ތުރުކީ އާއި ރާއްޖެއާ ދެމެދު ޓްރޭޑް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ވިޔަރާފި އާއި އިގުތިސޯދީ ކަންކަމުގައި ދެ ގައުމު ގުޅުގެން މަސައްކަތް ކުރުމަށް ވެވުނު އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ރައީސުލްޖުމްހޫރިއްޔާ މިހާރު ތުރުކީއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އިއްޔެ އެ ގައުމުގެ ރައީސް ރަޖަބް ތޮއްޔިބް އުރުދުގާންއާ އެކު ބޭއްވި ބައްދަލުކުރައްވުމުގެ ތެރެއިންނެވެ.
ރައީސް އޮފީހުން ބުނީ އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކަމަށާއި ތުރުކީގެ ފަރާތުން ސޮއިކުރެއްވީ ޓްރޭޑް މިނިސްޓަރު ޕްރޮފެސާ ޑރ. އޮމަރް ބޮލަޓް ކަމަށެވެ. އަދި ދެފަރާތުން ސޮއިކުރެއްވީ ރައީސް މުއިއްޒު އާއި އުރުދުގާންގެ ކުރިފުޅުމަތީގައި ކަމަށް ވިދާޅުވިއެވެ.
ރައީސް މުއިއްޒު އާއި އުރުދުގާންގެ ބައްދަލުކުރެއްވުމުގައި، މި ދުވަސްވަރު އިޒްރޭލުން ދެމުންދާ ހަމަލާތަކާ ގުޅިގެން ފަލަސްތީނުގެ ހާލަތާމެދު މަޝްވަރާ ކުރައްވާފައިވެއެވެ. އެގޮތުން އިޒްރޭލުން ދެމުންދާ އިހާނެތި ހަމަލާތައް ދެ ރައީސުންވެސް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައި ވާއިރު، ފަލަސްތީނަށް ދާއިމީ ހައްލެއް ގެނެވޭނީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައަޅާފައިވާ ގޮތަށް، އިރުމަތީ ގުދުސް ފަލަސްތީނުގެ ވެރިރަށެއްގެ ގޮތުގައި ކަނޑައަޅައި ފަލަސްތީނު މިނިވަން ކޮށްގެން ކަމަށް ދެ ރައީސުންވެސް ފާހަގަ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސްގެ ތުރުކީ ދަތުރުފުޅަކީ އެމަނިކުފާނުގެ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އެއީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި ތުރުކީގެ ވަފުދު އެރުވި ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. ދެ ދުވަހުގެ އެ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ރައީސް ރާއްޖެ ވަޑައިގެންނެވުމުގެ ކުރިން، މި މަހުގެ 30 ވަނަ ދުވަހު ދުބާއީގައި ބާއްވާ ކޮޕް28 ސަމިޓުގައި ބައިވެރިވަޑައިގަންނަވާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު