އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން 20 ދުވަހުގެ ތެރޭގައި ފުލެޓުތަކުގެ މައްސަލަ ބަލައި ނިންމުމުން ފުލެޓުތައް ހަވާލުކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެއެވެ.
ގޯއްޗާއި ފުލެޓުތަކުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއަށް ހައުސިން މިނިސްޓަރު ހައިދަރު މިއަދު ވަނީ ހާޒިރުކުރައްވައިފައެވެ. އޭސީސީން ފުލެޓުތަކުގެ މައްސަލަ ބަލަމުންގެންދާތީ، އެކަން ހުއްޓިފައި އޮތުމުން ކޮމިޓީގެ މެންބަރުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، މިނިސްޓަރާ ސުވާލުތަކެއް ކުރިމަތިކުރުވައިފައެވެ.
ކޮމިޓީގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ އޭސީސީގެ އެންގުމުގެ މަތިން ފުލެޓުތައް ހަވާލުކުރުމުގެ މަސައްކަތް ހުއްޓާލާފައި އޮތީ މިދިޔަ ސަރުކާރުން ކަމަށާއި އޭސީސީން އެގޮތަށް އަންގާފައިވުމުން މި ސަރުކާރުން ވެސް އެ މަސައްކަތް ކުރިއަށްގެންދެވޭނީ އެ މައްސަލައަށް ގޮތެއް ނިންމުމުން ކަމަށެވެ.
"އޭސީސީން ހުއްޓާލާފައި އޮތީމާ، އެކަން އަވަސްކުރަން ބޭނުންވާތީ އެކަން ކުރިއަށްގެންދެވޭނީ ކޮން އިރަކުންތޯ ބަލަން އަޅުގަނޑުމެން އޭސީސީއާ ބައްދަލުކޮށްގެން އަޅުގަނޑުމެންނަށް އޭސީސީން އެންގެވި އެންގެވުމާ އެއްގޮތަށް އަޅުގަނޑުމެންނަށް މިވަގުތު ކުރިއަށްގެންދެވެން އޮތީ. އެބޭފުޅުން ވިދާޅުވަނީ ފުރަތަމަ މަރުހަލާ 20 ދުވަހުގެ ތެރޭގައި ނިންމަވާނަމޭ. އެ ހިސާބުން މައްސަލައެއް ނެތް ކަމަށްވަންޏާ، ހަވާލުކުރުމުގެ އެއްވެސް ހުރަހެއް ނާންނާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ހައިދަރު ވިދާޅުވީ އޭސީސީން ޖިނާއީ ތަހުގީގެއް ހިންގާތީ، ހެކީގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި އެ ކޮމިޝަނުން ވަކި ގޮތެއް އަންގަންދެން ޕޯޓަލްގެ ފުލެޓުތަކާ ބެހޭ ބައިން އެ ކޮމިޝަނަށް ދޭ އެކްސެސް ފިޔަވައި، އެހެން ހުރިހާ ފަރާތްތަކަށް ދީފައިވާ އެކްސެސް ވަގުތީގޮތުން ކަނޑާލުމަށް އަންގާފައިވާ ކަމަށެވެ.
"ޖިނާއީ ތަހުގީގެއް ހިންގަވާ ކަމަށްވަންޏާ، އަދިވެސް އެއަށްވުރެ ގިނަ ދުވަސް ނަގާފާނެކަމަށް. އެހެންނަމަވެސް އަޅުގަނޑު އޮޅުންފިލުވާނަން އޭސީސީން ކިހާ ދުވަހެއްތޯ ނަގާނީ ޖިނާއީ ތަހުގީގަށް. އެއީ ޖިނާއީ ތަހުގީގަކަށްވާތީ މިހާރު އެ އޮތް މުއްދަތަށްވުރެ ގިނަ ދުވަސް ނަގާފާނެހެން،" މިނިސްޓަރު ވިދާޅުވިއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ފްލެޓު ދޫކުރުމުގެ ހުރިހާ މަސައްކަތެއް ހުއްޓާލަން އޭސީސީން އަންގާފައިވަނީ މިމަހުގެ 16 ގައެވެ. އޭރު ދާއިމީ ލިސްޓު އިއުލާންކޮށް، މިހާރު އިމާރަތްކުރަމުން އަންނަ 4،000 ފްލެޓު ލިބޭ މީހުންގެ ގުރުނެގުން ވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓު ފުރަތަމަ އާންމުކުރީ މިމަހުގެ ހަތަރުވަނަ ދުވަހުއެވެ. ނަމަވެސް ފުލެޓު ދިނުމުގައި ހަމަހަމަކަން ނެތްކަމަށް ބުނެ ފުލެޓަށް ކުރިމަތިލި ގިނަބަޔަކު ހައުސިން މިނިސްޓްރީގައި އިހުތިޖާޖު ކުރަން ފެށުމުން ވަނީ، ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފައެވެ.
އެ ސްކީމުގެ ދަށުން ފުލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށްފައިވަނީ ޕޮއިންޓް ދިނުމުގެ އުސޫލާ ހިލާފަށް އަދި ވަކި ބަޔަކަށް ނާޖާއިޒު މަންފާ ހޯދައިދިނުމަށް ކަމަށް ބުނެ އޭސީސީއަށް ވަނީ މައްސަލަ ހުށަހަޅައިފައެވެ. އެ ކޮމިޝަނުން ވަނީ ފްލެޓުތައް ހަވާލުކުރުމުގެ ކަންކަން، ޝަކުވާ ހުށަހަޅަން އެކަށީގެންވާ މުއްދަތެއް ދިނުމަށްފަހު، އެ ޝަކުވާތަކަށް ބެލުމަށް ފަހު ނޫނީ ކުރިއަށް ނުގެންދަން އަންގައިފައެވެ. އޭސީސީން ވަނީ އެ މައްސަލައިގައި ހައުސިން މިނިސްޓްރީ ވެސް ބަލައި ފާސްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު