ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކަށް ކަނޑައަޅާފައިވާ ލިމިޓަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އެހެން ވިދާޅުވީ ތުރުކީއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އިއްޔެ އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލު ކުރައްވައި އެ މީހުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުވުމުގައި ތުރުކީވިލާތުގައި ދިރިއުޅެމުންދާ ދިވެހިން ވަނީ އެފަރާތްތަކަށް ސަރުކާރުގެ އެހީތެރިކަން ބޭނުންވާ ކަންކަމާއި އެގައުމުގައި ކުރިމަތިވާ ގޮންޖެހުންތައް ރައީސްއާ ހިއްސާ ކޮށްފައެވެ. އޭގެތެރޭގައި ތުރުކީވިލާތުގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ނެތުމުން ކުރިމަތިވާ ގޮންޖެހުންތަކާއި ރާއްޖެއިން ބޭރުގައި ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓްތަކުން ފައިސާ ނެގޭ އަދަދު މިހާރު ކަނޑައަޅާފައިވާ މިންގަނޑުގެ ސަބަބުން ދިމާވާ އުނދަގޫތައް ހިއްސާކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ތުރުކީވިލާތުގައި ދިރިއުޅެމުންދާ ދިވެހިން ބޭނުންވާ ކަންތައްތަކާއި އެފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތައް ބައްލަވައި އެކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ. އަދި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް ދެވެން އޮތް ހުރިހާ ލުއި ފަސޭހައެއް ހޯދައިދެއްވަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި ކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ އެމްބަސީއެއް ތުރުކީގައި ގާއިމު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މަޝްވަރާ ކުރައްވާނެ ކަމަށާއި އަންނަ އަހަރުން ފެށިގެން ދިވެހިންނަށް ހާއްސަކޮށް ތުރުކީން 30 ސޮކްލަޝިޕު ދޭން ފަށާނެ ކަމަށެވެ. ބީއެމްއެލުން މިހާރު ކަނޑައަޅާފައިވާ ކާޑު ލިމިޓަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން، ޑެބިޓް ކާޑުން މަހެއްގެ މައްޗަށް ގިނަވެގެން ނެގޭ ވަރު ވަނީ 250 ޑޮލަރަށް ކުޑަކޮށްފައެވެ. އަދި ކްރެޑިޓް ކާޑަކުން މަހެއްގެ މައްޗަށް ގިނަވެގެން ނެގޭވަރު ވަނީ 750 ޑޮލަރަށް ކުޑަކޮށްފައެވެ. ރައީސް ޑރ. މުއިއްޒުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައިވެސް ވަނީ ރާއްޖޭން ބޭރުގައި ތިބޭ ދިވެހިންނަށް ފަސޭހަކޮށްދިނުމަށް މިހާރު ކްރެޑިޓް ކާޑުން ނެގޭ 750 ޑޮލަރުގެ ލިމިޓު މަތިކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު