ރާއްޖޭގެ ގޭބިސީތަކުގެ ކަރަންޓު ބިލު ކުޑަކުރުމަށް އެހީވެދޭ "މަގޭ ސޯލާ" ޕްރޮގްރާމު އިފްތިތާހުކޮށްފިއެވެ.

އެ ޕްރޮގްރާމަކީ ރާއްޖޭގެ ރައްޔިތުންގެ ކަންބޮޑުވުމަށް ލުޔެއް ގެނެސްދިނުމަށް ރާއީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ 14 ހަފުތާގެ މެނިފެސްޓޯގެ ތެރޭ ހިމެނޭ ޕްރޮގްރާމެކެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްރޮގްރާމު އިފްތިތާހުކޮށްދެއްވީ ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާޖީ މިނިސްޓަރު ތާރިިގް އިބްރާހީމެވެ.

މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި އެ ޕްރޮގްރާމްގެ ދަށުން ގޭބިސީތަކުގެ ފުރާޅުގައި ސޯލާ ޕެނަލްތައް ހަރުކުރުމުން ކަރަންޓު އުފެެއްދުމާއި ތެޔޮ އަންދާ މިންވަރު ދަށްކުރެވޭނެއެވެ.

"މަގޭ ސޯލާ" އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިިނިސްޓަރު ތާރިގް ވިދާޅުވީ، "މިކަމުގައި އެހީތެރިވުމަށް ރަށްރަށުގައި ނެޓްވޯކްތައް ރަނގަޅުކުރުމާއި އިންޖީނުތައް އެފިޝަންޓުކުރުމަށް ކުރަންހުރި މަސައްކަތްތައް ކުރުމަށް މިނިސްޓްރީން އެއްބާރުލުން" ދޭނެ ކަމަށެވެ.

ރާއްޖެއަކީ މުޅިންހެން ބޭރުން އެތެރެކުރާ ތެލަށް ބަރޯސާވެފައިވާ ގައުމަކަށް ވުމާއެކު، ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ގާތްގަނޑަކަށް 13 އިންސައްތަ ހަރަދުވަނީ ތެލަށް ކަމަށާއި ރާއްޖެއަކީ ހަކަތަ އުފައްދާ ގައުމަކަށް ނުވުމުން ހަކަތަ އަބަދުވެސް ޖެހެނީ އިމްޕޯޓުކުރަން ކަމަށެވެ. އެހެންކަމުން ތެލަށް ހޭދަކުރާ އަދަދު ބޮޑުވެ، ޖީޑީޕީގެ 13 އިންސައްތަ ހަކަތަ އިޕްޕޯޓުކުރަން ހަރަދުވާ ކަމަށް މަނިސްޓަރު ފާހަގަކުރެއްވިއެވެ.

"މި ޔުނިޓުތައް ފައިސާއިން ބަލަނީނަމަ 800 މިލިއަން ޑޮލަރު އަހަރެއްގެ މައްޗަށް ހަކަތަ ނުވަތަ ފިއުލް އެނާޖީއަށް އަރާ. މީގެ އިތުރުން ބަލާއިލާނަމަ 2.3 މިލިއަން ރުފިޔާ ފިއުލް ސަބްސިޑީއެއްގެ ގޮތުގައި އެކި ކުންފުނިތަކަށް ހަރަދުވޭ،" މިނިސްޓަރު ވިދާޅުވިއެވެ.

އެ މިނިސްޓްރީން ބުނީ، އެ ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޖުމުލަ ތިން މެގަވޯޓުގެ ސޮލާޕީވީގެ ނިޒާމު ގޭބިސީތަކުގެ ފުރާޅުތަކުގައި ހަރުކުރުމަށް މަގުފަހިވާނެ ކަމަށާއި މިހާރު ކުރިމަތިވާ ހުރަސްތައް ހައްލުކޮށްދީ، ރާއްޖެއިން ލިބެންހުރި އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކުގެ ފައިދާ ރައްޔިތުންގެ ޖީބަށް ލުއިފަސޭހަ ނިޒާމެއްގެ ތެރެއިން ލިބޭނެ ކަމަށެވެ.