ޖިންސީ ކުށުގެ ތުހުމަތު ތަކެއްކޮށް، މީގެކުރިން ދައުވާ އުފުލި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެދިނުމަށް އެދި ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެންދިއުމަށް ޕްރެސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ސުޕްރީމް ކޯޓުގައި އެދިއްޖެއެވެ.
ސުޕްރީމްކޯޓުގައި އިއްޔެ ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި ތިން ފަޑީޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑީޔާރު ހުސްނުއްސުއޫދު ވަނީ އެ މައްސަލަ އަނބުރާ ގެންދިއުމާބެހޭގޮތުން ޕީޖީގެ ވަކީލާ ސުވާލު ކުރައްވައިފައެވެ.
ޕީޖީގެ ވަކީލު ފަރަހަނާޒް މުހައްމަދު ވިދާޅުވީ، އަލީ ވަހީދު ހާޒިރު ނުކުރެވިގެން، މައުލޫއީ ގޮތުން ކުރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަ، އެ ކޯޓުން ޕީޖީ އޮފީހަށް ފޮނުވައިލުމުން، ޕީޖީ އޮފީހުން އެ މައްސަލަ އަނބުރާ ފުލުހުންނަށް ފޮނުވާލާފައިވާ ކަމަށެވެ.
އެހެންކަމުން ދަށު ކޯޓުގައި މައްސަލަ ނެތުމުން، އެމައްސަލައާ ގުޅުންހުރި އިސްތިއުނާފު ކުރިއަށް ނުގެންދެވޭނެތީ، ސުޕްރީމް ކޯޓުގައި އޮތް އިސްތިއުނާފީ މައްސަލަ އަނބުރާ ގެންދިއުމަށް ޕީޖީ އޮފީހުން ސުޕްރީމް ކޯޓުގައި އެދިފައިވާ ކަމަށެވެ.
އެކަމާބެހޭގޮތުން ފަނޑިޔާރު އަލީ ވަހީދާ ސުވާލު ކުރެއްވުމުން، އަލީ ވަހީދުގެ ފަރާތުން އޭނާގެ ވަކީލު ޖަވާބު ދެއްވަމުން ވިދާޅުވީ، އަލީ ވަހީދު ހާޒިރު ނުވެގެން މައްސަލަ ފޮނުވައިލި ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވާ އިރު، އަލީ ވަހީދަށް ކުރި ދައުވާ އަނބުރާ ގެނެސް، އެ ދައުވާ ކުރި މައްސަލަ ފައިލް ކޮށްފައިވާ ކަމަށް އަލީ ވަހީދަށް އަންގާފައިވާ ކަމަށެވެ.
އަދި އެ މައްސަލައިގައި އިތުރަށް ދައުވާކުރެވޭނެ ތަނެއް ނެތް ކަމަށް ފުލުންވެސް އަންގާފައިވާ ކަމަށާއި އެހެންކަމުން ޕީޖީގެ ލަފާގެ މަތިން އެ މައްސަލަ ފައިލް ކޮށްފައިވާ ކަމަށް ފުލުހުން އަންގާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން ޕާސްޕޯޓް މައްސަލަ ސުޕްރީމް ކޯޓުގައި އޮތުމުގެ ބޭނުމެއް ނެތް ކަމަށް ވިދާޅުވެ، ޕީޖީގެ ފަރާތުން ހުށަހަޅާފައިވާ ގޮތަށް މައްސަލަ ނިންމުމަށް އިއުތިރާޒެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް އެ ވަގުތު ހުކުމް އިއްވުމުގެ ބަދަލުގައި ފަނޑިޔާރު ސުއޫދު ވިދާޅުވީ، އެ މައްސަލައިގައި ކޯޓުން ނިންމާގޮތެއް އެފަރާތްތަކަށް އަންގަވާނެ ކަމަށެވެ.
ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން، އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ދައުވާ އުފުލުމާ ގުޅިގެން ރާއްޖޭން ބޭރަށް އަރުވާލެވިގެން ހުންނެވުމަށްފަހު، އެ ދައުވާތައް އަނބުރާ ގެންދިއުމާ އެކު އޭނާ ރާއްޖެ ވަޑައިގެންފައި ވަނީ މިއަހަރުގެ ޖުލައި މަހުގެ 11 ވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު