މާލޭ ސިޓީއަށް މޭޔަރަކު ހޮވުމުގެ އިންތިހާބު އަންނަ ޖެނުއަރީ 13ގައި ބާއްވަން ނިންމައި، އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް މިއަދު "ވަން" ވިދާޅުވީ މާލޭގެ މޭޔަރު ކަމުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ 13 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
މާލޭގެ މޭޔަރުގެ މަގާމު ހުސްވެފައި ވަނީ އެ މަގާމުގައި ހުންނެވި. ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ރައީސް ކަމުގެ ހުވާ ކުރެއްވުމަށް މި މަހުގެ 17 ވަނަ ދުވަހު މޭޔަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
މޭޔަރުގެ މަގާމުގެ އިތުރުން މާލޭ ސިޓީ ކައުންސިލުގެ އިތުރު ތިން މަގާމެއް އޮތީ ހުސްކޮށެވެ. އެއީ މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އަބްދުﷲ ނާސިރާއި ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރު ފާތިމަތު ޝަމްނާ އަލީ ސަލީމާއި މެދުހެންވޭރު ދާއިރާގެ ކައުންސިލަރު އާދަމް ރަމީޒް ވަނީ، ރައީސް މުއިއްޒު ހުވާ ކުރެވުމަށް ފަހު ސަރުކާރުގެ މަގާމުތަކަށް ވަޑައިގަތުމަށް އެ ކައުންސިލަރުން އިސްތިއުފާ ދެއްވައިފައެވެ.
އެހެންކަމުން އެ ގޮނޑިތަކާއި އިތުރު 18 ރަށެއްގެ ކައުންސިލު މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ތަކުގެ ބައި އިލެކްޝަން އިންތިހާބުވެސް ބާއްވާނީ އެއްކޮށް ކަމަށް ހަބީބް ވިދާޅުވިއެވެ.
އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު، އެ މަގާމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ފަރާތްތަކުގެ ތެރޭގައި ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރާއި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުރުގައި ޔޫތް މިނިސްޓަރަކަށް ހުންނެވި އަހުމަދު މަހުލޫފާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދުވެސް ހިމެނިވަޑައިގަންނަވައެވެ.
އޭގެ އިތުރުން، މިހާރު ސިޓީ ކައުންސިލްގެ ކައުންސިލަރަކަށް ހުންނެވި މުހައްމަދު ސައިފް ފާތިހްވެސް ޝައުގުވެރިކަން ފާޅުކުރައްވައި، ކެމްޕޭން ދަނީ ކުރައްވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު