އާސަންދަ ކުންފުންޏަށް އާ މެނޭޖިން ޑިރެކްޓަރަކު ހަމަޖައްސައިފިއެވެ.

އާސަންދައިގެ ރަސްމީ އެކްސް އެކައުންޓުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް އާމިނަތު ޒީނިޔާ ހަމަޖައްސާފައިވާ ކަމަށެވެ. އަދި އޭނާއަކީ އެ ކުންފުނީގެ ކުރީގެ ޖެނެރަލް މެނޭޖަރު ކަމަށް ބުންޏެވެ.

އާސަންދައިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ޒީނިޔާއަކީ އެ ކުންފުނީގައި މަސައްކަތްކުރާތާ އެންމެ ގިނަދުވަސްވީ އެއް މުވައްޒަފު ކަމަށެވެ. އަދި އާސަންދަ ސްކީމް ހިންގުމުގައި ގނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ކަމަށާއި މެޑިކަލް ޑިޕާޓްމަންޓާއި ކަސްޓަމާ ސާވިސް އަދި ޕަބްލިކް ރިލޭޝަންގައިވެސް ޒީނިޔާ މަސައްކަތް ކުރައްވާފައިވާ ކަމަށް ބުންޏެވެ.

އާސަންދައަށް ވަނުމުގެ ކުރިން ނަރުހެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައިވާ ޒީނިޔާ ވަނީ ހެލްތް މިނިސްޓްރީގެ ޑްރަގް ޕްރިވެންޝަން އެންޑް ރިހަބިލިޓޭޝަން ޑިޕާޓްމެންޓްގެ ޑިރެކްޓާ ޖެނެރަލްކަންވެސް އަދާކުރައްވައިފައެވެ. އަދި ހެލްތް މިނިސްޓްރީގެ ސެންޓާ ފޯ ކޮމިއުނިޓީ ހެލްތް އެންޑް ޑިޒީޒް ކޮންޓްރޯލް ޑިޕާޓްމެންޓުގައި ޕަބްލިކް ހެލްތް ޕްރޮގްރާމް ކޯޑިނޭޓާގެ މަގާމުވެސް ހިމެނޭ ކަމަށް އާސަންދައިން ބުންޏެވެ.

ދެހާސް އަށްވަނަ އަހަރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ސްކޮލާޝިޕެއްގެ ދަށުން އޮސްޓްރޭލިއާއިން ނަރުސްކަމުގެ ދާއިރާއިން މާސްޓާސް ހާސިލުކުރައްވާފައިވާ އިރު، 2019 ވަނަ އަހަރު އިންގްލެންޑުން ސައިންސް އިން ޕަބްލިކް ހެލްތްގެ ދާއިރާއިން މާސްޓާސް ހާސިލުކުރައްވާފައިވެއެވެ.

އާސަންދައަށް އެމްޑީއަކު އައްޔަންކޮށްފައިވާ އިރު، ސަރުކާރުގެ 20 ކުންފުންޏަކަށް އެމްޑީން މިހާރު ވަނީ އައްޔަންފައެވެ. އަދި މިއަދުން ފެށިގެން އެ ބޭފުޅުން އޮފީސްތަކަށް ނުކުންނަވަން ފައްޓަވާނެއެވެ.