށްވެސް ޖެކިއެލްކާ ގޮސްފައިވާ އިރު، އޭގެ ފަހުން އޭނާ ކުޅެފައިވަނީ ދެވަނަ ޑިވިޝަންގެ ޑާބީ ކައުންޓީއާއި ސްޓޯކް ސިޓީއަށެވެ. ޖެކިއެލްކާ ވަނީ މިދިޔަ ސީޒަނަށްފަހު ސްޓޯކް ސިޓީ ދޫކޮށްލައިފައެވެ.
ޖެކިއެލްކާ ކެރިއަރު ނިންމާލައި މިއަދު ދިން މެސެޖުގައި ބުނެފައިވަނީ ހަޔާތުގެ ހުރިހާ ކަމަކަށްވެސް ނިމުން އަންނާނެ ކަމަށާއި، 800 ވަރަކަށް މެޗަށްފަހު ކެރިއަރު ނިންމާލަނީ އުފާވެރިކަމާއެކު ކަމަށެވެ. އަދި ކެރިއަރުގައި ކުޅެވުނު ވަރަށް ކުޅެވިދާނެ ކަމަށް ފުރަތަމަ ގަބޫލުވެސް ނުކުރެވުނު ކަމަށާއި، ކުޅުނު ކޮންމެ މެޗަކީވެސް އޭނާއަށް ފަހުރުވެރި މެޗެއް ކަމަށެވެ.
އިންގްލެންޑް
އިންގްލެންޑް
އިންގްލެންޑް